މާލޭ ރަށް ވެހިންނަށް އސްކަންދީ ހަތަރު ކެޓަގަރީއަކުން ހިޔާ" ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އިޢުލާންކޮށްފި އެވެ.
މިއަދު ވަގުތީ ލިސްޓް ނެރުއްވައިފައި ވަނީ H8, H5, H4 އަދި H10 ކެޓަގަރީ ންނެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓަގަރީ، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްޞަ ކެޓަގަރީއެވެ.
ފްލެޓްތަކުގެ މައްސަލަބެލުމުގެ ކަންކަން ގެނެދެވިގޮތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ފަލެޓް ކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދު ވުދާޅުވީ ކޮމެޓީއާ މަސައްކަތް ޙަވާލުވިއިރު ހިޔާ މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތައް ބަލަހައްޓާފައިވަނީ ބައިތަކަށް ބަހާލެވިގެން ނޫންކަމަށެވެ. އެފޯމުތައް ކެޓަގަރީތަކަށް ބަހާލައިގެން ވަކިކުރުމާއި ފޯމުތަކާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހަމައަށް ހުރިތޯ އަދި ބައެއް ފޯމުތަކާއެކު ހުށަހަޅާފައިވާ ބައެއް ލިޔުންތަކުގެ ސައްޙަކަން ކަށަވަރުކުރުން ފަދަ މަސައްކަތްތައް ކޮންމެ ފޯމަކާ ގުޅިގެން ވަކިވަކިން ކުރަންޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
އަލްއުސްތާޛު ޠާހާ ވަނީ ކޮމެޓީން ފޯމުތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފޯމުތަކުގައި ގިނަ ޕޮއިންޓުތަކެއް ދިނުމަށް ޚާއްޞަކޮށްފައިވާ ދިރިއުޅުމުގެ ޙާލަތު ބެލުމާބެހޭ ބަޔަށް ޕޮއިންޓު ދިނުމުގައި އެއްވެސް އުޞޫލެއް ގެންގުޅެފައި ނުވާކަން ފާހަގަ ކުރެއްވިއެވެ. މާރކްސް ދިނުމުގައި ބިންވެރިކަން ހުރި މީހުންތޯ ނުވަތަ ނޫންތޯ ބަލާފައި ނުވުމާއި ދަރިންތިބި ޢަދަދު ކަށަވަރުކޮށްފައި ނުވުން ވެސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މާލޭގެ ދަފްތަރުގައި ޖައްސައި އެންމެ ދުވަހެއް ވެފައިވާ ފަރާތްތަކަށްވެސް ޝަރުތު ހަމަވާކަމަށް އިޢުލާންކޮށްފައިވުން ފަދަ މައްސަލަތައް ހުރިކަން ފާހަގަކުރެއްވިއެވެ.
މެންބަރު ޠާހާ ވިދާޅުވީ ފްލެޓް ކޮމެޓީން މަސައްކަތް ކުރިޔަށްގެންދެވިއިރު ދިރިއުޅުމުގެ ޙާލަތު ބެލުމަށް ގޭގައަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ޙާލަތު ބައްލަވައިފައި ވާނެކަމަށެވެ. އަދި ބިންވެރިކަން ހުރިނެތްގޮތާއި އަދި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައިވާ މަޢުލޫމާތު ކަށަވަރުކުރުންފަދަ މުހިންމު ބަދަލުތަކެއް ގެންނަވާފައިވާނެ ކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ ވަގުތީ ލިސްޓްތައް އިޢުލާންކުރުމުގައި އެމީހަކަށް ކުރިން ލިބިފައިވާ މާރކްސްއާއި މިހާރު އިވެލުއޭޓްކުރުމުން ލިބުނު މާރކްސް ވެސް ފެންނަގޮތަށް ހިމަނާފައިވާނެކަންވެސް މެމްބަރ ތާޙާ ފާހަގަ ކުރެއްވިއެވެ.
މި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފޯމުތައް މުރާޖަޢާކޮށް ޝަރުތު ހަމަވާކަމަށް ކަނޑައަޅުއްވާފައި ވާނީ 50 އިންސައްތައިން ފެށިގެން މަތިން މާރކްސް ލިބޭ ފަރާތްތަކަށް ކަމަށެވެ. ކެޓަގަރީތަކަށް ކަނޑައަޅާ ފްލެޓްގެ ޢަދަދު ކަނޑައެޅުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަންދެއްވާފައި ވާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭ ރައްޔިތުންނަށް އިސްކަން ދެއްވުމަށް ނިންމެވީ، މާލޭގެ ރައްޔިތުންގެ ކެޓަގަރީގައި ހިޔާ މަޝްރޫޢުގައި ޝަރުތު ހަމަވާ ފަރާތްތަކަކީ ރާއްޖޭގެ އެހެން ސަރަޙައްދަކުން ފުލެޓް ލިބުމުގެ ފުރުޞަތު އޮންނާނެ ބަޔަކަށް ނުވާތީކަމަށެވެ.
ހިޔާ މަޝްރޫޢުގެ 7000 ހައުސިންގް ޔުނިޓްގެ ތެރެއިން މިހާރު ހުރި 6720 ހައުންސިންގ ޔުނިޓް ކެޓަގަރީތަކަށް ކަނޑައަޅާގައިވާ ގޮތުގެ މަޢުލޫމާތު މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ޙިއްޞާކުރައްވާފައިވެއެވެ. ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 14 ސެޕްޓެންބަރު ގެ 15:00 ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ.