
ކަރަންޓީންގައި ހުރި އަންހެން ކުއްޖަކަށް އެ ފެސިލިޓީގެ މެނޭޖަރ ޖިންސީ ފުރައްސާރަ ކުރިމައްސަލައެއް ބަލަން ފަށައިފިއެވެ. މިކަން މިރޭ ބޭއްވި އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވެސް ވަނީ ހާމަކުރައްވައިފައެވެ. މަބްރޫކް ވިދާޅުވީ މިކަމުގައި ތުޙުމަތު ކުރެވެނީ އެ ކަރަންޓީން ފެސިލިޓީ ގެ މެނޭޖަރަކަށް ހުންނެވި އެމްއެންޑީއެފްގެ ބޭފުޅަކަށް ކަމަށެވެ. ފުލުހުންވެސް ވަނީ މިމައްސަލަ ބަލަމުންދާކަމަށް ވިދާޅުވެފައެވެ.
އެމައްސަލައާ ގުޅިގެން ޖެންޑަރ މިނިސްޓަރީން ވެސް އެކުއްޖާގެ އާއިލާއާ ގުޅައި މައްސަލަޔާއިގެން ކުރިއަށް ދާނެ ގޮތުގެ އިރުޝާދު ދެއްވައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ޖިންސީ ފުރައްސާރަ ކުރިކަމަށް ތުޙުމަތު ކުރެވޭ ސިފައިންގެ މީހާ އާމެދު އެމްއެންޑީއެފުން ވެސް އިދާރީ ފިވަޅުތަކެއް އަޅައިފައިވާ ކަމަށް ވެސް މަބްރޫކް ފާހަގަ ކުރެއްވިއެވެ
ފ. ފިލިތެޔޮ ރިޒޯރޓް ކަރަންޓީނު ފެސިލިޓީގައި ހުރި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް މިއަދު ހަވީރު ފުލުހުންނަށް ހުށަހެޅި ބަލަމުންދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކަރަންޓީން ފެސިލިޓީތަކުގެ ކަންކަން ބެލެހެއްޓުމަށް އާއްމުކޮށް ހަރަކާތްތެރި ވަމުން ދަނީ ސިފައިންނެވެ.