އައިއޭއީއޭއިން އީރާނާމެދު އަމަލުކުރަނީ ސިޔާސީ ނަޒަރަކުން ބަލައިގެންނެއް ނޫން: ގްރޮސީ

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓަރ ޖެނެރަލް ރަފާއެލް ގްރޮސީ އީރާނުގައި

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން އީރާނާމެދު އަމަލުކުރަނީ ސިޔާސީ ނަޒަރަކުން ބަލައިގެން ނޫންކަމުގައި އެ އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް ރަފާއެލް ގްރޮސީ ވިދާޅުވެއްޖެއެވެ.

"އީރާނާމެދު ސިޔާސީ އުސޫލަކުން އަމަލުނުކުރަން. ހައްލުކުރަންޖެހޭ މައްސަލަތަކެއް އެބަހުރި. އޭގެ މާނައަކީ އީރާނާމެދު ސިޔާސީ ނަޒަރަކުން ބެލުމެއްނޫން." އީރާނުން ނިއުކުލިޔާ މަރުކަޒުގެ ގޮތުގައި ބޭނުންކުރި ދެ ތަނެއް ބަލައި ފާސްކުރަން އެ އެޖެންސީގެ އިންސްޕެކްޓަރުންނަށް ފުރުސަތުދިނުމާމެދު މަޝްވަރާކުރެއްވުމަށް އީރާނަށް ވަޑައިގެން އުޅުއްވާ ގްރޮސީ ވިދާޅުވިކަމަށް އީރާނުގެ އައިއެސްއެންއޭ ނިއުސް އެޖެންސީން ޚަބަރުދީފައި ވެއެވެ.

އަނެއްކޮޅުން އެޓޮމިކް އެނާޖީ އެޖެންސީ އޮފް އީރާން (އޭއީއޭއައި) ގެ ވެރިޔާ ޢަލީ އަކްބަރް ޞާލިޙީ ވިދާޅުވިގޮތުގައި އައިއެއީއޭގެ ޑިރެކްޓަރ ޖެނެރަލްއާއެކު ކުރެވިފައިވަނީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެކެވެ.

ގްރޮސީ އީރާނަށް ވަޑައިގެންފައި މިވަނީ 2015 ވަނަ އަހަރުގެ ނިއުކުލިޔާ އެއްބަސްވުމާ ގުޅިގެން އުވާލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އީރާނާ ދެކޮޅަށް އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށެވެ.

"މިއަދު އަހަރުމެން ކުރީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް. (އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ) އެޖެންސީން އެޖަމާއަތުގެ މިނިވަން އަދި ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށާއި، އީރާނުގެ ގާނޫނީ ވާޖިބުތައް އީރާނުން ފުރިހަމަކުރުމަށް އެއްބަސްވެވުނު." ޞާލިޙީ ވިދާޅުވިއެވެ.

"އީރާނާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއާ ދެމެދު އެއްބާރުލުން ދިނުމުގެ އާ ބާބެއް ފެށިގެން ދާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.

އައިއޭއީއޭގެ ވެރިޔާ އީރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަ ދިމާކޮށް، އީރާނުގެ ރައީސޫ ޙަސަން ރޫޙާނީ ވަނީ އީރާން-އެމެރިކާގެ މައްސަލައާމެދު ވާހަކަފުޅުދައްކަވާފައެވެ.

"އެމެރިކާއިން ގެންގުޅޭ ވީ އެންމެ ބޮޑަކަށް އީރާނަށް ފިއްތުން ކުރިމަތިކުރުމުގެ ސިޔާސަތު ވަނީ %100 ފޭލްވެފައި. ވޮޝިންޓަނުން އަހަރުމެންނާ ވާހަކަދައްކަން ބޭނުމިއްޔާ އެމީހުން ޖެހޭނީ ނިއުކުލިޔާ އެއްބަސްވުން ދޫކޮށް ދިޔަކަމަށްޓަކައި މާފަށް އެދި އަލުން އޭގައި ބައިވެރިވާން." ޓީވީން ވަގުތުން ދެއްކި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސު ރޫޙާނީ ވިދާޅުވިއެވެ.

"ޓްރަމްޕް މާގިނައިން ވާހަކަފުޅު ދައްކަވަނީ. އެމެރިކާގައި ދެން ހޮވިވަޑައިގަންނަވާ ރައީސަކަށް، އެއީ ޓްރަމްޕް ކަމުގައި ވިޔަސް އަދި އެހެން ބޭފުޅަކު ކަމުގައި ވިޔަސް، ޖެހިވަޑައިގަންނަވާނީ އީރާނާ މުއާމަލާތްކުރައްވާ ގޮތް ބަދަލުކުރައްވަން." އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.