ސަރުކާރުވެސް މިހާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު މަޖިލީހަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢަޒިމް ހުށަހެޅުއްވި މައްސަލައަކަށް ވާހަކަފުޅު ދައްކަވަމުންނެވެ. ޢާޒިމް ހުށަހެޅުއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްވް ދިވެހިރާއްޖޭގެ ގާނޫނާ ޚިލާފު ކަންތައްތަކެއް ކުރުމާއެކުވެސް އެ އެސޯސިއޭޝަނާ މެދު ސްޕޯރޓްސް މިނިސްޓްރީން ފިޔަވަޅެއް ނާޅާީ އެފަދަ ފިޔަވަޅެއް އަޅަން މިނިސްޓްރީއަށް އަމުރު ކުރަން ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.
އިބްރާހީމް ޝަރީފް ވިދާޅުވި ގޮތުގައި އެއީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފު ހުށަހެޅުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ވަޒީރަކު ގާނޫނާ ޚިލާފު ކަމެއް ކުރައްވާ ކަމަށް މަޖިލީހަށް ފެންނަނަމަ އެ ވަޒީރަކު ހާޒިރުކޮށްގެން ސުވާލު ކުރަން ވާނެއެވެ. އަދި އެ ވަޒީރަކާމެދު އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިދާނެއެވެ. ނުވަތަ އެ ވަޒީރަކު މަގާމުން ދުރުކުރަންވެސް ހުށަހެޅިދާނެއެވެ. އެކަމަކު އެ ވަޒީރަކަށް މަޖިލީހުން އަމުރެއް ނުކުރެވޭނެއެވެ. އަމުރެއް ކުރަން ބޭނުން ނަމަ އެފަދަ ކަމެއް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިދާނެއެވެ.
އިބްރާހީމް ޝަރީފް ފާހަގަ ކުޔރެއްވި ގޮތުގައި ފަނޑިޔާރުގެއަށާއި ސަރުކާރަށް ވެގެން ހުރިހައި ކަމެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެވޭނޭ ކަމެއް ނޫނެވެ.
ޝަރީފުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުރިހައި މެންބަރުންގެ ކިބައިން އެދިވަޑައިގަތީ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީ ވިލދާޅުވާށެވެ.