ޝާފިޔާގެ އެދުރުއަށި: ސްޓޭޝަން (ޖަގަހަތައް) ބޭނުންކޮށްގެން ކިޔަވައިދިނުން

21 ވަނަ ގަރުނުގެ ޖީލުތަކަށް ކިޔަވައިދޭއިރު ބޭނުންކުރެވިދާނެ ކިޔަވައިދިނުމުގެ ވައްޓަފާޅިޔާއި ގޮތްތަކަކާ ބެހޭގޮތުން މި ޒަމާނުގައި ވަރަށް ގިނަ ދިރާސާތައް ހެދެއެވެ. އެއްސަބަބަކީ، މިހާރުގެ ކުލާސްރޫމުގެ މާހައުލާއި ދަރިވަރުންގެ އުނގެނުމުގެ ގޮތްތަކާއި، ކުރަންބޭނުންވާ ކަންތައްތަކާއި، ގަޔާވާ ކަންކަން ކުރީ ޒަމާނާ ތަފާތުވުމެވެ. މިހާރުގެ ކުދިންނަކީ އިނގިލި ކުރިން އޮބައިލައިގެން މަޢުލޫމާތު ހޯދުމަށް ފަރިތަ ޖީލެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ކުރިން ފޮތްތަކުން ގަނޑު އުކައިގެން މަޢުލޫމާތު ހޯދައި ކިޔައި ހެދި ޒަމާން މިހާރު ބަދަލުވެއްޖެއެވެ. މިހާރު ވަރަށް ގިނަ ފޮތްތައް ވެސް ވަނީ ޑިޖިޓަލް ފޯމެޓަށް ބަދަލު ކުރެވިފައެވެ. ކުރިއާ އަޅައިބަލާއިރު ދަތިކަމެއް ނެތި ކިޔެވުމަށް ބޭނުންވާ ގިނަ މެޓީރިއަލްތަކާއި، ރިސޯސްތައް ހިނދުކޮޅެއްގެ ތެރޭގައި އިންޓަރނެޓުން ހޯދެއެވެ. މިފަދަ ޒަމާނެއްގައި، ކުލާސްރޫމެއްގައި ހުރިހާ ދަރިވަރުންގެ ކުރިމަތީގައި މުދައްރިސެއް ހުރެގެން 20 ނުވަތަ 30 މިނިޓްވަންދެން މަޢުލޫމާތު ޝަރަހަކޮށްދިނުމުގެ ބޭނުންތެރިކަން ކުޑައެވެ. ހަމައެހެންމެ، އެފަދަ ގޮތަކަށް ކިޔަވައިދޭއިރު އަޑު އެހުމުގެ ޝައުގުވެރިކަންވެސް ދަރިވަރުންގެ ނުހުރެއެވެ. މިއަދު މިހުށަހަޅާލަނީ މިޒަމާނުގެ ޖީލުތަކަށް ވަރަށް އެކަށޭނަ ކިޔަވައިދިނުމުގެ ގޮތެއް ކަމަށްވާ ސްޓޭޝަން (ޖަގަހަ) ބޭނުންކޮށްގެން ކިޔަވަދިނުމާ ބެހޭގޮތުންނެވެ.

މިމައުޟޫޢަށް ލިޔެލުމަށް އަޅުގަނޑުގެ ޝައުގުވެރިކަން އުފެދުނީ 2017 ވަނަ އަހަރުގައި އަޅުގަނޑު ވަޒީފާ އަދާކުރަން ލިބުނު ނިއުޒިލޭންޑްގެ ރިސާރޗް ޕްރޮޖެކްޓްއެއް ތެރެއިންނެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަސައްކަތަކީ އިނޮވޭޓީވް ލާރނިން އެންޑް ޓީޗިން  (އުފެދުންތެރިކޮށް އުނގެނުމާއި ކިޔަވައިދިނުން) ބޭނުންކޮށްގެން މިޒަމާނުގެ ކުލާސްރޫމުތަކުގައި ކިޔަވައިދެވެނީ ކިހިނެއްތޯ ބެލުމެވެ. މި ދިރާސާއަކީ ނިއުޒިލޭންޑްގެ އެޑިޔުކޭޝަން މިނިސްޓްރީން ވަރަށް ބޮޑު ހޭދައެއް ކުރައްވައިގެން އަޅައިފައިވާ ޑިޖިޓަލް ޓެކޮނޮލޮޖީގެ ވަސީލަތްތައް މުއްސަނދި އަދި ވަރަށް ބޮޑު ސްކޫލެއްގައި ހެދި ދިރާސާއެކެވެ. މި މަސައްކަތުގެ ތެރެއިން ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭ ގޮތްތަކުގެ ވަރަށް ފުރިހަމަ މިސާލުތައް އޮބްޒާރވްކޮށް ވީޑިއޯ ކޮށްލަން ފުރުސަތު ލިބުނެވެ. ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށާއި އަދި އެކި ކުލާސްތައް ވީޑިއޯކޮށް އެވީޑިއޯތަކުގެ ތަހުލީލު/އަނަލިސްތައް ހަދަން އަޅުގަޑަށް ފުރުސަތު ލިބުނެވެ. މި މަސައްކަތުގެ ތެރެއިން ސްޓޭޝަން ޓީޗިންގެ ކޮންސެޕްޓް ޢަމަލީ ގޮތުން ގެންދާ ގޮތް އަދި ތަންފީޒުކުރެވޭއިރު ކުލާސްތެރޭގެ ކަންހިނގާ ގޮތް ވަރަށް ސާފުކޮށް ބަލާލުމަށް މަގު ފަހިވިއެވެ. މުޅި ޕްރޮޖެކްޓްގެ އެންމެ ފާހަގަކޮށްލެވޭ ދިރާސީ ހޯދުމަކީ ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދިނުމުން މުދައްރިސުންނަށާއި އަދި ދަރިވަރުންގެ އުނގެނުމަށް ވެސް ލިބޭ ކުރިއެރުމެވެ. މުޅި ސްކޫލުގެ ހުރިހާ ކިޔަވައިދިނުމެއް ބައްޓަންވެފައި އޮންނަނީ  ސްޓޭޝަން ޓީޗިންގެ އުސޫލުތައް ބޭނުންކޮށްގެންނެވެ.

ސްޓޭޝަން މާނަކުރެވެނީ ކުލާސް އަތުރައިލެވޭ އުނގެނުމުގެ ޖަގަހަތަކަކަށެވެ. ނަމަވެސް ސްޓޭޝަން ޓީޗިން ޚާއްޞަކޮށް ގުޅެނީ ކުލާހުގެ ތެރޭގައި ދަރިވަރުންގެ އުނގެނުން ފަރުމާ ކުރެވޭ ގޮތަށާއި، އުނގެނުމުގެމާހައުލު ހަމަޖައްސާލެވި ރުކުރުވާލެވިފައި ހުންނަ ގޮތަށާއި އަދި ކިޔަވައިދިނުމުގައި މުދައްރިސް ގެންގުޅޭ ވަކި ޚާއްޞަ އުކުޅުތަކަކަށް އިޝާރާތްކޮށެވެ. ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭއިރު ޢާއްމުކޮށް އެއް މުދައްރިސަށް ވުރެ ގިނަ މުދައްރިސުން ކުލާހެއްގެ ތެރޭގައި ހަރަކާތްތެރިވާ ތަންފެންނާނެއެވެ. މިއީ ޚާއްޞަކޮށް  ކޯ ޓީޗިން، ޓީމް ޓީޗިން، އަދި  އިންޓިގްރޭޓެޑް ޓީޗިންގގެ މޮޑެލްތަކުގެ ވައްތަރެކެވެ. މާނައަކީ ތަފާތު މާއްދާތަކުގެ މުދައްރިސުން ބައިވެރިވެގެން ކިޔަވައިދިނުން ރާވާ ގޮތްތަކުގެ ތެރެއިން ގޮތެކެވެ. ހަމައެހެންމެ، މީއީ  ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަން (ބަދަލުގެނެސްގެން) ކިޔަވައިދޭއިރު ނުވަތަ  ސްމޯލް ގުރޫޕް ޓީޗިންގައި ވެސް ބޭނުން ކުރެވޭ ފާހަގަ ކޮށްލެވޭ ގޮތެކެވެ. އިސްވެދިޔަ މަޢުލޫމާތުކޮޅަކީ ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭއިރު ޢާއްމުކޮށް ކުލާސްރޫމުގައި ފާހަގަ ކުރެވޭ ކަންކަމުގެ ތެރެއިން އަޅުގަނޑު އަމިއްލަ ލޮލުން އޮބްޒަރވްކުރެވިފައިވާ ކަންކަމެވެ.

ސްޓޭޝަން ހަދައިގެން ކިޔަވައިދިނުމަކީ އުގެނުމާއި އުގަންނާދިނުމުގެ ވައްތަރުތަކުގެތެރެއިން ކުލާސްރޫމުތަކުގައި ބޭނުން ކުރެވޭ ދަރިވަރުންގެ އުގެނުމަށް ފަހި ހަރަކާތްތެރިކޮށް (އެކްޓިވްކޮށް) ރޭވޭ ކިޔަވައިދޭ ގޮތެކެވެ. މިގޮތަށް ކިޔަވައިދިނުމުގެ ފައިދާއާއި  ތަންފީޒުކުރާނެ ގޮތްތަކާ ބެހޭގޮތުން ބައެއް ދިރާސާވެރިން ލިޔުއްވާފައިވާކަން ފާހަގަކުރެވެއެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ދަރިވަރުންގެ އުނގެނުމުގެ ކަންކަން ގާތުން ބަލައި މޮނިޓާރކޮށް އިތުރަށް އޮޅުން ފިލުވައިދޭން ޖެހޭ ބައިތައް ދެނެގަތުމަށާއި އުނގެނުން ތަރައްގީކުރުމަށް މުހިންމު ކިޔަވައިދިނުމުގެ ގޮތެކެވެ (ގާރގާރ އަދި އުޒުނާރ، 2011؛ ލިޔޮން، ހޯގަން، ކީމްސް، 2020). މި ޢިލުމުވެރިން އިތުރަށް އިޝާރާތްކުރައްވަނީ މިއީ ޑިފަރެންޝިއޭޓެޑް އިންސްޓަރަކްޝަން (ބަދަލުގެނެސްގެން ކިޔަވައިދިނުން) ފަދަ ގޮތްތައް ބޭނުންކޮށްގެން ކިޔަވައިދިނުން ރޭވުމަށް ވެސް ނުހަނު ބޭނުން ތެރި ގޮތެއް ކަމުގައެވެ. މިގޮތަށް ކިޔަވައިދިނުން ފަރުމާ ކުރާއިރު ކިޔަވައިދިނުން ރާވައިލެވިފައިވާނީ ޖަގަހަތަކަކަށް އަމާޒުކޮށެވެ. ކޮންމެ ޖަގަހައެއްގައި ހިނގާ އުނގެނުމުގެ މަސައްކަތް ތަފާތުވާނެއެވެ. ކޮންމެ ގުރޫޕަކަށް ނުވަތަ ޖަގަހައަކަށް މުދައްރިސެއް ހުރުން މުހިންމެއް ނޫނެވެ. ބައެއް ސްޓޭޝަންތަކަކީ ދަރިވަރުން އަމިއްލައަށް ގުރޫޕް މަސައްކަތްތައް ކުރެވޭ ނުވަތަ އިންޑިޕެންޑެންޓްކޮށް (އެކަނި) މަސައްކަތް ކުރަން ހަވާލު ކުރެވޭ ސްޓޭޝަން/ޖަގަހަތަކެވެ. މިގޮތަށް ކިޔަވައިދޭއިރު ކިޔަވައި ދޭން ހަމަޖެހިފައިވާ ބައިތައް ވާނީ އެކި ގުރޫޕްތަކުގައި އެކި ބައިތަކަށް ބަހައިލެވިފައެވެ. މިސާލަކަށް އެއް ގުރޫޕްގައި މައިގަނޑު މަފުހޫމުތަކާ ބެހޭގޮތުން މަޢުލޫމާތު އެއްކުރާއިރު އަނެއް ގުރޫޕްގައި އެއާި ބެހޭ ގޮތުން އެކްސްޕެރިމެންޓެއް ހަދާފާނެއެވެ. އަދި ތިންވަނަ ގުރޫޕްގައި އެއެކްސްޕެރިމަންޓާ ބެހޭގޮތުން ލިޔަން ވެސް ތިބެދާނެއެވެ. ހަމައެހެންމެ، ބައެއްފަހަރު މުދައްރިސް ކަނޑައަޅާ ތަފާތު ކުދިން ގުރޫޕްގެ މުދައްރިސުން ގޮތުގައި ވެސް ސްޓޭޝަންގައި ހަމަޖެއްސިދާނެއެވެ. ނަމަވެސް ހުރިހާ ގުރޫޕެއްގެކިޔަވައިދިނުން ކުރިޔަށްދާ ގޮތް މުދައްރިސުން ދާނީ ފެސިލިޓޭޓްކޮށް/އެހީތެރިވެދެމުންނެވެ. ހަމަ މިބީދައިން މިގޮތަށް ކިޔަވައިދޭއިރު އެއްގުރޫޕް އަނެއްގުރޫޕެއްގައި ތިބޭ ކުދިން ތަފާތު ގުރޫޕްތަކަށް ދާން ފުރުޞަތު ވެސް ދެވިދާނެއެވެ. މިގޮތް ބޭނުންކޮށްގެން ކިޔަވައިދޭއިރު ލިބޭ އެންމެ ބޮޑު ފައިދާއަކީ ވަކިވަކި ދަރިވަރުންނަށް ދެވޭ ސަމާލުކަން އިތުރުވުމެވެ. އަދި ހަމައެހެންމެ ތަފާތު އެބިލިޓީތައް/ކުޅެދުންތަކާއި ނުކުޅެދުންތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ސްޓޭޝަންތައް ރާވަން ފުރުޞަތު ވެސް ލިބުމެވެ. ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭއިރު ކޮންމެ ސްޓޭޝަން އެއްގައި ވެސް ދަރިވަރުންގެ ފުރިހަމަ ބައިވެރިވުން ލިބޭފަދަ ގޮތަކަށް އުގެނުމުގެ ހަރަކާތްތައް ރޭވުން މުހިންމެވެ. މިތާގައި މިހިމަނާލެވުނު މަޢުލޫމާތަކީ ވެސް ސީދާ އަޅުގަނޑު މަސައްކަތް ކުރި ދިރާސާގައި ބައިވެރިވި މުދައްރިސުންގެ ކިޔަވައިދިނުމުގައި ފާހަގަ ކުރެވިފައިވާ ކަންކަމެވެ.

ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭއިރު ފާހަގަކޮށްލެވޭ މުހިންމު 3 ކަމެއް

ސްޓޭޝަން ޓީޗިން ނުވަތަ އެކި ޖަގަހަ ހަދައިގެން ކިޔަވައިދޭން ރާވާއިރު މައިގަނޑު 3 ގޮތަކަށް ސަމާލުވާން ޖެހެއެވެ. މިގޮތްތައް ހޫލަ 1ގައި ބަޔާންކުރެވިފައި އެވަނީ އެވެ. ކޮންމެ ގޮތަކާ ބެހޭގޮތުން ތިރީގައި މަޢުލޫމާތު ކޮޅެއް ހިމަނާފައި އެވަނީއެވެ.


ހޫލަ1. ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭއިރު ފާހަގަކޮށްލެވޭ 3 ކަމެއް

 

  1. ގުރޫޕް ބެހޭ ގޮތް: ކުލާސްރޫމު ބަހާލެވިފައިވާނީ 3 ގުރޫޕަކަށެވެ. ދެ މާއްދާގެ ބައިތައް ގުޅުވައިލައިގެން ކިޔަވައިދިނުން ރޭވޭއިރު އެކްޓިވިޓީތައް ގެންދަނީ ވަކިވަކި މާއްދާ ގޮތަކަށް ނޫނެވެ. އެއާ ޚިލާފަށް އެކުވި ބައިތަކެއް ގޮތަށެވެ. މި ގޮތަށް ކިޔަވައިދޭއިރު 3 ގުރޫޕްގެ ތެރެއިން މުދައްރިސުން ތިބޭނީ ދެ ގުރޫޕްގައެވެ. 3 ވަނަ ގުރޫޕްގައި އުނގެނުން ރޭވިފައި އޮންނާއި ދަރިވަރުން އިންޑިޕެންޑެންޓް (އަމިއްލައަށް) ކޮށް ކުރާ މަސައްކަތްތަކެއް ގޮތުގައެވެ.
  2. ކުލާހުގެ ޖަގަހަ ހަމަޖެއްސޭގޮތް: މިގޮތަށް ކިޔަވައިދޭއިރު ތަފާތުވުން ފާހަގަ ކުރެވެއެވެ. މިސާލަކަށް ކުލާހުގެ އެއްފަރާތެއްގައި ގުރޫޕެއް އަދި ބޯޑުގެ ކައިރީގައި ގުރޫޕެއް ދެން ބާކީ ތިބޭ ކުދިން އެހެން ޖަގަހައެއްގައި އަމިއްލައަށް އުނގެނުމުގެ މަސައްކަތުގައި ކުރުމަށް ޖަގަހަ ހަމަޖެއްސެއެވެ.
  3. ކިޔަވައިދޭ ބައިތައް ބަހައިލެވި ރޭވޭގޮތް: ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭއިރު ކިޔަވައިދޭ ދެމާއްދާގެ ބައިތައް އޮންނާނީ ވަކި ވަކި ޕޯޝަން/ބައިތައް ދެމުދައްރިސުންނަށް ބަހާލެވިފައެވެ. މިސާލަކަށް އިގިރޭސި ބަހާއި ސައިންސް އެއްކޮށްލައިގެން ކިޔަވައިދޭއިރު އެއް އެކްޓިވިޓީއެއްގައި ދެބައިވެސް ހިމަނައިލެފިވައި އޮވެދާނެއެވެ. ނަމަވެސް އުނގެނުމުގެ ހަރަކާތްކުރިޔަށް ދާއިރު އެމުދައްރިސެއްގެ މާއްދާއަކާ ގުޅޭ ބައިތައް ކިޔަވައިދޭއިރު އެއްގުރޫޕުން އަނެއް ގުރޫޕަށް މުދައްރިސް ދާނީ ބަދަލުވަމުންނެވެ. މިސާލަކަށް ސައިންސާއި ގުޅޭ ބައި ކިޔަވައިދޭއިރު އެކްސްޕެރިމަންޓް ހަދާނީ ސައިންސް މުދައްރިސާ އެކުގައި ކަމުގައިވިޔަސް އެއެކްސްޕެރިމަންޓުން ފާހަގަވި ކަންކަން އޮބްޒާރވްކޮށް ލިޔާއިރު އެކަމުގެ އިސްރޯލު ކިޔަވައިދިނުމުގައި އަދާކުރާނީ އިގިރޭސި ކިޔަވައިދޭ މުދައްރިސެވެ. ހަމަމިކަން ކުރިޔަށްދާއިރު، ތިންވަނަ ގުރޫޕްގައި އަމިއްލައަށް އިންޑިޕެންޑެންކޮށް މަސައްކަތް ކުރާކުދިން ޔޫޓުޔުބްފަދަ ވީޑިއޯ ކުލްޕްތަކާއި އަދި އަމިއްލަ ގުރޫޕް މަޝްވަރާކޮށްގެން އެކިޔަވައިދޭ ކޮންސެޕްޓަކާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ހަވާލު ކުރެވިފައިވެސް ތިބޭނެއެވެ. ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭއިރު ކިޔަވައިދޭން އުޅޭ މައުޟޫޢުގެ ބައިތައް ފަސޭހައިން އުދަގުލަށް ވާގޮތަށް ވެސް ސްޓޭޝަން/ޖަގަހަތައް ބަހާލެވެއެވެ. މާނައަކީ ބައެއް ގުރޫޕްތަކަށް ފަސޭހައިން ދޭހަވާނެ ބައިތައް ދެވޭއިރު އަނެއް ގުރޫޕްތަކަށް ދޭހަވުމަށް އުދަގޫ ބައިތައް މަޝްވަރާ ކުރުން ފަދަ ކަންކަންވެސް ހަވާލު ކުރެވިދާނެއެވެ. މިގޮތުން ހުރިހާ ސްޓޭޝަންތަކެއް ނިމޭއިރު ފިލާވަޅުގައި ކަނޑައެޅި މަޤްޞަދު އޮންނާނީ ހާސިލުވެފައެވެ. ސްޓޭޝަން ޓީޗިން ރާވާ ގޮތް ބައްލަވާލެއްވުމަށް ދެވިފައިވާ ވީޑިއޯ ލިންކަށް ފިއްތަވާލައްވާށެވެ.

ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދިނުން މުހިންމުވާ ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ ވަކިވަކި ދަރިވަރުންނަށް ދެވޭ ސަމާލުކަން މިގޮތަށް ކިޔަވައިދޭއިރު މާ ބޮޑަށް ވެސް އިތުރުވުމެވެ. އާންމު ކުލާސްރޫމެއްގައި ބައެއް ކުދިން ވަރަށް ގަޔާވެގެން އެކްޓިވިޓީތަކުގައި ބައިވެރިވާ އިރު އަނެއްބައި ކުދިން އުގެނުމުގެ މަސައްކަތުގައި މާބޮޑު އަޅާލުމެއް ނެތި ތިބޭ ތަން ފެނެއެވެ. އަދި ވަރަށް ގިނަ ފަހަރު ދަރިވަރުންނާ ހަވާލު ކުރެވޭ މަސައްކަތްތަކީ ބައެއް ދަރިވަރުންނަށް ދޭހަނުވާ ނުވަތަ ކުރަންވީ ކަމެއް ރަނގަޅަށް ނޭނގޭ މަސައްކަތެވެ. މިކަންކަން ގާތުން ބަލަން ދަތިވަނީ އެއްކޮށް ހުރިހާ ކުދިން ތިބޭއިރު ވަކިވަކި ކުދިންނަށް ދެވޭ ސަމާލުކަން ކުޑަވުމެވެ.  ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭއިރު، ކޮންމެ ސްޓޭޝަނެއްގައި ވެސް ފެސިލިޓޭޓްކުރާ ދަރިވަރަކު ނުވަތަ މުދައްރިސެއް ހަމަޖެހިފައި ހުންނާނެއެވެ. މިގޮތަށް ކުލާހުގެ ކަންކަން ރާވައިލުމުން  ހުރިހާ ދަރިވަރުންގެ ބައިވެރިވުން ހޯދުމަށް ފަސޭހަވެ، އެ ކުދިންގެ ސަމާލުކަން ދެމެހެއްޓުމަށް ވެސް އެހީތެރިވެދެއެވެ. ހަމަ މިބީދައިން އެކި ދަރިވަރުންގެ ލެވެލްގައި ތަފާތު ސްޓޭޝަންތަކުގެ ސްކަފޯލްޑްކޮށްގެން ކިޔަވައިދިނުމަށް ވެސް އެހީތެރިވެދެއެވެ. ސްކަފޯލްޑިން ކުރެވޭނެ ތަފާތު ގޮތްތައް ސްޓޭޝަން ކިޔަވައިދިނުމުގައި ބޭނުން ކުރެވެއެވެ. މިސާލަކަށް، ކިޔަވައިދޭން އުޅޭ ބައިތަކާ ގުޅޭ ގޮތުން ދަރިވަރުން އަމިއްލައަށް ޚިޔާލު ހިންގައި ވިސްނަން ފުރުޞަތު ދެވެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ކިޔަވައިދޭން އުޅޭ ބައިތަކާ ބެހޭގޮތުން ވިސްނުންތައް ޖަމާކޮށް، ކިޔަންވަން އުޅޭ މައުޟޫޢު ނުވަތަ މަފުހޫމާ ބެހޭގޮތުން އެނގިފައިވާ ބައިތައް ސިނކުޑިއަށް ތިލަ ކޮށްލުމަށް ފުރުސަތު ލިބެއެވެ. ހަމަ މިފުރުސަތުގައި ދަރިވަރުން އެއްބަޔަކު އަނެއް ބަޔަކާ ބައިވެރިވެ ވިސްނުންތަކާއި ޚިޔާލު ބަދަލުކޮށްލާ ހިއްސާ ކޮށްލަން ފުރުސަތު ދެވެއެވެ. ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭއިރު ލިބިދޭ އެއް ފައިދާއަކީ ކުލާހުގެ ތިބޭ ދަރިވަރުންގެ ތެރެއިން އިންޑިޕެންޑެންޓް (އަމިއްލަ) ކޮށް މަސައްކަތް ކުރެވޭނެ ކުދިން ވަކިކޮށް އެކުދިންގެ  ގާބިލިއްޔަތުތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދެއެވެ.

މިއަދު މިހުށަހަޅާލެވުނު މަޢުލޫމާތުކޮޅަކީ ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކުގެ ކުލާސްރޫމުތަކުގައި ޢާއްމުކޮށް ބޭނުންކުރެވޭ ކިޔަވައިދިނުމުގެ ގޮތްތަކުގެ ތެރެއިން މުހިން އެއް ގޮތާ ބެހޭ މަޢުލޫމާތުކޮޅެކެވެ. ސްޓޭޝަން ބޭނުންކޮށްގެން ކިޔަވައިދޭ ކުލާސްރޫމުތަކެއް ބަލާލުމަށް 3 މަސްދުވަހުގެ ތެރޭގައި ކޮންމެ ހަފުތާއަކު 2ގަޑިއިރު އަޅުގަނޑު ވީޑިއޯ ހެދީމެވެ. މި މަސައްކަތުގެ ތެރެއިން ފާހަގަ ކުރެވުނީ މިފަދަ ކުލާސްރޫމުތަކަކީ ވަރަށް ހޭލަމޭލަވެ އަދި ދަރިވަރުނާއި މުދައްރިސުން ވެސް ވަރަށް ހަރަކާތްތެރިކޮށް މިނިވަންކަމާ އެކު އުނގެނުމުގެ ކަންތައް ރޭވިފައި އޮންނަ ކުލާސްތަކެއް ކަމެވެ. އޭގެ އިތުރުން ދަރިވަރުން އެމީހުންގެ އުނގެނުމުގައި ބާރުވެރި ކުރުވައިގެން ރޭވޭ ކިޔަވައިދިނުމުގެ ގޮތްތަކެއްކަން ވެސް ހާމަވެއެވެ. މި ގޮތްތައް އަޅުގަނޑުމެން ރާއްޖޭގައި ވެސް ތަންފީޒު ނުކުރެންވެންވީ އެއްވެސް ސަބަބެއް ނެތެވެ. ހަމައެކަނި ބޭނުންވަނީ މިފަދަ ކިޔަވައިދިނުމުގެ ފިލޯސަފީތައް ބޭނުންކުރުމުގެ ޝައުގުވެރިކަން ހުރި މުދައްރިސުންނެވެ. ކިޔަވައިދިނުމުގައި އާ ތަޖުރިބާތައް އާ ގޮތްތައް ހޯދުމަކީ ދަރިވަރުންގެ އުނގެނުން ތަރައްޤީވުމުގެ އިތުރުން މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރުވެރިކަން ވެސް އިތުރުވާނެ ކަމެކެވެ. އަޅުގަނޑުގެ އުއްމީދަކީ ކިޔަވައިދިނުމުގެ މަސައްކަތަކީ އެއްގޮތަކަށް ކުރާ ކަމަކަށް ނުހަދައި އެއީ އަމިއްލައަށް އުނގެނުމުގެ ވެސް މަސައްކަތެއްކަން ބަލައިގަންނަ ބަޔަކަށް މުދައްރިސުން ވުމެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

2 ޚިޔާލު

  1. ޝާފިޔާ ތިކުރައްވާ ބުރަ މަސަތްކަތަކީ މިއަދު ތަޢުލީމީ ދާއިރާއަށް ކޮށްދެވޭނެ އެންމެ އަގުބޮޑު އެއްމަސައްކަތް އަޅުގަނޑު ޓީޗަރެއްގެ ހައިސިއްޔަތުން އެކަން ބަލައިގަންނަން

  2. މިއީ އެކި ފެންވަރުގެ އެކި ކަހަލަ ކުދިން އެއް ކުލާހެއްގައި ކިޔަވާއިރު، ކިޔަވައިދޭން ރަނގަޅު އުސޫލެއް ކަމަށް ފެނޭ. އަދި ދަސްކުރާ އެއްޗެހި ގިނަ ދުވަހު ހަނދާނުގައި ހަރުލާފައި ހުންނާނެ ޝައުގުވެރި ގޮތަކަށް ވާނެ ކަމަށް ވެސް ފެނޭ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.