ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުސޫމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިންފޮނުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވައިފިއެވެ.
އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މާޤާމުން ވަކި ކުރުމަށް ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅައިފައިވަނީ ވަރަށް ގިނަ ތުހުމަތު ތަކާއެކުއެވެ. އެގޮތުން މައްސަލަތައް ބެލުމުގައި ރިޝްވަތުގެ ފައިސާގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ ނަގައިފައިވާ ކަމަށާއި ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތުތަކެއްވެސް ވަނީ ކުރައްވައިފައެވެ. އަދި ރިޝްވަތުގެ ގޮތުގައި އިސްމެޖިސްޓްރޭޓްގެ އެކައުންނަށް ޖަމާވެފާއިވާ ގިނަޢަދަދެއްގެ ފައިސާގެ ޢަދަދުވެސް މައްސަލައިގެ ތަޙްޤީޤް ރިޕޯޓުގައި ޖޭއެސްސީއިން ވަނީ ފާހަގަކުރައްވައިފައެވެ.
ޖޭއެސްސީގެ ތަޙްޤީޤް ރިޕޯޓުގައި ވަނީ ވަޒީފާ އަދާކުރުމުގެ އިތުރުން ވިއްކައިފައިވާ ދެ ދޯންޏާއި ވިއްކައިފައިވާ ސެކަންޑް ހޭންޑް ކާރެއްގެ އާމްދަނީގެ އިތުރުން އިތުރު އާމްދަނީއެއް ލިބިފައި ނުވާކަމަށް އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުސޫމް ވިދާޅުވެފައިވީނަމަވެސް 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް، ހޭދަވި ތިންއަހަރާއި އަށްމަހުގެ ތެރޭގައި ވަޒީފާ އަދާކޮށްގެން އާމްދަނީގެ ގޮތުގައި ލިބިފައިވާ 1،155،195.96 ރުފިޔާގެ އިތުރުން، އެމުއްދަތުގައި އެހެނިހެން ގޮތްގޮތުން އިސް މެޖިސްޓްރޭޓް ގެ އެކައުންޓަށް 1،416،955.22 ރުފިޔާ ވަދެފައި ވާކަމަށެވެ. އަދި އެފައިސާއަކީ ކިހިނެއްވަދެފައިވާ ފައިސާއެއްކަމެއް ތަޙްޤީޤަށް ބުނެދީފައި ނުވާކަމަށް ވެސް ޖެއެސްސީގެ ތަޙްޤީޤް ރިޕޯރޓްގައި ވަނީ ފާހަގަ ކޮށްފައެވެ. ވަކިވަކި މަސްމަހުގައި ވެސް ބޮޑެތި ޢަދަދުތަކުން އިސް މެޖިސްޓްރޭޓް އެކައުންޓަށް ފައިސާ ވާދެފައިވާކަމަށް ވެސް ވަނީ ބުނެފައވެ. ހދ. ކުޅުދުއްފުށީގެ ކޯޓްގެ ދެ މުވައްޒަފެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށް ފައިސާ ނަގައިފައިވުމާއި ހެކިބަސް ދީފައިވާ ހެކިވެރިންގެ ބަހުންވެސް އިސްޤާޒީ މަޢުސޫމް ރިޝްވަތުނަގާކަންއެނގެން އޮތްކަމަށް ޖޭއެސްސީގެ ތަޙްޤީޤް ރިފޯރޓްގައި ވަނީ ފާހަގަކުރައްވައިފައެވެ.
އަދި އެފަޑިޔާރަށް ތުޙުމަތު ކުރެވޭ ޖިންސީފުރައްސާރައިގެ މައްސަލަ ތަކުގައި ޖިންސީފުރައްސާރަކުރިކަމަށް ބުނާ މުވައްޒަފުގެ ބަހުންނާއި ހެކިން ހެކިބަހުންނާއި އަދި އިސްޤާޒީގެ ވާހަކަތަކަށް ބަލާއިރު ވެސް އެފަދަ ޢަމަލުތަކެއް ހިންގައިފައިވާކަމަށް ތަޙްޤީޤަށް ޤަބޫލުކުރެވޭކަމަށް ވަނީ ފާހަގަ ކުރައްވައިފައެވެ.
އިސް މެޖިސްޓްރޭޓް މަޢްސޫމްގެ މިޢަމަލުތަކަކީ ފަނޑިޔާރެއްގެ މަޤާމާ އެކަށީގެންވާ ޢަމަލުތަކަކަށް ނުވާތީއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާވެސް ޚިލާފު ޢަމަލުތަކެއް ކަމަށް ވާތީ ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ފޮނުއްވުމަށް ނިންމެވީކަމަށް ޖޭއެސްސީއިން ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.