އިސްލާމް ދީނަކީ މުޅި އިންސާނިއްޔަތުގެ ހުރިހާ ކަމަކަށް މަގުފަހިކޮށްދޭ ޝާމިލު ދީނެކެވެ. ޢާލަމީ ދީނެކެވެ. އެ ދީނުގައި ވަނީ އިންސާނީ ހުރިހާ ޙައްޤެއް ކަށަވަރުކޮށްދެއްވައިފައެވެ. އަނިޔާވެރިކަން ނައްތައިލައްވައިފައެވެ. ނަފުސު ރައްކާތެރިކޮށްދެއްވައިފައެވެ. ޢަބުރާއި ފުރާނަ ވަނީ ޙިމާޔަތްކޮށްދެއްވައިފައެވެ. މުދާ ޙިމާޔަތްކޮށްދެއްވައިފައެވެ. ބުއްދި ޙިމާޔަތްކޮށްދެއްވައިފައެވެ. ވިޔަފާރިއާއި އެހެނިހެން އިޖުތިމާޢީ މުޢާމަލާތްތަކުގެ މިނިވަންކަމާއި އިންތައް ބަޔާންކުރައްވައިފައެވެ. ނަސްލީ އިމްތިޔާޒު ނައްތައިލައްވައިފައެވެ. އިޖްތިމާޢީ ހަމަހަމަކަން ޤާއިމުކުރައްވައިފައެވެ. ކުޑަކުދީންގެ ޙައްޤުތައް ލިބިދެއްވައިފައެވެ. ޢުމުރުން ދުވަސްވީ މީހުންގެ ޙަޤުތައް ޙިމާޔަތްކޮށްދެއްވައިފައެވެ. އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށްދެއްވައިފައެވެ. އުނގެނުމުގެ ޙައްޤު ލިބިދިނުމުގެ އިތުރަށް އެކަން ވަނީ މަޖުބޫރުކުރައްވައިފައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ޙައްޤުވަނީ ކަށަވރުކޮށްދެއްވައިފައެވެ. މަސައްކަތްކުރުމާއި މުދާ މިލްކުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވުމުގެ އިތުރަށް އެ ކަމަށް ވަނީ ބާރުއަޅުއްވައިފައެވެ. އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދެއްވައި އެ ކަނބަލުންނަށް ވަނީ ޢިއްޒަތާއި ރައްކާތެރިކަން ދެއްވައިފައެވެ.
އާދޭހެވެ! އިންސާނާ މި ބިންމަތީގައި ބާއްޖަވެރިކަމާއެކު ދިރިއުޅެ، ބާއްޖަވެރި އުޚުރަވީ ޙަޔާތަކަށް ދާނެ ހުރިހާ ކަމަކަށް އިސްލާމް ދީން ވަނީ މަގުދައްކައިދީފައެވެ. މިފަދަ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވިކަން ބަޔާންކުރައްވައި ވަޙީ ބާވައިލެއްވުމުގެ އިތުރަށް ކައުސާ ހިބާ މުޙައްދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ވަނީ ޙައްޖަތުލްޥިދާޢުގައި މި ހުރިހާ ކަމެއް މުސްލިމުންނަށް ހަނދާންކޮށްދެއްވައި ޚުލާޞާކޮށްދެއްވައިފައެވެ. އަދި މި ކަންކަން މުސްލިމުންނަށް އަންގަވައިދެއްވާން އަމުރުކުރައްވައިފައެވެ. މި ކަމަށް އެންމެހައި ޙުޟޫރުން ހެކިކުރައްވައިފައެވެ. އަޅުގަނޑުމެންނަށް އޮތީ މި ކަންކަން ތަންފީޒުކުރުމެވެ.
ވީމާ، އިސްލާމް ދީނުގައި ނެތީ ކޮން އިންސާނީ ޙައްޤެއްތޯއެވެ! ދީނަށްވަންނާކަށް އިސްލާމް ދީން މަޖުބޫރެއް ނުކުރެއެވެ. ތެދުފުޅެކެވެ. މުސްލިމަކަށް ވުމަށްފަހު އެ ދީނުން ބޭރުވުމުގެ ޙައްޤެއް ނެތެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރު ސާބިތުވާ ހެތްކެކެވެ. "ފިނި ހިޔަލަކުން ގަދަ ހޫނަކަށް" އިންސާނާ ދާކަށް ﷲ އެދިވޮޑިއެއް ނުގަންނަވައެވެ. އެހެންވީމާ އިންސާނާ ހަލާކަށް ދާކަށް އެކަލާނގެ ބޭނުންވެވޮޑިއެއް ނުގަންނަވާނެއެވެ. އެކަލާނގެ އެ ކަލާނގެ އަޅުތަކުންދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އެއީ ރަޙުމާނުވަންތަ ރަޙީމު ވަންތަ ރަސްކަލާނގެއެވެ. އިންސާނާއަށް ގެއްލުން ލިބޭނެ އެއްވެސް ކަމަކަށް އިސްލާމް ދީނުގައި ހުއްދަކުރައްވައިފައެއް ނުވެއެވެ. އެކަމަކު އިންސާނުންނަށް ދެދުނިޔޭގައި ލާބަހުރި ހުރިހާ ޙައްޤުތަކެއް އިސްލާމް ދީނުގައި ވަނީ ވަރަށް ފުރިހަމައަށް ކަށަވަރުކޮށްދެއްވައިފައެވެ.
އިންސާނީ ޙައްޤުތައް ކަމަށް ހުޅަނގުގެ މީހުން ދެކޭ އެއް ޖިންސްގެ ދެ މީހުން ކާވެނިކުރުމާއި އަންހެނުންގެ ޢިއްފަތާއި ޢަބުރު ވެއްޔާއި މޮޑެލުމާއި އިންސާނާގެ ބުއްދި ޚަރާބުކުރުވަނި ކަންކަންކުރުމަކީ ޙައްޤެއް ފިޔަވައި އަޅުގަނޑުމެން ޔަގީންކުރަނީ އެއީ އިންސާނިއްޔަތުގެ ހަލާކު ކަމުގައެވެ. ނަސްލާއި ނަފްސުގެ ހަލާކާއި ޞިއްޙަތާ ޚިލާފު ކަންކަން އެއީ ޙައްޤެއް ނޫނެވެ. އެއީ މުޞީބާތެވެ. މުންކަރާތެވެ. ހަމަ ބުއްދިއަކުން ކިރައި ވަޒަންކުރާނަމަ، އެއީ ކޮންމެ އިންސާނަކުގެ ނަޒަރުގައި ވެސް ނުރުހެވޭ ކަންކަމެވެ. މި ވާހަކަތަކުގެ ތަފްޞީލު ލިޔުމަކީ ވެސް ލަދުވެތި ކަމެއް ކަމަށް ފެންނާތީ މިހާ ވަރަށް ދަންނަވައިލުމަށް ފަހު، މި ވާހަކަ ކުރުކޮށްލަމެވެ.
އަޅުގަނޑުމެންނަކީ މީގެ އަށް ސަތޭކަ އެތައް އަހަރެއްގެ ކުރީއްސުރެ އިސްލާމީ ހިދާޔަތުގެ ނަޞީބު މާތް ﷲ މިންވަރުކުރައްވައިފައިވާ ބަޔެކެވެ. ދިވެހި ޤައުމަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. އިސްލާމް ދީނަކީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތެވެ. މި ނިޢުމަތުގެ މަތީގައި ދިވެހީން ދިރިއުޅޭތާ ނުވަ ޤަރުނާ ކައިރިވީއެވެ. އިސްލާމް ދީނަކީ އިންސާނީ ހުރިހާ ޙައްޤުތަކެއް ކަށަވަރުކުރައްވައިފައިވާ ދީނެވެ. ޔުނިވަރސާލް ޑެކްލަޜޭޝަން އޮފް ހިޔުމަންރައިޓްސްގައި ބުނާ ލާދީނިއްޔަތު ފިޔަވައި އެހެން ހުރިހާ ޙައްޤަކީ އިސްލާމް ދީނުގައި މާކުރީން ލިބި ދީފައިވާ ޙައްޤުތަކެކެވެ. އެ މީހުންނަށް އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާން އެނގުނީ ވެސް މާ ފަހުންނެވެ.
އާދޭހެވެ! އެ ޤައުމެއްގެ ރައްޔިތުން ހިތުން ރުކުމުން އިސްލާމް ދީން ޤަބޫލުކޮށް އިސްލާމީ ވެރިކަމެއް ހިނގާ ކޮންމެ ޤައުމެއްގެ އެންމެ މަތިވެރި ޒިންމާއަކަށްވާނީ އިސްލާމް ދީން ޙިމާޔާތްކުރުމެވެ. އެއީ އިސްލާމީ ޝާރީޢާގެ މަޤުޞަދުތަކުގެ މައި ކުރިބޯއްޓެވެ. އެ މަޤްޞަދު ޙާޞިލު ނުވެއްޖެ ނަމަ، އެހެން ހުރިހާ މަޤުޞަދުތަކެއް ފުނޑުފުޑުވެދާނެއެވެ. ދިވެހި ރާއްޖެއަކީ ﷲގެ ރަޙުމަތުން މި ދެންނެވި ފަދަ އިސްލާމީ ޤައުމެކެވެ. އެހެންވީމާ މި ދައުލަތުގެ އެންމެ އިސް ޒިންމާއަކަށް ވާނީ އިސްލާމް ދީން ޙިމާޔަތްކުރުމެވެ. މުޅި ޤައުމިއްޔަތާއި، ރައްޔިތުންނަށް ލާބައާއި މަންފާ ހުރި ހުރިހާ ކަމެއް ޤާއިމުވެފައިވަނީ އިސްލާމް ދީނުގެ ތަރަހައިގެ މަތީގައި ކަމަށް ވާތީއެވެ. އެހެންކަމުން މި ދައުލަތުގެ އެންމެހާ ވެރީންނާއި އިސް މަޤާމުތަކުގައި ތިއްބަވާ ހުރިހާ ބޭފުޅުން ވެސް މަޤާމާ ޙަވާލުވެވަޑައިގަންނަވަނީ މާތްވެގެންވާ އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިއްތެވުމަށް މާތް ﷲ ގަންދެއްވައި ކުރައްވާ ހުވަޔަކާއެކީއެވެ. ހުވާގެ ޢިބާރާތުގައި އެހެން ވާހަކަތައް އަންނަނީ ވެސް އޭގެ ފަހުންނެވެ.
ނަމަވެސް ދާދިފަހުން ފުލުހުންގެ ޤާނޫނަށް "އިޞްލާ" ހުށަހަޅުއްވައި، މަޖިލީހަށް ހުށަހެޅުނު "ބިލެއް"ގައި އިސްލާމް ދީނުގެ ކުރިޔަށް މާ ވަރުގަދަ "އިންސާނީ ޙައްޤެއް"ގެ ވާހަކަ ގެނެސްފައި އޮތުމަކީ އާންމުކޮށް މި އިވޭފަދަ "އޮޅުމެއް" ބާވައެވެ. ނުވަތަ އެހެން ނިޔަތެއްގައި ހަމަ ގަސްތުގައި ކުރި ކަމެއް ބާވައެވެ. ކޮންމެ ގޮތަކުން ކުރެވުނަސް އެއީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފުކަމެކެވެ. އެހެނީ ޤާނޫނު އަސާސީގެ ރޫޙަކީ އިސްލާމް ދީނަށް ހުރިހާ ޙާލަތެއްގައި ވެސް އިސްކަންދީ އެ ދީން ޙިމާޔާތްކުރުމެވެ. ޙުރުމަތްތެރިކޮށް ހިތުމެވެ. ޤާނޫނޫއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި "ދިވެހިދައުލަތުގެ ދީނަކީ އިސްލާމް ދީން" ކަމަށާއި "އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރު" ކަމަށް ބަޔާންކޮށްފައި އޮތީ އެހެންވެގެންނެވެ. އިސްލާމް ދީނުގައި ކަށަވަރުކޮށްދެއްވައިފައި ނުވާ އެއްވެސް ޙައްޤެއް އެއްވެސް ވަޟުޢީ ފަލްސަފާއެއްގައެއް ނެތެވެ. އެހެންވީ އިރު، ދައުލަތުގެ ދިފާޢީ ބާރެއް ކަމުގައިވާ ފުލުހުންގެ ހުވާގެ ޢިބާރާތަށް އިސްލާމް ދީން ޙިމާޔަތްކުރުމަށް ވުރެ އިހަކަށް އެހެން ކަމެއް ގެނެވިގެންނުވާނެއެވެ. ރާއްޖޭގައި ސެކިޔުލާރ (ލާދީނީ) ވެރިކަމެއް ޤާއިމުކުރެވިދާނެ ކަމުގެ އުއްމީދު ބަޔަކު ކުރާކަމަށް ވިޔަސް (މާތް ﷲ އެ ގޮތް މިންވަރު ނުކުރައްވާށިއެވެ!) އަދި ރާއްޖޭގައި އޮތީ މި ދެންނެވި ޤާނޫނުއަސާސީއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ގޮތުގައި ހިނގާ އިސްލާމީ ވެރިކަމެކެވެ. ވީމާ ވެރިކަމުގެ ފަރާތުން ވެސް، ދިފާޢީ ބާރުތަކުން ވެސް، އެންމެ ވަރުގަދައަށް އެންމެ ފުރަތަމައަށް ޙިމާޔަތްކުރާންޖެހޭނީ، އިސްލާމް ދީން ކަމަށް ވާތީ، ހުވާގެ ޢިބާރާތުގައި ވެސް އިސްވާން ޖެހޭނީ އިސްލާމް ދީން ދިފާޢުކުރުމެވެ. ދުނިޔޭގައި އޮތީ އިސްލާމް ދީނުގައި ނެތް ކޮން އިންސާނީ ޙައްޤެއްތޯއެވެ؟ ނެތެވެ. ނޯންނާނެއެވެ.
ވީމާ، "އޮޅިގެން" ހުށަހެޅުއްވުނަސް ގަސްތުގައި ހުށަހެޅުއްވިޔަސް މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމުގައި ޤަބޫލުފުޅުކުރައްވާ ނަމަ، ޤައުމުދެކެ ލޯވިވެވަޑައިގަންނަވާނަމަ، އަދި އިސްލާމްދީނުގެ ޙުރުމަތަށް އިސްކަން ދެއްވާނަމަ، މި ބިލު ޤާނޫނަކަށްވުމުގެ ކުރީން މި ކަމަށް ސަމާލުކަން ދެއްވައި އިޞްލާޙުކުރައްވާނެކަމަށް އުންމީދުކުރަމެވެ. އަދި މި ކަން އިޞްލާހުނުވެ، "އޮޅިގެން" ބިލު ފާސްވިޔަސް، ރައީސުލްޖުމްހޫރިއްޔާ ވެސް ތަޞްދީޤު ނުކުރައްވައި، އެކަން އިޞްލާހުކުރައްވާން އެ ބިލު އަނބުރައި މަޖިލީހަށް ފޮނުއްވާނޭކަމަށް އުއްމީދުކުރަމެވެ. އިސްލާމް ދީނުގެ ޙުރުމަތާއި އަގަށް ވުރެ، އެހެންކަމަކަށް ޤާނޫނެއްގައި އިސްކަން ދެވިފައިވާ ނަމަ، އެއީ އިސްލާމް ދީނުގެ ޙުރުމަތަށް ވެވޭ އިހާނާތެކެވެ. ރައީސުލްޖުމްހޫރިއްޔާ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރީން ކުރެއްވި ހުވާގައި ޤާނޫނުއަސާސީގެ ވާހަކަ ގެންނެވުމުގެ ކުރީން އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިއްތަވާނެ ވާހަކަ ވިދާޅުވެފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހުވައިކުރައްވައިފައި ވަނީ މި އަސާސުގެ މަތީގައެވެ. ވީމާ، އިސްލާމް ދީނުގެ ޙުރުމަތަށްވުރެ، އެހެންކަމެއްގެ ޙުރުމަތް އިސްކުރެވޭ ގޮތަށް މި އިސްލާމީ ދިވެހިރާއްޖޭގައި އެއްވެސް ކަމެއް ކުރެވޭ ނަމަ އެއީ، ސަމާލުކަން ދެއްވައި އިޞްލާޙުކުރައްވާންޖެހޭ ވަރަށް ބޮޑު ޤައުމީ މައްސަލައެއް ކަމުގައި ނޫނީ ނުވާނެއެވެ. ފަހެ، އިސްލާމް ދީނުގައި ނެތިގެން މި އުޅެނީ ކޮން ޙައްޤެއްހެއްޔެވެ؟