ގުޅިފަޅު މައްސަލައިގައި ދެ ވަޒީރަކު ކޮމެޓީއަށް ހާޒިރު ކުރަނީ

ގުޅިފަޅު ހިއްކުމުގެ މަސައްކަތާގުޅިގެން ތިމާވެށްޓަށް ،ކުރަމުންދާ އަސަރާގުޅޭ ގޮތުން ދެ ވަޒީރަކު އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް ހާޒިރު ކުރަން އެކޮމެޓީީން ނިންމައިފިއެވެ.

ކޮމެޓީއަށް ޙާޒިރުކުރުމަށް ނިންމެވި  ދެ ވަޒީރުންނަކީ އެންވަޔަރަންމަންޓް މިނިސްޓަރާއި ޕްލޭނިންގ މިނިސްޓަރެވެ. މީގެ އިތުރުން މިމައްސަލައިގައި އެންވަޔަރަންމަންޓް ޕޮރޮޓެކްޝަން އެޖެންސީގެ އިސްބޭފުޅުނާއި މަޝްރޫޢުގެ އީ.އައި.އ ޭ ކޮންސަލްޓަންޓާ ވެސް ބައްދަލުކުރުމަށް ވަނީ ނިންމައިފައެވެ. 

މައްސަލަ ދިރާސާ ކުރެއްވުމުގެގޮތުން ދެވަޒިރިންނާއި ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކުރުމަށް ނިންމަވައިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައެވެ. ކޮމެޓީން މިގޮތަށް ނިންމެވީ މައްސަލަ ކުރިއަށް ގެންދެވުމާމެދު ގޮތެއް ނިންމެވުމަށް މިމަހު ފުރަތަމަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގަވެ.  މައްސަލަ ކުރިއަށް ގެންދެވުމަށް ކޮމެޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ނިންމަވައިފައެވެ. 

މި މައްސަލައަކީ އެކޮމެޓީން އިސްނަގައިގެން ކުރިއަށް ގެންދާ މައްސަލައެކެވެ.  އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިމައްސަލަ ދިރާސާކުރުމަށް ނިންމައިފައި ވަނީ ގުޅިފަޅުގައި ޤާއިމްކުރެވޭ ޕޯޓްގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތްފެށުމާއެކު އެސަރަޙައްދުގެ ތިމާވެއްޓަށް އަސަރު ކުރަމުންދާތީ، އެކި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންދިއުމާ ގުޅިގެންނެވެ.

ކޮމެޓީގެ ނިންމުމާ ގުޅިގެން މި މައްސަލައާ ގުޅިގެން ހޯއްދަވަންޖެހޭ ލިޔެކިޔުންތައް ހޯއްދެވުމުގެ މަސައްކަތް ކޮމިޓީގެ އިދާރީ މުވައްޒަފުން މިހާރު ދަނީ ކުރަމުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.