މާސްކް އެޅުން މަޖްބޫރުކުރީ އިތުރު ފުރަބަންދަކަށް ދާން ބޭނުން ނުވާތީއާއި ބޯޑަރު އިތުރަށް ބަންދުކުރަން ބޭނުންނުވާތީ އާއި އަދި ރާއްޖޭގެ ހުރިހާ ރަށަކަށް އެއް ފަހަރާ ބަލި ފެތުރިގެން ދިއުމަށް ބޭނުން ނުވާތީކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައްޔިތުން މާލީ ގޮތުން ދަތި ޙާލެއްގައި ތިއްބައި މާސްކު ހިލޭ ނުދެއްވައި މާސްކް އަޅުންމަޖުބޫރުކުރީ ކީއްވެތޯ، ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ކޮންމެ ޖުރިމަނާއަކާއެކު ހިލޭޚިދުމަތެއް ނުވާކަމަށެވެ. މަގު މަތީގައި ޤަވާއިދާ ޚިލާފަށް ޕާކްކުރުމުން ވެސް ޖުރިމަނާ ކުރާކަން ފާހަގަ ކުރެއްވިއެވެ.
މާސްކް ނާޅައި ހުރުމުން، އެ މީހާގެ އިތުރުން އެހެން މީހުންގެ ފުރާނަޔަށް ވެސް އެކަމުން ނުރައްކާ ވުން ވެސް އެއީ އެއީ މާސްކް އެޅުން މަޖްބޫރު ކުރި ސަބަބެއް ކަން ފާހަގަ ކުރެއްވިއެވެ. ހުޅުވާލުމާއެކު މާސްކް ނާޅާ މީހުން އިތުރުވުމާއެކު ބަލި ފެތުރޭ މީހުން އިތުރުވެގެން ގޮސްފައިކަމަށް މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ. ދިރާސާތަކުންނާއި ފަންނީ ބޭފުޅުން ވިދާޅުވާ ގޮތުން ބަލި ފެތުރުން މަދުކުރުމާއި މީހުން ބަލިން ސަލާމަތްކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކް އެޅުން ކަމަށް މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ.
މާލެ ސަރަޙައްދުގެ އާންމު ތަންތަނުގައި އުޅޭއިރު މާސްކް ނާޅާ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމި ނިންމުމަށް ޢަލުކުރަން ފެށީ މިމަހު ފުރަތަމަ ދުވަހުއެވެ. މި އަމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތުކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުނާއި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން ވަނީ މާސްކް އެޅުމުގެ އަމުރުން އިސްތިސްނާކޮށްފައެވެ.
މާލެ ސަރަޙައްދުގައި މާސްކް ނާޅާ މީހުންނަށް ފުލުހުން ފުރަތަމަ ދެނީ ނަސޭހަތެވެ. ޖޫރިމަނާކުރަނީ ނަސޭހަތް ދިނުމުން ދެވަނަ ފަހަރަށް ވެސް އެކަން ރަނގަޅު ނުކުރުމުންނެވެ.