
ޖޫން 15 އިން ފެށިގެން ހުއްދަޔާ ނުލައި ބޭރުގަ އުޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމައިފިއެވެ
އެންއީއޯސީގައި މިރޭ ބޭއްވަމުންދާ ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ހުއްދަޔާ ނުލައި ބޭރުގަ އުޅުމުގެ ފުރުޞަތު ހުޅުވާލެއްވި ނަމަވެސް ގިނަވެގެން އެއްވެ އުޅެވޭނީ ތިން މީހުންނަށްކަމަށެވެ. ހުއްދަޔާ ނުލައި ބޭރުގައި އުޅުމަށް ހުޅުވާލެއްވި ނަމަވެސް ވަކިގަޑިތަކެއް ވަކި ބަޔަކަށް ޚާއްޞަ ކުރެވިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން ދޮށީ ޢުމުރުގެ މީހުންނަށް މިހާރުވެސް އޮންނަ ގޮތަށް ފަތިހު ފަހަކުން ހެނދުނު އަށަކަށް ޚާއްޞަ ކޮށްފައިވާ އިރު ކުޑަކުދިންނަށް ބޮޑެތި މީހުންނާއެކު ބޭރުގައި އުޅެވޭނީ ހަވީރު ހަތަރަކުން ހަޔަކަށެވެ. އަދި ކަސްރަތުކުރާ މީހުންނަށް ޚާއްޞަ ގަޑިއަކީ އިރުއޮއްސި ހަޔަކުން ރޭގަނޑު ނުވައަކަށެވެ.
ހުއްދަޔަކާ ނުލައި ބޭރުގައި އުޅުމުގެ ފުރުޞަތު ދިން ނަމަވެސް ބޭރުގައި އުޅެވޭނީ ފަތިހު ފަހަކުން ރޭގަނޑު ދިހަޔަކަށެވެ. އެނޫން ގަޑިތަކުގައި ބޭރުގަިއ އުޅެން ހުއްދަ ބޭނުންވާނެއެވެ. އަދި މިމަހު ފަނަރައިން ފެށިންގެން ޕާކު ފަދަ ތަންތަން ވެސް ޙުޅުވާލެއްވުމަށް ވަނީ ނިންމަވައިފައެވެ. ނަމަވެސް އެތަންތަނުގައި އަތް ދޮވުން ފަދަ ޚިދުމަތްތައް ދެވޭނެގޮތް އިންތިޒާމު ކުރަންޖެހޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. އަދި އާއްމު ޚިދުމަތް ދޭ ތަންތަނުގައި ގައިދުރުކަމުގެ އިންތިޒާމުތަކާއި ސެނެޓައިޒްކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސަންޖެހެއެވެ.
ލުއި ދެވުނު ނަމަވެސް ޙާލަތު ބަދަލު ވަމުންދާ ނަމަ ބައެއްކަހަލަ ކަންކަން ހިފަހަށްޓަން ޖެހިދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.
މިމަހު 15 ދުވަހާ ހަމައަށް މިއޮތް ތިން ދުވަހު ބޭރުގައި އުޅުމަށް ތައްޔާރުވުމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބަދުލް ޢަޒީޒު އެދި ވަޑައިގެންނެވިއެވެ.