އިންޑިޔާއާއެކު ދެބަސްވުން އުފެދިފައިވާ ސަރަހައްދުތައް ހިމަނައިގެން އެކުލަވައިލި ޗާޓު ފާސްކޮށް ނޭޕާލުގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ނޭޕާލުގެ ގާނޫނުހަދާ މަޖިލިސް، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފިއެެވެ.
މި ވޯޓު ނަގާފައި މިވަނީ ދެބަސްވުން އުފެދިފައިވާ ސަރަހައްދުތައް ނޭޕާލުގެ އިމުގެ ތެރޭގައި ހިމަނައިގެން އެކުލަވާލި ޗާޓު ސާރުކާރުން އާއްމުކުރުމާ ގުޅިގެންނެެވެ. މި ސަރަހައްދުތަކަކީ ލިޕުލެކް، ކަލަފަނީ އަދި ލިމްޕިޔަދޫރާއެވެ. މި ތިން ސަރަހައްދަކީ އިންޑިޔާގެ ތަންތަން ކަމަށް އިންޑިޔާއިން ދައުވާކުރެއެވެ.
ގާނޫނުހަދާ މަޖިލީހުގައި ވޯޓު ނަގާފައި ވަނީ ދެބަސްވުން އުފެދިފައިވާ ސަރަހައްދުތައް ނޭޕާލުގެ ގައުމީ ނިޝާނުގައި ހިމަނައި، ގާނޫނު އަސާސީގެ ތިންވަނަ ޖަދުވަލަށް ބަދަލު ގެނައުމަށެވެ. ސަރުކާރުން ހުށަހެޅި މި ބަދަލަށް މައި ސިޔާސީ ޕާޓީތައް ކަމުގައިވާ ނޭޕާލީ ކޮންގްރެސް (އެންސީ)، ރާސްޓްރިޔަ ޖަަނަތާ ޕާޓީ- ނޭޕާލް (އާރްޖޭޕީ- އެން) އަދި ރާސްޓްރިޔަ ޕްރަޖަންތުރާ ޕާޓީ (އާރްޕީޕީ) އިން ވެެސް ވަނީ ތާއީދުކޮށްފައެވެ.
ޗާޓަށް ބަދަލު ގެންނަ ވާހަކަ ދެކެވެން ފެށުމާއެކު އިންޑިޔާ ވަނީ އެކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި މި ބަދަލު ގާނޫނު އަސާސީއަށްވެސް ގެންނަން ފާސްކުރުމާއެކު އިންޑިޔާގެ ނުރުހުން އިތުރުވެގެން ދާނެކަަމަށް ބެލެވެއެވެ.
ގާނޫނުހަދާ މަޖިލީހުގެ ރައީސު އަގްނީ ކަރެލް ވިދާޅުވީ ޖަަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 258 މެންބަރުން ވެސް މި އިސްލާހަށް ވޯޓުދެއްވި ކަމުގައެވެ. އިސްލާހު ފާސްވާން ބޭނުންވަނީ 275 މެންބަރުން ތިއްބަވާ މަޖިލީހުގެ ތިންބައިކުޅަ ދެބައެވެ.
"މިއީ ރައްޔިތުން އެދޭ ގޮތަށް އަދި ގައުމީ މަސްލަހަތަށް އިސްކަންދީގެން ކުރި ކަމެއް. މިކަން ނިމުނީ އެެއްވެސް ދެކޮޅު ހެދުމެއް ނެތި އިއްތިފާގުން." ބޮޑުވަޒީރު ކަޑްގާ ޕްރަސާދް ޝަރްމާ އޮލީ ވިދާޅުވިއެވެ." ގާނޫނުހަދާ މަޖިލިސް އެކަންޏެއް ނޫން. މި ކަމުގެ ފަހަތުގައި މުޅި ގައުމު ވޭ.”
މިކަމާ ގުޅިގެން އިންޑިޔާގެ އެކްސްޓާނަލް މިިނިސްޓްރީގެ ތަރުޖަަމާނު ވިދާޅުވީ އިންޑިޔާގެ ނިންމުން ކުރިއްސުރެ ހާމަކޮށްފައިވާނެ ކަމުގައެވެ.
ކުރިއްސުރެވެސް ދެ ގައުމުގެ ދެމެދުގައި ދެބަސްވުން އުފެދިފައި އޮތް މި މައްސަލަ އިތުރަށް ގޯސްވީ ލިޕުލެކް ސަރަހައްދާ، އުއްތަރާކަންެޑްގެ ދަރްޗޫލާ ގުޅުވައިދޭ 80 ކިލޯމީޓަރުގެ ހައިވޭއެއް ފާއިތުވި މޭ މަހުގެ 8 ވަނަ ދުވަހު އިންޑިޔާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ހުޅުއްވައިދެއްވުމާ ގުޅިގެންނެވެ.
ނޭޕާލުން މިކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، އެ ހައިވޭ ހަދާފައިވަނީ ނޭޕާލުގެ ސަރަަހައްދުގެ ތެރެއިން ކަަމަށް ބުންޏެވެ. އިންޑިޔާއިން ރައްދުގައި ބުނީ އެ ހައިވޭ އިންޑިޔާގެ ސަރަހައްދުން ބޭރުވެފައި ނުވާ ކަމުގައެވެ.
އިންޑިޔާގެ މިރައްދަށް ނޭޕާލުން ޖަވާބުދީފައި މިވަނީ އެގައުމުގެ ގާނޫނު އަސާސީގައި މި ސަރައްދު އެކުލެވޭ ޗާޓު ހިމަނައިގެންނެވެ.