ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 68 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ލޮކްޑައުންގެ ލުއިތަކާއެކު އެންމެ ގިނަ ބަޔަކު އެއްދުވަހަކު ޕޮޒިޓިވްވި އަދި އެންމެ ގިނަ ދިވެހިންވެސް ޕޮޒިޓިވްވި ދުވަހެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުން ޕޮޒިޓިވްވި 68 މީހުންގެ ތެރެއިން 47 މީހުންނަކީ ދިވެހިންނެވެ. މީގެ އިތުރުން ނުވަ ބަންގްލަދޭޝީއަކާއި ހަތަރު އިންޑިއަނުންނާއި އެއް ނޭޕާލީއަކާއި ތިން ފިލިޕީނޯއާއި ހަތަރު ސްރީލަންކަނުން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެއެވެ. އެއް ދުވަހެއްގެ ތެރޭގައި ގިނަ ޤައުމުތަކަކަށް ނިސްބަތްވާ ބަޔަކު މިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއަދުގެ ޢަދަދާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދަކީ 2899 އެވެ. މިހާރު ބަލިޖެހިފައިވާ މީހުންގެ ޢަދަދަކީ 530 އެވެ.
ލޮކްޑައުންގެ ލުއި ތަކާއެކު ކުރިން އެންމެ ގިނަ ޢަދަދަކަށް އެއްދުވަހެއްގެ ތެރޭގައި ޕޮޒިޓިވް ވެފައި ވަނީ 64 މީހުންނެވެ. އެދުވަހު ޕޮޒިޓިވްވި ދިވެހިންގެ ޢަދަދަކީ 44 އެވެ. ލޮކްޑައުންގެ ލުއި ދިން ފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ދިވެހިންގެ ޢަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް 19 ޖެހި 2339 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު 15 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.