ގުޅުމެއް ނެތް ކޭސްތައް އިތުރުވުމަކީ ކުރިއަށް އޮތްތަނުގައި ކޭސްތައް އިތުރުވެދާނެ ކަމުގެ ސިގުނަލެއްކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ގުޅުމެއް ނެތް ކޭސްތައް ފެންނަމުން ދަނީ އެވަރަށް އެކްޓިވް ސަވައިލަންސްކުރެވޭތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެވަރަށް ކޭސް ހޯދަން މަސައްކަތް ކުރެވުމަކީ ވެސް ފާހަގަކުރަން ޖެހޭކަމެއް ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިފަދަ ކޭސްތައް އިތުރުވަމުން ދިއުމަކީ ކުރިއަށް އޮތް ތަނުގައި ބަލިޖެހޭ މީހުން އިތުރުވެދާނެކަމުގެ ސިގްނަލެއްކަމަށް ބަލައި އެކަމަށް ސަމާލުވާންޖެހޭ ކަމަށް ވެސް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.
މިހާރު ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރު ދުވާލެއްގެ މައްޗަށް އެއްހާހުން މަތީގައި އުޅޭ އިރު 800 އެއްހާ ސާމްޕަލަކީ އެކްޓިވް ސަވައިލެންސްގެ ތެރެއިން ނެގޭ ސާމްޕަލްތައް ކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. ދުވާލެއްގެ މައްޗަށް ކޮންޓެކްޓުންގެ ސާމްޕަލް ނެގެ މިންވަރު އުޅެނީ 200 އާއި 250 އާ ދެމެދުގައި ކަމަށް ވިދާޅުވިއެވެ.
ކޮވިޑަށް ޕޮސޒިޓިވްވާ މީހުން އެއް ލެވެލްއެއްގައި ހުންނަތާ ދެހަފާތާ ވަރުވެއްޖެކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ. ފެންނަ ކޭސްތަކުގެ 40 ޕަސަންޓަކީ އާލާމާތްތައް ނުފެންނަ މީހުންނެވެ. އެހެންކަމުން އަލާމާތްތައް ފެންނަ ނިސްބަތް އުޅެނީ 60 އިންސައްތަކަމަށް ވިދާޅުވިއެވެ. ބަލިޖެހޭ ބިދޭސީންނާއި ދިވެހިނާ އުޅެނީ ގާތްގަޑަކަށް އެއް ވަރެއްގައި ކަމަށްވެސް ވިދާޅުވިއެވެ. އެއް ދުވަހެއްގެ މައްޗަށް ފެންނަ ގުޅުމެއް ނެތް ކޭސްތައް ޖޫން ފަހު ކޮޅުން ފެށިގެން 30 އިންސައްތަ އާއި 40 އިންސައްތައާ ދެމެދު ހިފެހެއްޓިފައިވާކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ލުއިތައް ދިނުމުން ސަމާލުކަން ދޭންވާ ވަރަށް ސަމާލުކަން ނުދީ އުޅެންފަށައިފިނަ ކުރިއަށް އޮތް ތަނުގައި ކޭސްތައް އިތުރު ވެދާނެކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ އަފްޒަލްވެސް ވިދާޅުވިއެވެ. ނަމަވެސް މިހާރު ކޭސް ފެންނަ ނިސްބަތަކީ އަނބުރާ ލޮކްޑައުންއަކަށް ދާންޖެހޭ ވަރު ނިސްބަތެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އަނބުރާ ލޮކްޑައުންއަކަށް ދިއުމާއި ނުދިއުން ވެސް އޮތީ އާންމުންގެ އަތް މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ބަލީގެ އަލާމާތްތައް ހުންނަ މީހުން ތިން ހަތަރުދުވަސްވާއިރުވެސް ވަޒީފާއަށް ނުކުމެ ބޭރުތެރެއަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވެ އުޅުމަކީ ވަރަށް ބޮޑު ކަންބޮޑު ވުމެއްކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަކުރެއްވިއެވެ. އަލާމާތްތައް ހުންނަ މީހުންގެ ކިބައިން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ވިދާޅުވިއެވެ. އަލާމާތަކާއެކު ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވުމަކީ ބަލިފެތުރުމަށް ފުރުޞަތު ދިނުން ކަމަށް ވެސް ޑރ. ނަޒްލާ ފާހަގަ ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 23 މީހުންނެވެ. އެއީ 16 ދިވެހިންނާ ބަނގްލަދޭޝްގެ ހަތް މީހެކެވެ.