ފޯޓްނައިޓް އަދި ޕަބްޖީފަދަ، އެތައް ބަޔަކު އެއްފަހަރާ ގުޅޭ އޮންލައިން ގޭމްތަކުން ކުދިންގެ ނާޖާއިޒް ފައިދާނަގާތީ ބެލެނިވެރިން އިތުރަށް ސަމާލުވުމަށް ކޮމިޔުނިކޭޝަން މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.
ފޯޓްނައިޓް އަދި ޕަބްޖީފަދަ އޮންލައިން ގޭމްތައް ރާއްޖޭގައި ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އާއްމު ވެފައެވެ. އިންޓަރނެޓްގެ ޒަރިއާއިން ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލައިގައި ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގައިވެސް ކަމާ ބެހޭ މުއައްސަސާތަކުން ވަނީ ކަންބޮވުން ފާޅުކުރައްވައިފައެވެ. އޭގެތެރޭގައި ކޮމިޔުނިކޭޝަން މިނިސްޓްރީވެސް ހިމެނެއެވެ.
ޔޫޓިއުބުގައި މިހާރު ހުންނަ ވީޑިއޯ ޗެނަލްތަކަށް ބަލާއިރު، ކުޑަކުދިން ގަޔާވާ ކާޓޫނު ކެރެކްޓާ ބޭނުންކޮށްގެން އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ޗެނަލްތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ޗެނަލްތަކުގައި އިސްލާމްދީނުގެ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު، ކުޑަކުދިންގެ އުމުރުފުރައާ ނުގުޅޭ ކަންކަން ހިމަނާފައި ހުރެއެވެ." ކޮމިޔިނިކޭޝަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ކުޑަކުދިން އިންޓަނެޓްގައި ހޭދަކުރާ ވަގުތުގައި އެކުދިން ކުރާ ކަންކަމަށް ބެލުމަށް، ބެލެނިވެރިންނަށް އިލްތިމާސްކޮށް، ކޮމިޔުނިކޭޝަން މިނިސްޓްރީން ވަނީ ފޯޓްނައިޓް އަދި ޕަބްޖީފަދަ އޮންލައިން ގޭމަތަކުގެ ހިމެނޭ ކުދިންނަށް ނޭދެވޭ އަސަރުކުރާ ކަންކަން ވެސް ހާމަކުރައްވައިފައެވެ. އެފަދަ ގޭމްތަކަކީ ހަނގުރާމައިގެ މައިދާނެއް ތަޖުރިބާކުރޭގޮތަށް ހަދައިފައިވާ ގޭމްތަކެއްކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި ނުރައްކާތެރި ހަތިޔާރާއި އިދިކޮޅު މީހުން މެރުމަކީ މިފަދަ ގޭމްތަކުގެ މައިގަނޑު ކަންކަންކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. ގޭމްގެ ތެރެއިން ލައިވް ޗެޓް ފީޗަރ ބޭނުންކޮށްގެން ހަޑިހުތުރު ބަހުރުވައިން އެއްކުޅުންތެރިއެއް އަނެއް ކުޅުންތެރިއަކާ މުޢާމަލާތު ކުރުމާއި ކުޑަކުދިންނަށް ބުލީ ކުރުމާއި ނަފްސާނީ ގޮތުން ބަލިކޮށްލަން އެކެއެކި ވާހަކަތައް ކުޅުން ތެރިން ދެއްކުން ހިމެނޭކަން ފާހަގަކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކުދިންނަށް ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކުދިންގެ ޒާތީ މަޢުލޫމާތު ހޯދައި އެމަޢުލޫމާތު ބޭނުންކޮށްގެން ނުރަނގަޅު ޢަމަލުތައް ހިންގުމުގެ ފުރުޞަތު ބޮޑުކަމަށްވެސް ކޮމިޔުނިކޭޝަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.
މިފަދަ ގޭމްގެތެރެއިން ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އިތުރު ހަތިޔާރާއި ކެރެކްޓަރތަކަށް ބޭނުންވާ އަޕްގަރޭޑްތައްހޯދޭ ވިޔަފާރީގެ މުޢާމަލާތްތައް ވެސް ކުރެވެއެވެ. ގޭމް ކުޅެގެން ހޯދާ ޕޮއިންތަކުގެ އިތުރުން މިފަދަ އަޕްގްރޭޑްތައް އޮންލައިންކޮށް ގަނެވޭގޮތަށް ހަދައިފައި ހުންނަކަން ފާހަގަ ކޮށް ކުދިންގެ އެކައުންޓަތަކުން މިފަދަ މުޢާމާލާތްތައް ހިންގާތޯ ބަލައި އެކަންކަން ކޮންޓްރޯލްކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ގޭމްތަކުގެ ތެރެއިން އެހެން ކޮމްޕިއުޓަރ ތަކުގެ ކޮންޓްރޯލް ނަގައި ސްކޭންކޮށްމަޢުލޫމާތު ނަގައި ހަދާކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.
ފޯޓްނައިޓް އަދި ޕަބްޖީފަދަ އޮންލައިން ގޭމްތަކަށް ދެވި ހިފައި ނުކިޔަމަންތެރިކަން ދެއްކުމާއި ގޭމްކުޅުން އާންމުވެ ކިޔެވުމަށް ވެސް ނުރަނގަޅު އަސަރު ކުރާނެކަން ކޮމިޔުނިކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ކުޑަކުދިން މިފަދަ ގޭމްތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވިދާނެ ކަންކަންވެސް ބެލެނިވެރިންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އެގޮތުން ބެލެނިވެރިން ތިބޭ ތަނެއްގައި ނޫނީ ގޭމްކުޅުމުގެ ފުރުޞަތު ނުދިނުމަކީ ކޮންމެކޮންމެ ގޮތަކަށް ވާހަކަ ދެއްކުމަށް ހުރަހަކަށް ވާނެކަމަށް ވަނީ ފާހަގަ ކޮށްފައެވެ. ގޭމް ކުޅުމަށް ވަކި ގަޑިއެއް ކަނޑައަޅައި ސްކްރީން ޓައިމް ލިމިޓް ކުރުމާއި ކުދިން ގުޅޭ ގޭމުތަކަކީ އެކުދިންގެ އުމުރުފުރައާ ގުޅޭ ގޭމެއްތޯ ކަށަވަރު ކުރުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ. އަދި ކުދިންނާ ވާހަކަ ދެއްކުން އިތުރުކޮށް އެކުދިންގެ އޮންލައިން އެކްޓިވިޓީތަކާ ގުޅޭ ގޮތުން ވާހަކަ ދެކުން އިތުރުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ބެލެނިވެރިންގެ ހުއްދަޔާ ނުލައި އޮންލައިން ވިޔަފާރީގެ މުޢާމަލާތް ނުހިންގޭނެކަމާއި ކޭޝް ކާޑުގެ މައުލޫމާތު ކުއްޖާއަށް ނުދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައިވެއެވެ. އަދި އޮންލައިންކޮށް މުޢާމަލާތު ކުރުމުގައި އެއްވެސް މީހަކަށް ކުއްޖާގެ ޒާތީ މަޢުލޫމާތު ހާމަނުކުރުމަށާއި އެކަމުގެ ނުރައްކާތެރިކަން ކުދިންނަށް ކިޔައި ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.