އޮސްޓްރޭލިޔާގެ ރައްޔިތުންނަށް ކޮވިޑް- 19 ވެކްސިން ހިލޭ ލިބޭނެ: ބޮޑުވަޒީރު ސްކޮޓް މޮރިސަން

އޮސްޓްރޭލިޔާގައި އެންމެ ހަލުވިކޮށް ކޮވިޑް- 19 ފެތުރެމުން ދިޔަ ވިކްޓޯރިޔާ ސްޓޭޓުގައި ބަލި ފަތުރޭ މިންވަރު ދަށްވާން ފަށާފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ ވެކްސިން ލިބޭނެ މަގު ތަނަވަސްކޮށްފައެވެ.

މިހާރު އުފެއްދުމުގެ މަގުމަތީގައިވާ ކޮވިޑް- 19 ގެ ވެކްސިން އޮސްޓްރޭލިޔާގެ ރައްޔިތުންނަށް ފުދޭވަަރަށް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ ބޭސް އުފައްދާ ކުންފުނި އާސްޓްރާޒެނެކާއާއެކު އެއްބަސްވުމުގައި އޮސްޓްރޭލިޔާ ސަރުކާރުން ސޮއިކުރުމަށް ފަހު، ބޮޑުވަޒީރު ސްކޮޓް މޮރިސަން މިއަދު ވިދާޅުވީ އެ ވެކްސިން އޮސްޓްރޭލިޔާ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދެވޭނެ ކަމުގައެވެ.

"ތަޖުރިބާތައް ކާމިޔާބުވާ ފަދަ ހާލަަކަށް އަހަރުމެންނަށް ދެވިއްޖެއްޔާ، އަހަރުމެން އުއްމީދުކުރަނީ އަންނަ އަހަރުގެ ކުރީކޮޅު އެ ވެކްސިން ލިބޭނެކަމަށް." މޮރިސަން ވިދާޅުވިއެވެ.

"މި ވެކްސިން ކާމިޔާބުވެއްޖެނަމަ އަހަރުމެންގެ އަމިއްލަ ޚަރަދުގައި ވެކްސިން އުފައްދައި ސަޕްލައިކުރާނަން. އަދި އޮސްޓްރޭލިޔާގެ 25 މިލިއަން ރައްޔިތުންނަށް ވެކްސިން ހިލޭ ދޭނަން." އޭނާ އިތުރަށް ވިދާޅުވިއެވެ.

އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ހިލޭ ދިނުމަށް ހަމަޖެހިފައި ވާއިރު، ވެކްސިން ދިނުމުގައި އިސްކަންދޭނެ ތަރުތީބު ކަނޑައަޅާނީ ތަޖުރިބާކާރުންގެ ކޮމިޓީއަކުންނެވެ.

"ޠަބީއީ ގޮތުންވެސް އަހަރުމެންގެ އެންމެ ފުރަތަމަ އަމާޒަކަށް ވާނީ ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުން؛ އުމުރުން ދުވަސްވީ މީހުންނާ، ސިއްހީ ޚިދުމަތްތެެރިންނާ، ނުކުޅެދުންތެރިކަން ހުންނަ މީހުން." އޮސްޓްރޭލިޔާގެ ހެލްތު މިނިސްޓަރ ގްރެގް ހަންޓް ވިދާޅުވިއެވެ.  

އާސްޓްރާޒެނެކާއަކީ އޮކްސްފޯޑް ޔުނިވަސިޓީއާ ގުޅިގެން ވެކްސިން އުފެއްދުމަށް މަސައްކަތްކުރާ ކުންފުންޏެވެ. އޮކްސްފޯޑް ޔުނިވަސިޓީން ތައްޔާރުކުރަމުންދާ އޭޒެޑްޑީގެ 1222 ގެ ނަން ދެވިފައިވާ ވެކްސިން އުފެއްދުމުގެ ހުއްދަ ދެވިފައިވާ ކުންފުންޏަކީ އާސްޓްރާ ޒެނެކާއެވެ.

އޮކްސްފޯޑްގެ ވެކްސިނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ތަޖުރިބާތަކުގެ ތިން ވަނަ މަރުުހަލާގައިވާ 5 ވެކްސިންގެ ތެރެއިން އެއް ވެކްސިނެވެ. އެ ވެކްސިންގެ ތަޖުރިބާތަކުގެ ނަތީޖާތައް މިއަހަރު ފަހުކޮޅި ލިބޭނެކަމަށް ތަޖުރިބާކާރުން އުއްމީދުކުރެއެވެ.

އާސްޓްރާޒެނެކާގެ އިތުރަށް އޮސްޓްރޭލިޔާގެ ކުއީންސްލޭންޑް ޔުނިވަސިޓީއާ ގުޅިގެން ވެކްސިން އުފެއްދުމަށް މަަސައްކަތްކުރަމުންދާ އޮސްޓްރޭލިޔާގެ ކުންފުނި ސީއެސްއެލްއާއެކު އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތްވެސް އޮސްޓްރޭލިޔާ ސަރުކާރުން ދަނީ ކުރަމުންނެވެ.

ސީއެސްއެލްގެ ޗީފް އެގްޒެކަޓިވް ޕޯލް ޕެރޯލްޓް ވިދާޅުވިގޮތުގައި އެކުފުންނީގެ ވެކްސިން 2021 ވަނަ އަހަރުގެ މެދުތެރޭގައި ނެެރެވޭ ވަރު ވާނެއެވެ.

އޮސްޓްރޭލިޔާގެ ދެވަނައަށް އެންމެ މީހުންެ ގިނަ ސްޓޭޓް ވިކްޓޯރިޔާގައި ދެވަނަ ބުރަކަށް ކޮވިޑް- 19 ފެތުރެން ފެށުމާއެކު އެ ސްޓޭޓުގައި ރޭގަނޑު ކާފިއު ހިންގައި ގިނަ ވިޔަފާރިތަކެއް ބަންދުކުރިއެވެ. ސްޓޭޓް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރުން މަޑުޖައްސާލެވިފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހުނީ 216 މީހުންނަށެވެ. ބަލީގައި މަރުވީ 24 މީހުންނެވެ. މީގެ ދެ ހަފުތާ ކުރިން 24 ގަޑިއިރުގެ ތެރޭގައި 700 މީހުންނަށް ބަލި ޖެހިފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.