ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތްގޮތުން ދުނިޔޭގެ ތަނަވަސް ޤައުމުތަކުން ފައިސާ ލިބުމަށް ހުރަސް އެޅޭ: ޝަރީފް

ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތް ގޮތުން ދުނިޔޭގެ ތަނަވަސް ޤައުމުތަކުން ފައިސާ ލިބުމަށް ހުރަސް އެޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް  ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ގެއްލުން ވާކަމަށް ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މެމްޝަރީފް ވިދާޅުވީ ރާއްޖޭގެ މިއަދު ގެ ޚާރިޖީ ސިޔާސަތު އޮތީ އެއް ޤައުމަށް ބަރޯސާ ވެފައި ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި މުއްސަނދި ފައިސާ ހުރި ޤައުމުތަކުގެ ގޮތުގައި ވެސް ވަކި ޤައުމުތަކެއް ފާހަގައެއް ނުކުރައްވައެވެ. އޭނާ ވިދާޅުވީ ޑޮލަރުގެ ދަތިކަން އިންތިހާއަށް ދިމާވެފައިވާއިރު އެކަމަށް ވެސް އޮތް ހައްލަކީ އެކުވެރި ދައުލަތްތަކުން އެހީތެރިކަން ހޯދުން ކަމަށެވެ.

"ހިތާމައާއެކު ދަންނަވަން ޖެހޭނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތްގޮތުން އަޅުގަނޑުމެންނަށް ގިނަ ޤައުމުތަކުން އެހީތެރިކަން ލިބޭނެ ގޮތެއް މިއަދު ހަމަޖެހިފައި ނެތްކަން. ޚާރިޖީ ސިޔާސަތުގައި ހަމައެކަނި އެއް ބަޔަކަށް އަޅުގަނޑުމެން ބަރޯސާ ވުމުގެ ސަބަބުން ދުނިޔޭގެ ފައިސާ ގެންގުޅޭ ތަނަވަސް މީހުންގެ އެހީތެރިކަމެއް އަޚުގަނޑުމެނަށް ލިބޭނެ ގޮތެއް ނެތް." މަޑުއްވަރީ ދާއިރާގެ މެމްބަރ ވިދާޅުވިއެވެ.

މިބަހުސްގައި މެމްބަރުން ވަނީ ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ވެސް ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަން ފާހަގަ ކުރައްވައިފައެވެ. ޑޮލަރުގެ އަގު ބޮޑުވެފައި ވަނީ މިއަދުގެ ސަރުކާރުގެ މާލީ ސިޔާސަތުގެ ސަބަބުން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ. މިހާރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 20 ރުފިޔާއާއި 21 ރުފިޔާއާ ދެމެދުގައި ކަން މެމްބަރުން ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން އިންފްލޭޝަން މަތިވަމުން ދާކަމަށްވެސް އިދިކޮޅު މެމްބަރުން ފާހަގަ ކުރެއްވިއެވެ.  

ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މައްސަލަ ހުށަހެޅުއްވި މެމްބަރ މުޙައްމަދު ނަޝީދު ވިދާޅުވީ ބަލި ކޮންޓްރޯލު ކުރުމަށް އަލަށް އެޅި ފިޔަވަޅުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ކުދި ވިޔަފާރިތައް ބަނގުރޫޓު ވަމުންދާ ކަމަށެވެ. އަދި ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް ދެއްވުމަށް އެތަންތަނުން ދައްކަން ޖެހޭ ޖީއެސްޓީއަކަށް ވިއަސް ކުއްޔަކަށްވެސް ލުއިތަކެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް ރިސޯޓްތަކުން ދައްކަން ޖެހޭ ކުލި ކަނޑާލައި އެކި ލުއިތައް ދީފައިވާކަން ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.