ހުވަފެން - 2

(2 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އޭޝްލީއަށް އޭނާގެ ކިބައިން ފެނިގެން އުޅެނީ ކޮންކަމެއް ބާވައޭ އަހަރެންގެ ހިތަށް އަރާ- އެއީ ބޮޑު މޮޔައެއް- އަހަންނާ އެކީ ދިޔައިމަ މާ މަޖާވާނެ-" ޓިބްލް އެއް ލޯ މަރައިލިއެވެ. "މި ބުނި އެއްޗެއް އެނގިއްޖެއެއްނުން-؟ ދޯ-؟"

އޭޝްލީ ދިޔައީ ރުޅިގަނޑު ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ. "އަހަރެން ކުރަންޖެހޭ މަސައްކަތް އެބަހުރި- ޑެނިސް-"

ޓިބްލް އޭނާއާ ދިމާއަށް ކުޑަކޮށް ގުދުވެލައިފައި ވައިއަޑުން ބުނެލިއެވެ. "ކޮންމެވެސް އެއް ދުވަހަކުން އޭޝްލީއަށް ވިސްނޭނެ- އަހަންނަކީ ދޫކުރާ މީހަކީމެއް ނޫން- ދުވަހަކު ވެސް ދުލެއް ނުކުރާނަން-"

އޭނާ އެނބުރި ދިޔަ ތަން ބަލަން ހުރި އިރު އޭޝްލީގެ ހިތަށް އަރައެވެ. އަހަރެންގެ ފަހަތުން އަޅައިގަނެގެން އުޅެނީ ޓިބްލް އެއް ނޫން ބާވައެވެ؟

ބާރަ ގަޑި ބައި ވުމާއެކު އޭޝްލީ މަސައްކަތް ހުއްޓާލައިފައި ބައްޕައާ އެކީ ކާން ދާން ނުކުމެއްޖެއެވެ.

އޭޝްލީ މީހުން ވަދެ ފުރިފައިވާ ރެސްޓޯރަންޓްގެ ގޮނޑިއެއްގައި އިށީނދެގެން އިން އިރު އޭނާގެ ބައްޕަ ވަދެގެން އަންނަ ތަން ފެނެއެވެ. ބައްޕައަކީ ރީތި މީހެކޭ އޭނާގެ ހިތަށް އެ ވަގުތު އެރިއެވެ. ބައްޕަ ވަދެގެން އައި އިރު ވަރަށް ގިނަ މީހުން އޭނާއާ ދިމާއަށް ބެއްޔެވެ.

މީގެ އެތައް އަހަރެއް ކުރިން ދުނިޔޭގައި ފުރަތަމަ ކުރެވުނު ހިތުގެ އޮޕަރޭޝަނުގެ މައި މޭސްތިރި އަކީ ޑޮކްޓަރ ސްޓީވަން ޕެޓަރސަންއެވެ. އޭގެ ފަހުން ދުނިޔޭގެ އެކި ހޮސްޕިޓަލުތަކުގައި ތަޤްރީރުކުރަން އޭނާއަށް ދަޢުވަތު ދެއެވެ. އޭޝްލީގެ މަންމަ މަރުވީ އޭނާގެ ޢުމުރުން ބާރަ އަހަރުގައެވެ. އޭގެ ފަހުން އޭނާގެ މީހަކަށް ހުރީ ހަމައެކަނި ބައްޕައެވެ.

"އޭޝްލީ- ލަސްވީތީ މަޢާފުކުރާތި-"

"އަޅުގަނޑު ވެސް މި އައީ ހަމަ ދެންމެ-"

ސްޓީވަން އިށީނދެއްޖެއެވެ. "ޓައިމް މަޖައްލާ ބެލިންތަ-؟"

"ލައްބަ- ޝޭން އަޅުގަނޑަށް ދެއްކި-"

އޭނާ ތުން އަނބުރައިލިއެވެ. "ޝޭން-؟ އޭޝްލީގެ ވެރިމީހާ ދޯ-؟"

"އެއީ އަޅުގަނޑުގެ ވެރިއެއް ނޫން- އެއީ ސުޕަވައިޒަރެއް-"

"ވިޔަފާރިއާ، މުނިފޫހިފިލުވުން އެއްކުރާކަށް ނުވާނެ- އޭޝްލީ- އޭނާއާއެކީ މިހާރު ވެސް ތަންތަނަށް ދަންތަ-؟ ދާ ކަމަށް ވަންޏާ އެއީ ގޯހެއް-"

"ބައްޕާ- އެއީ ހަމަ އާދައިގެ ރަ..."

ވެއިޓަރަކު އަތުވެއްޖެއެވެ. "މެނޫ ގެންނަންތޯ-؟"

ޑޮކްޓަރ ޕެޓަރސަން ވެއިޓަރާ ދިމާއަށް ބަލައިލައިފައި ބާރަށް ބުންޏެވެ. "އަހަރެމެން ވާހަކަދައްކާ ތަނެއް ކަލެއަކަށް ނުފެނޭތަ-؟ އަހަރެން ގޮވަންދެން ގޮސް ދުރުގައި ހުރޭ-"

"މަ... މަޢާފް ކުރައްވާ-" ވެއިޓަރު ދުރަށް ހިނގައްޖެއެވެ.

އޭޝްލީ ލަދުން އިސްޖަހައިލިއެވެ. އޭނާގެ ބައްޕަގެ ރުޅިގަދަކަން އޭނާއަށް އޮންނަނީ އެނގިފައެވެ. އެއްދުވަހަކު އޮޕަރޭޝަނެއްގެ ތެރޭގައި ދަސްކުރާ ޑަކްޓަރަކަށް އެޅުނު ނުބައި ފިޔަވަޅަކާ ހެދި އެ މީހާގެ ގައިގައި ޖަހާފައި ވެސް ވެއެވެ. އޭޝްލީ ކުޑައިރު މަންމައާއި، ބައްޕަގެ ޒުވާބުގެ އަޑު އަބަދުވެސް އިވެއެވެ. ދެ މީހުން ކޮންމެ ފަހަރަކު ވެސް ޒުވާބުކުރަނީ ހަމަ އެއް ކަމަކާ ހެދިއެވެ. އެ ކަންތައްތަކުގެ މަތިން ހަނދާން ނައްތައިލަން އޭޝްލީ މަސައްކަތް ކުރިއެވެ. އޭނާ ވަނީ އެ ކަންތައްތަކުގެ މައްޗަށް ފަސް އަޅައި ފޮރުވައިފައެވެ.

އޭނާގެ ބައްޕަ ވާހަކަ ކުރިއަށް ގެންދިޔައެވެ. ވާހަކައަކަށް ހުރަހެއް އެޅުނު ހެންނެއް ވެސް ހިއެއް ނުވެއެވެ. "އާނ- ކީކޭ އަހަރެން ބުނީ-؟ ހަނދާން ވެއްޖެ- ޝޭން މިލަރއާ ގުޅިގެން އުޅުމަކީ ގޯހެއް- ވަރަށް ބޮޑު ގޯހެއް-"

ޑޮކްޓަރ ޕެޓަރސަންގެ މި ވާހަކައިގެ ސަބަބުން އޭޝްލީގެ ހިތަށް ކުރީގެ ހިތި ހަނދާނެއް ވެރިވެގެން ދިޔައެވެ.

އޭނާއަށް ބައްޕަގެ އަޑު ރަނގަޅަށް އިވެއެވެ. "ޖިމް ކްލެއަރީއާ އެކީ ތަންތަނަށް ގޮސް އުޅުމަކީ ގޯހެއް- ބޮޑު ގޯހެއް..."

އޭރު އޭޝްލީގެ ޢުމުރުން އަށާރަ އަށް އަޅައިގަތީއެވެ. ދިރިއުޅެމުން ދިޔައީ ޕެންސިލްވޭނިއާގެ ބެޑްފޯޑްގައެވެ. އެއީ އޭނާ އުފަންވީ ތަނެވެ. ޖިމް ކްލެއަރީއަކީ ބެޑްފޯޑް އޭރިއާ ހައި ސްކޫލްގެ އެންމެ މަޝްހޫރު ދަރިވަރެވެ. އޭނާއަކީ ސްކޫލް ޓީމަށް ކުޅޭ ފުޓްބޯޅަ ކުޅުންތެރިއެވެ. ރީތި ކުއްޖެކެވެ. ހިނިތުންވުމުގައި ޒުވާން އަންހެން ކުދިންގެ ހިތް ކަތިލާ ފަދަ އަސަރެއް ހުރެއެވެ. އޭޝްލީއަށް އެނގިފައި އޮންނަ ގޮތުގައި، ސްކޫލްގެ ކޮންމެ ކުއްޖަކު ވެސް ޖިމްއާ ރައްޓެހިވާން ބޭނުންވެއެވެ. އޭގެ ތެރެއިން ގިނަ ކުދިން ތިބޭނީ ރައްޓެހިވެފައޭ އޭޝްލީގެ ހިތަށް އަބަދުވެސް އަރައެވެ. ޖިމް ފުރަތަމަ އޭނާއާ ރައްޓެހިވާން އެދުނީމާ އޭޝްލީ ހުރީ ނުވާން ޢަޒުމް ކަނޑައަޅައިގެންނެވެ. އެކަމަކު ފަހުން ދޫކޮށްލީއެވެ.

ފިނި މޫސުމުގައި ސްކޫލްގެ ބޮޑެތި ކުދިން ސްކީ ދަތުރެއް ރޭވިއެވެ. ޖިމްއަކީ ވަރަށް ސްކީކުރާ ހިތްވާ ކުއްޖެކެވެ.

"ވަރަށް މަޖާވާނެ- ހިނގާ ދާން-" އޭނާ އޭޝްލީ ގާތު ބުންޏެވެ.

"އަހަންނެއް ނުދާނަން-"

ޖިމް ޙައިރާންވެފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. "އެއީ ކީއްވެގެން-؟"

"ފިނީގައި އުޅުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް ނޫން- އަންގި ލައްވައިގެން ހުއްޓަސް އަހަރެންގެ އިނގިލިތައް އައްސިވޭ-"

"އެކަމަކު ވަރަށް މަޖާ..."

"އަހަންނެއް ނުދާނަން-"

ޖިމް ވެސް އެ ދަތުރު ނުގޮސް ބެޑްފޯޑްގައި އޭޝްލީއާ އެކު މަޑުކުރީއެވެ.

އެ ދެ މީހުން ނުވަތަ ދެ ކުދިން ޝައުޤުވެރިވަނީ އެއް ކަމަކަށެވެ. ދާހިތްވަނީ އެއް ތަނަކަށެވެ. ދެ މީހުން އެކީގައި އުޅޭ އިރު ވަރަށް ފޫހިފިލައެވެ.

ޖިމް އެއް ދުވަހަކު އަހައިލިއެވެ. "މިއަދު މީހަކު އަހަރެން ގާތު އެހި އޭޝްލީ ތިޔައީ އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާ ހެއްޔޭ- އަހަރެން ބުނާނީ ކީކޭ-؟"

އޭޝްލީ ހިނިތުން ވެލައިފައި ޖަވާބު ދިނެވެ. "އާނއެކޭ ބުނޭ-"

ޑޮކްޓަރ ޕެޓަރސަން ހުރީ ކުޑަކޮށް ހާސްވެފައެވެ. "ކަލޭ ކްލެއަރީއޭ ކިޔާ ކުއްޖާއާ އެކީ މާ ގިނައިން އުޅޭ ތަން އަހަންނަށް ފެނޭ-"

"ބައްޕާ- އެއީ ވަރަށް ރަނގަޅު ކުއްޖެއް- އަޅުގަނޑު އޭނާ ދެކެ ލޯބިވޭ-"

"އޭނާ ދެކެ ކަލޭ ލޯބިވާނީ ކިހިނެއް-؟ އެއީ އާދައިގެ ފުޓްބޯޅަ ކުޅުންތެރިއެއް- ކަލޭ ފުޓްބޯޅަ ކުޅުންތެރިޔަކާ ދުވަހަކު ވެސް ނުދެވާނަން- އެއީ ކަލެޔާ އެކަށީގެންވާ ކުއްޖެއް ނޫން-"

އޭޝްލީ ރައްޓެހިވާ ކޮންމެ ކުއްޖަކާ ބެހޭ ގޮތުން ބައްޕަ ހަމަ މި ޢިބާރާތް ބޭނުން ކުރެއެވެ.

ޖިމް ކްލެއަރީއާ ބެހޭ ގޮތުން އެ ކަހަލަ ވާހަކަދެއްކުމަކީ ބައްޕަގެ އާދައަކަށް ވެއްޖެއެވެ. އެކަމަކު މައްސަލަގަނޑުގެ ހުޅުފަޅައިގެން ދިޔައީ ސްކޫލްގެ ގްރެޖުއޭޝަން އޮތް ދުވަހުއެވެ. އެ ދުވަހުގެ ރޭ އޮތް ޕާޓީއަކަށް އޭޝްލީގެންދަން ބަލައި އައީމައެވެ. ޖިމް އައި އިރު އޭނާ އިނީ ރޯށެވެ.

"ކިހިނެއްވީ-؟"

"ބައްޕަ... ބައްޕަ އުޅެނީ އަހަރެން ގޮވައިގެން ލަންޑަނަށް ދާން- އެ ތާނގެ ކޮލެޖަކުން އަހަންނަށް ޖާގަ ވެސް ހޯދައިފި-"

ޖިމް ކްލެއަރީގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ޙައިރާންކަމުގެ އަސަރެވެ. "އެހެން އެ ހަދަނީ އަހަރެމެން ގުޅިގެން އުޅޭތީ ދޯ-؟"

އޭޝްލީ ބޯޖަހައިލިއެވެ.

"ފުރަނީ ކޮން ދުވަހަކު-؟"

"މާދަމާ-"

"ނޫން- އެއްގޮތަކަށް ވެސް ތިޔަހެން ހަދައިގެން ނުވާނެ- ބައްޕައަށް އެހެން ހެދިޔަ ދީގެން ނުވާނެ- އަހަރެން ބޭނުންވަނީ އޭޝްލީއާ އިންނަން- ޗިކާގޯގެ އެޖެންސީއަކުން އަހަންނަށް ވަޒީފާއެއްވެސް ލިބެން އެބަ އޮތް- ދެ މީހުން ފިލާނީ- މާދަމާ ހެނދުނު ރޭލު އިސްޓޭޝަނުން އަހަންނާ ބައްދަލުކުރާތި- ޗިކާގޯއަށް ދާ ރޭލު ފުރާނީ ހެނދުނު ހަތެއް ޖަހާއިރު- އަހަންނާ އެކީ ދާނަންތަ-؟"

އޭޝްލީ އޭނާއާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި މަޑުމަޑުން ބުނެލިއެވެ. "އާނ-"

ގްރެޖުއޭޝަން ޕާޓީގައި ކަންތައްތައް ހިނގައި ދިޔަ ގޮތެއް އޭނާ ހަނދާނެއް ނެތެވެ. ޕާޓީގެ ތެރޭގައި ވެސް ޖިމްއާއި އޭނާޔާ ދެ މީހުން ކުރި ކަމަކީ ކުރިއަށް ރާވާފައި ހުރި ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ.

"މަތިންދާ ބޯޓުން ޗިކާގޯއަށް ދާން ހަމަނުޖެއްސީ ކީއްވެގެން-؟" އޭޝްލީ އަހައިލިއެވެ.

"އެއީ އެއަރލައިން އޮފީހަށް އަހަރެމެންގެ ނަން ދޭން ޖެހޭނެތީ- ރޭލުގައި ދިޔައީމާ އަހަރެމެން ދިޔަ ތަނެއް އެކަކަށް ވެސް ނޭނގޭނެ-"

ޕާޓީން ނިމިގެން ނުކުންނަމުން ޖިމް ކްލެއަރީ ބުނެލިއެވެ. "މިރޭ އަހަރެންގެ ގޭގައި މަޑުކޮށްލަން ވީއެއްނުން-؟ ގޭގައި މިހާރު އެއްވެސް މީހަކު ނެތް- އެންމެން ވީ ޗުއްޓީއަށް ބޭރަށް ގޮސް-"

އޭޝްލީ ޖެހިލުންވެ ހުރެގެން ބުނެލިއެވެ. "ޖިމް... މިހައި ގިނަ ދުވަހު މަޑުކުރެވުނު ގޮތަށް އަދި ދުވަސްކޮޅަކު މަޑެއް ނުކުރެވޭނެތަ-؟ މާ ގިނަ ދުވަހެއްނުވެ ދެ މީހުންގެ ކައިވެނި ކުރެވިދާނެ-"

"އާނ- ތިޔައީ ރަނގަޅު ވާހަކައެއް-" ޖިމް ހިނިތުންވެލިއެވެ.

ޖިމް ކްލެއަރީ އޭޝްލީ ގޮވައިގެން އައި އިރު ޑޮކްޓަރ ޕެޓަރސަން އިންތިޒާރުގައި ހުއްޓެވެ. ރުޅި އައިސް ފުފިފައެވެ. "މިހާރު ގަޑިން ކިހައި އިރެއް ވެއްޖެކަން ކަލެއަށް އެނގޭތަ-؟"

"މަޢާފް ކުރައްވާ- ޕާޓީ..."

"ކަލޭގެ ތިޔަ ބަހަނާ އަހަރެންގެ ކުރިމަތީގައި ދައްކާނެ ކަމެއް ނެތް- ކްލެއަރީ- ކަލޭ ތިޔަ އުޅެނީ ކާކު މޮޔަ ހައްދަންކަން އެބަ އެނގޭތަ-؟"

"އަޅުގަނޑު..."

"މިއަދުން ފެށިގެން އަހަރެންގެ ދަރިފުޅާ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ- އަޑު އިވިއްޖެތަ-؟"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.