17 އަހަރުވީ ދާޚިލީ ހަނގުރާމަ ހުއްޓާލަން ސޫދާނުގެ ހަނގުރާމަވެރިން އެއްބަސްވެއްޖެ

ސޫދާން ރިވޮލިއުޝަނަރީ ފްރަންޓް (އެސްއާރްއެފް) ގެ ހަނގުރާމަވެރިންތަކެއް

ސޫދާނުގައި ފާއިތުވި 17 އަހަރު ދުވަހު ސަރުކާރާ ހަނގުރާކުރަމުން ދިޔަ ހަނގުރާމަަވެރިން ހަނގުރާމަ ހުއްޓާލައި ސަރުކާރާ ސުލްހަވުމަށް އެެއްބަސްވެއްޖެއެެވެ.

ސޫދާނުގެ ރަސްމީ ނިއުސް އެޖެންސީ ސުނާއިން ބުނި ގޮތުގައި ދާރުފޫރު، ދެކުނު ކުރްދުފާން އަދި އައްނީލުލް އަޒްރަޤް (ބްލޫނައިލް) ޕްރޮވިންސުތަކުގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ ހަނގުރާމަވެރިންގެ އިއްތިހާދު، ސޫދާން ރިވޮލިއުޝަނަރީ ފްރަންޓް (އެސްއާރްއެފް) އިން ވަނީ ހޮނިހިރު ދުވަހު ސަރުކާރާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރަން އެެއްބަސްވެފައެވެ.

މި އެެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ ދެކުނު ސޫދާނުގެ ވެރިރަށް ޖޫބާގައެވެ. 2019 ވަނައަހަރުގެ ސެޕްޓެންބަރު މަހުއްސުރެ ދެ ފަރާތުގެ ދެމެދުގައި ކުރިއަށް ދިޔަ ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ ދެކުނު ސޫދާނެވެ. ނަސާރާއިން ގިނަ ދެކުނު ސޫދާނަކީ އަހަރުތަކަށް މިނިވަންކަމުގެ ހަނގުރާމައެއް ކުރުމަށް ފަހު 2011 ވަނަ އަހަރުގެ ޖޫން މަހު ސޫދާނާއި ވަކިވެ މިނިވަންވި ގައުމެކެވެ.

ދެ ފަރާތުން އެއްބަސްވި ކަންކަމުގެ ތެރޭގައި ސަލާމަތީ ކަންކަމާއި، ބިމުގެ މިލްކުވެރިކަމާއި، އިންތިގާލީ އަދުލު އިންސާފާއި، ވެރިކަމުގެ ބާރުތައް ހިއްސާކުރުމާއި، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން އެމީހުންެގެ ގެދޮރަށް އަނބުރާ ގެނައުމުގެ ފުރުސަތު ދިނުން ހިމެނެއެެވެ. މި އެެއްބަސްވުމުގެ ދަށުން ސޫދާނުގައި މިހާރު ވެރިކަންކުރާ ޓްރާންސިޝަނަލް ކައުންސިލަށް ހަނގުރާމަވެރިންްގެ އިންތިހާދުގެ ތިން މެންބަރުން އިތުރުކުރާނެއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ހަނގުރާވެރި ލަޝްކަރުތައް ރޫޅާލައި އެމީހުން ސޫދާނުގެ ގައުމީ ލަޝްކަރުގެތެރެއަށް ވަައްދަން ވަނީ ހަމަޖެހިފައެވެ.

ސޫދާނު ސަރުކާރާ ދެކޮަޅަށް ދާރްފޫރު ޕްރޮވިންސުގެ މީހުން ހަތިޔާރު އުފުލީ ސަރުކާރުން އެ ސަަރަހައްދާމެދު އަޅާ ނުލާ ކަމަށް ބުނެއެވެ. 2003 ވަނަ އަހަރުއްސުރެ ދާރްފޫރުގައި ކުރިއަށް ދިޔަ ހަނގުރާމައިގައި 3 ލައްކައެއްހާ މީހުން މަރުވެފައި ވެއެވެ. ދެކުނު ކުރްދުފާނާއި، އައްނީލުލް އަޒްރަޤުގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފެށީ 2011 ވަނަ އަހަރުއެވެ.

ސޫދާނުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކް އަދި ބައެއް ވަޒީރުން މިހާރު ވަނީ މިއެއްބަސްވުނުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަް ޖޫބާއަށް ވަޑައިގެންފައެވެ. ޙަމްދޫކް ވަނީ ދެކުނު ސޫދާނުގެ ރައީސު ސިލްވާ ކީރްއާ ބައްދަލުކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.