ތާރީޚީ ކާމިޔާބީއެއް: އެފްރިކާއިން ވައިލްޑް ޕޯލިއޯ ނައްތާލެވިއްޖެ

އެފްރިކާގައި އެންމެ ފަހުން ވައިލްޑް ޕޯލިއޯ ވައިރަސް ނައްތާލެވުނު ގައުމު ނައިޖީރިޔާގައި ކުޑަކުއްޖަކަށް ޕޯލިއޯ ވެކްސިން ދެނީ

އެތައް އަހަރެއްގެ މަސައްކަތަށް ފަހު އެފްރިކާއިން ވައިލްޑް ޕޯލިއޯ ނައްތާލެވިފައިވާކަން ސިއްހީ މާހިރުން އިއުލާންކުރައްވައިފިއެވެ. މިއީ އެތައް މިލިއަން ކުދިން ނުކުޅެދުންތެރިކޮށްލާ ނުރައްކާތެރި ބަލި ދުނިޔެއިން ނައްތާލުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

އެފްރިކާއިން ޕޯލިއޯ ވައިރަސް ނައްތާލުމާ ބެހޭ މަސައްކަތް ބަލަމުން އަންނަ މިނިވަން އިދާރާއެއް ކަމުގައިވާ، އެފްރިކަން ރީޖަނަލް ސެޓިފިކޭޝަން ކޮމިޝަން ފޯ ޕޮލިޔޯ އިރެޑިކޭޝަންއިން އަންގާރަ ދުވަހު އިއުލާންކުރި ގޮތުގައި 2016 ވަނަ އަހަރު ނައިޖީރިޔާއި ވައިލް ޕޯލިއޯވައިރަސް ފެނުނު ފަހުން އެފްރިކާގެ އެއްވެސް ގައުމަކުން އެ ވައިރަސް ފެނިފައި ނުވެއެވެ.

"މިއީ އާއްމު ސިއްހަތުގެ ތާރީޚުގައި ހާސިލުކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް." އެފްރިކާއިން ޕޯލިއޯ ނައްތާލުން ފާހަގަކުރައްވަމުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ލިއުއްވާފައި ވެއެވެ.

ޕޯލިއޯ އާއްމުކޮށް ޖެހެނީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. މި ވައިރަސް ޖެހޭ ގިނަ ކުދިން ނުކުޅެދޭ ކުދިންނަށް ވެއެވެ. އަދި ނޭވާލުމުގެ ނިޒާމަށް ޖެހިއްޖެނަމަ ނޭވާ ނުލެވިގެން މަރުވެއެވެ.

ދުނިޔޭގައި މިހާރު ވައިލްޑް ޕޯލިއޯވައިރަސް ފެންނަނީ އަފްޣާނިސްތާނާއި ޕާކިސްތާނުން އެކަންޏެވެ.

ޕޯލިއޯއަކީ ފަރުވާއެއް ނެތް ބައްޔަކަށް ވިޔަސް ވެކްސިން ދިނުމުން ކުޑަކުދިން އެ ބަލިން ސަލާމަތް ކުރެވެއެވެ. 1961 ގައި އަނގައިން ދެވޭ ވެކްސިން އުފެއްދިފަހުން ޕޯލިއޯއާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔައެވެ.

1996 ވަނަ އަހަރު ޕޯލިއޯވައިރަސް އެފްރިކާގެ 75 ހާސް ކުދިންނަށް ޖެހުނަސް އޭގެ 24 އަހަރު ފަހުން މިވަނީ އެބަލީގެ މައްޗަށް ތާރީޚީ ކާމިޔާބީއެއް ހޯދިފައެވެ.

އެފްރިކާއިން ވައިލް ޕޯލިއޯ ނައްތާލެވުނަސް އަދިވެސް ވެކްސިންއިން ފެތުރޭ ޕޯލިޔޯވައިރަސް އެފްރިކާއިން ނައްތާނުލެވެއެވެ. ވެކްސިންއިން ފެތުރޭ ޕޯލިއޯ ފެތުރެނީ ސިއްހީ ގޮތުން ރައްކާތެރި ނަރުދަމާގެ ނިޒާމު ނެތް ފަގީރު ގައުމުތަކުގައެވެ. ޕޯލިއޯއިން ރައްކާތެރިވުމަށް ދޭ ވެކްސިންގައި ހުންނަނީ ބާރުދެރަކޮށްފައިވާ ޕޯލިއޯ ވައިރަހެވެ. އަނގައިން ދެވޭ ޕޯލިއޯ ވެކްސިން ކުއްޖާގެ ހަޖަމުކުރުމުގެ ނިޒާމުގެ ތެރޭގައި އިތުރުވެއެވެ. އަދި ބޮޑުކަމުދާ ތަކެއްޗާއެކު ބޭރުވެއެވެ. އެއަށް ފަހު ބޯފެނަށް އޭގެ އަސަރުކޮށްފިނަމަ އެ ވައިރަސްއިން އަނެއްކާ ޕޯލިއޯ ފެތުރެއެވެ. މިއީ ވަރަށް މަދުން ދިމާވާ ކަމެކެވެ.

އެފްރިކާއިން އަދިވެސް މިގޮތަށް ފެތުރޭ ޕޯލިއޯ ނައްތާނުލެވެއެވެ. ފާއިތުވި އަހަރު މިގޮތަށް ފެތުރޭ ވައިރަސް އެފްރިކާގައި 177 ކުއްޖަކަށް ޖެހިފައި ވެއެވެ. އެއީ ނައިޖީރިޔާ، ޑީއާރް ކޮންގޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި އެންގޯލާގައެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި މިއީ އެފްރިކާއިން ވައިރަހެއް ނައްތާލެވުނު ދެވަނަ ފަހަރެވެ. މީގެ 40 އަހަރުކުރިން އެފްރިކާއިން ކަށިވިދުރި (ސްމޯލްޕޮކްސް) ވައިރަސް ވަނީ ނައްތާލެވިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.