ލެބެނާނުގެ ބޮޑުވަޒީރުކަމަށް މުސްޠަފާ އަދީބު އައްޔަންކުރައްވައިފި

ލެބެނާނުގެ ބޮޑުވަޒީރުކަމަށް މިއަދު އައްޔަންކުރެއްވި މުސްޠަފާ އަދީބު

ލެބެނާން (ލުބްނާން) ގެ ރައީސު މިޝޭލް އައުން އެގައުމުގެ ބޮޑުވަޒީރުކަަމަށް ޑިޕްލޮމޭޓް މުސްޠަފާ އަދީބު އައްޔަންކުރައްވައިފިއެެވެ. ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކުރައްވާފައިވާ އަދީބު އެ މަގާމަށް އައްޔަންކުރެއްވިއިރު، 2013 ވަނަ އަހަރުން ފެށިގެން އޭނާ ހުންނެވީ ޖަރުމަނުގައި ހުންނަވާ ލެބެނާނުގެ ސަފީރުކަމުގެ މަގާމުގައެވެ.

ގާނޫނުހަދާ މަޖިލީހުގައި މިހާރު ތިއްބެވި 120 މެންބަރުންގެ ތެރެއިން 90 މެންބަރުން އޭނާއަށް ތާއީދުކުރައްވާފައި ވެއެވެ. ޝީޢާ ޖަމާއަތް ޙިޒްބުﷲއާއި ގާނޫނުހަދާ މަޖިލީހުގައި އެޖަމއަތާއެކު މަސައްކަތްކުރާ ފްރީ ޕެޓްރިއޮޓިކް މޫވްމަންޓާއި، އަމަލް މޫވްމަންޓްގެ އިތުރަަށް ސުންނީ މުސްލިމުންގެ ސިޔާސީ ލީޑަރު ސަޢުދު ޙަރީރީގެ ފިއުޗާ މޫވްމަންޓް ވަނީ މުސްޠަފާ އަދީބަށް ތާއީދުކޮށްފައެވެ.

މިރޭ އިރާކޮޅުގެ ވަގުތެއްގައި ފްރާންސުގެ ރައީސު އިމާނުއެލް މެކްރޯން ލެބަނާނަށް ވަޑައިގަތުމުގެ ކުރިން ބޮޑުވަޒީރަކު އައްޔަންކުރެއްވުމަށްޓަކައި ރައީސު ޢައުނު ވަނީ ގިނަ ސިޔާސީ ފަރާތްތަކަކާ މަަޝްވަރާކުރައްވާފައެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސު ޢައުނާ ބައްދަލުކުރައްވައި ބޮޑުވަޒީރުކަމަށް އުމުރުފުޅުން 48 އަހަރުގެ އަދީބުގެ ނަންފުޅު ހުށަހެޅުއްވީ ކުރީގެ ބޮޑުވަޒީރު ނަޖީބު މީޤާތީއެެވެ.

"ބޮޑުވަޒީރުކަމުގެ މަގާމަށް އަހަރެން ސަފީރު މުސްޠަފާ އަދީބުގެ ނަން ހުށަހަޅައިިފިން. އެއީ ފަންނީ ބޭފުންގެ މައްޗަށް އެކުލެވޭ ފުރިހަމަ ޓީމަކާއެކު މަސައްކަތްކުރެއްވުމަށް. އެކަން ވެއްޖެއްޔާ އުއްމީދުން ފުރިގެންވާ މުސްތަޤުބަލެއްގެ ވައުދު އަހަރުމެންނަށް ލެބެނާނުގެ ރައްޔިތުންނަށް ވެވިދާނެ." ރައީސު ޢައުނާ ބައްދަލުކުރެއްވުމަށް ފަހު މީޤާތީ ވިދާޅުވިއެވެ.

ރަައީސު ޢައުން ވަނީ މީޤާތީގެ އިތުރަށް ކުރީގެ ބޮޑުވަޒީރުން ކަމުގައިވާ ތައްމާމް ސަލާމް އަދި ސަޢުދު ޙަރީރީއާއި ގާނޫނުހަދާ މަޖިލީހުގެ ރައީސު އީލީ ފަރްޒަލީއާވެސް މަޝްވަރާކުރައްވާފައެވެ.

އިގްތިސާދީ ދަތިތަކެއްގެ ތެރޭގައި ވަނިކޮށް ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުން އިނދަ ޖެހިފައި އޮތް ލެބެނާން އިތުރު މައްސަލަތަކެއްގެ ތެރެއަށް ވެއްޓިގެން ދިޔައީ މި އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ވެރިރަށް ބޭރޫތުގައި ގޮވި ވަަރުގަދަ ގޮވުމާއެކު ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުންނެވެ. މިމައްސަލަތަކުގެ ތެރޭގައި ބޮޑުވަޒީރު ޙައްސާން ދިޔާބު ވަނީ އިސްތިއުފާދެއްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.