މިއަހަރު ނިމުމުގެ ކުރިން އައްޑުއާއި ފުވައްމުލަކަށް ބަޔޯސްފިއަރގެ ދަރަޖަ ހޯދައިދެނީ

މިއަހަރު ނިމުމުގެ ކުރިން އައްޑުއާއި ފުވައްމުލަކަށް ބަޔޯސްފިއަރ ރިޒާވެއްގެ ދަރަޖަ ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ތިމާވެށްޓާ ބެހޭ ވަޒީރު ޑރ. ޙުޞައިން ރަޝީދު ވިދާޅުވެއްޖެއެވެ.

މިރޭގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވީ މިއަހަރު ތެރޭގައި ވަރަށް ބޮޑު ދިރާސާއެއް ކުރައްވައި އައްޑޫގެ ނޭޗަރޕާކްހިމެނޭ ގޮތަށް ފަސް ސަރަޙައްދަކާއި ފުވައްމުލަކުގެ ސަރަޙައްދަކަށް ޔުނެސްކޯގެ ބަޔޯސްފިއަރ ޒިޒާވެއްގެ ދަރަޖަ ހޯދައި ދިނުމަށް ހުށަހަޅައިފައިވާކަމަށެވެ.

"މިހާރު ވަރަށް އުފާވެރި ޚަބަރެއް އޮތީ ލިބިފައި ފުވައްމުލަކުގެ ހުށަހެޅުން ޔުނެސްކޯއިން ޤަބޫކުރައްވާނެކަމަށް. އަދި މިއަހަރު ފަހުކޮޅު އޮންނަ ބައްދަލުވުމުގައި އެކަން އެންޑޯޒްކޮށް އެކަން އިޢުލާންކުރައްވާނެ ޚަބަރު." ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

އައްޑޫގެ ހިމާޔަތް ކުރެވޭ ފަސްތަނުގެ ތެރެއިން އެއްތަނުގެ މަސައްކަތް މިވަގުތު ހުއްޓިފައިވުމުން އައްޑޫގެ ސަރަޙައްދުތަކަށް ބަޔޯސްފިއަރގެ ދަރަޖަ ލިބިގެންދާނީ އެތަން ހިމާޔާތްކޮށް އިޢްލާންކޮށް އެކަން ޔުނެސްކޯއަށް އެންގުމުން ކަމަށް ވެސް ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި އައްޑުއަށް ވެސް ބަޔޯސްފިއަރ ރިޒާވެއްގެ ދަރަޖަ ލިބިގެންދާނެކަމަށް ޑޮކްޓަރ ޙުސައިން ވިދާޅުވިއެވެ.

ރާއްޖޭގެ 13 ރިސޯޓެއްގެ ފަރުގެ ނިޒާމުވެސް ހިމާޔަތް ކޮށްފައިވާ ތަންތަން ކަމުގައި ހަމަޖައްސައި ބަޔޯސްފިއަރގެ ދަރަޖަ ހޯއްދެވުމަށް އެދިފައިވާކަމަށް ވެސް ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި ޓޫރިޒަމް މިނިސްޓްރީން އެކަމުގެ ހުއްދަވެސް ދީފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ފަރުތަކަށް ބަޔޯސްފިއަރގެ ދަރަޖަ ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ބ.އަތޮޅު ގައިވެސް ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވެއްގެ ގޮތުގައި ދަރަޖަކޮށްފައިވާ ސަރަޙައްދެއް އޮވެއެވެ. ބަޔޯސްފިއަރ ރިޒާވަކީ ބައިނަލްއަޤްވާމީ ގޮތުން ހިމާޔަތްކުރެވިފައިވާ ޤުދުރަތީ ތަރިކަތަކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.