މީގެފަހުން ބަލިޖެހޭ މީހުން ދޫކޮށްލާއިރު ޕީސީއާރް ޓެސްޓެއް ނަހަދާނެ: ޑރ. ނަޒްލާ

ކޯވިޑް ޖެހޭ މީހުން ދޫކޮށްލާއިރު މީގެ ފަހުން ޕީސީއާރް ޓެސްޓު ނަހަދާނެ ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ބަލިޖެހޭ މީހުން ދޫކޮށްލާއިރު ދޫކޮށްލަނީ ޕީސީއާރް ޓެސްޓެއް ހަދައި އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ. ނަމަވެސް އެގޮތަށް ނެގެޓިވް ވާން ބައެއް ފަހަރު ހަތަރު ފަސް ހަފްތާ ނަގާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތަށް ހަދާ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވުމަކީ އެކަކުގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފޯރުކޮށްދޭ ކަމެއް ނޫން ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެން ނަމަވެސް ބޮޑަށް ބަލިވާ މީހެއްގެ ގައިން އެހެން މީހަކަށް ބަލިޖެހުމުގެ ފުރުސަތު އޮތް ކަން ފާހަގަކުރެއްވިއެވެ. 

ޑރ. ނަޒްލާ ވިދާޅުވީ މޭ މަހުގެ 27 ވަނަ ދުވަހު ޑަބްލިޔުއެޗްއޯ އިން އާއްމުކުރި އުސޫލުގައި ބުނާގޮތުން ބަލީގެ އަލާމާތްތައް ރަނގަޅުވުމަށްފަހު ތިން ދުވަސްވެ، އަދި އަލާމާތް ފެށުނީއްސުރެ ދިހަ ދުވަސް ވުމުން ޓެސްޓު ނަހަދާ ދޫކޮށްލެވޭނެއެވެ. އެއީ ދިހަ ދުވަސް ތެރޭގައި އެހެން މީހެއްގެ ގަޔަށް ބަލިއެރުމުގެ ފުރުސަތު ނޯންނާނެތީ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި މިހާތަނަށް ގެންގުޅެމުން އައި އުސޫލަކީ ސާދަ ދުވަސްތެރޭގައި ދޫކޮށްލުން ކަމަށްވެސް ވިދާޅުވިއެވެ.

ބަލިމީހުން ދޫކޮށްލުމުގައި ރާއްޖެއިން ކުރިން ގެންގުޅެމުން އައި އުސޫލު ބަދަލުކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އަލާމާތް ފެނުމަށްފަހު މަދުވެގެން ސާދަ ދުވަސް ހަމަކުރަންވާނެ ކަމަށާއި، ދޫކޮށްލާނީ އަލާމާތްތައް ފެނުން ހުއްޓި މަދުވެގެން ތިން ދުވަސްވުމަށް ފަހު ކަމަށެވެ. މިގޮތަށް ދޫކޮށްލާނީ އާދައިގެ ރޯގާއެއް ޖެހިފައި ހުންނަ މީހުން ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ބޮޑަށް ބަލިވެގެން މަދުވެގެން 21 ދުވަސް ހަމަކުރަންވާނެ ކަމަށާއި، އަދި ބަލިން މުޅިން ފަސޭހަވެ ތިން ދުވަސް ހަމަވީމާ ނޫނީ ދޫނުކުރާނެ ކަމަށެވެ. މިގޮތަށް ދޫކޮށްލާއި ޕީސީއާރް ޓެސްޓް ނަހަދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް ދިފާއީ ނިޒާމު ބަލިކަށި މީހުން ދޫކޮށްލާއިރު ޕީސީއާރް ޓެސްޓެ ހަދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިގޮތަށް ޓެސްޓުކުރަނީ އެފަދަ މީހުންނަކީ އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހިދާނެ ފުރުސަތު އޮތް މީހުން ކަމަށްވާތީއެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.