ހޯމަދުވަހުގެ ވާހަކަ: ޑޮކްޓަރ އިބުރާހީމު - ބާބިލުގެ ޓަވަރުގެ ތަނބެއް! ޛުއްނޫން އައްޔޫބު

ނޯޓެއް

"ޑޮކްޓަރު އިބުރާހިމު: ބާބިލުގެ ޓަވަރުގެ ތަނބެއް!" މިވާހަކަ ލިއުއްވީ އިރާގުގެ މަޝްހޫރު ލިޔުންތެރިއެއްކަމަށްވާ ޛުއްނޫނު އައްޔޫބެވެ. އޭނާ ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ 1908 ގައި މައުސުލް ގައެވެ. އަވަހާރަވީ 1988ގައި ބަޣުދާދުގައެވެ. މިވާހަކަ އެންމެ ފުރަތަމަ ޝާއިއު ކުރެވުނީ 1936ގައި ކުރުވާހަކައެއްގެ ސިފައިގައެވެ. ފަހުން 'ދުކްތޫރު އިބްރާހީމު'ގެ ނަމުގައި ރިވާޔަތެއްގެ ސިފައިގައެވެ. މިބައި އެރިވާޔަތުގެ ފުރަތަމަ ބާބުގެގޮތުގައި ހިމަނައިގެންނެވެ.

މިވާހަކައިގެ ދައްކުވައިދެން މަސައްކަތް ކުރެވިފައިވަނީ ވާހަކައިގެ ބަތަލުގެ ރަށުގައި ފެތުރި އާއްމުވެފައިވާ ސިޔާސީ ފަސާދައިގެ ސަގާފަތުގެ ވާހަކައެވެ. މުޅިގައުމުގައި ގައުމު ކުރިއެރުވުމުގެ ނަމުގައި އުޅެނީ އަމިއްލަ ފައިދާއަށް މަސައްކަތްކުރާ ސިޔާސީވެރިން ކަމުގެ ވާހަކައެވެ. އަދި މިކަމުން ރަމްޒުކޮށްދެނީ މުޅި ގައުމެވެސްވަނީ އާއްމުގޮތެއްގައި އަޚުލާގީގޮތުން ފާސިދުވެ ދަށުދަރަޖައަކަށް ވެއްޓިފައިކަމެވެ. އަދި ގައުމެއް ކުރިއަރާނީ ގައުމުގެ އެންމެންގެ އަޚުލާގީ ފެންވަރު ރަގަޅުކުރެވި، މާތް އަގުތަކެއް ގަބޫލުކުރެވި، ހަރުދަނާ އުސޫލުތަކެއް މީސްތަކުންގެ މެދުގައި ފަތުރާލެވިގެންކަމެވެ. - ޢ.ޣ.ޢ.ރ

*   *   *   *   *   *

ރޭލު ދުއްވާލުމުގެ ވަގުތު ޖެހިއްޖެކަން އިއުލާނު ކުރުމުގެ ކަށިގަނޑުގެ އަޑު ރޭލުތެރޭގައި ގުގުމާލިއެވެ. ރޭލުގައި އިން އިބްރާހިމަށް އެކަށިގަނޑުގެ ގުގުމާލުމުގެ އަޑުވީ ވަރަށް ހިތްގައިމު ރީތި އަޑަކަށެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އެއަޑު އޭނާއަށް ރަމްޒުކޮށްދެނީ އޭނާގެ ހަޔާތް، އެއް މަރުހަލާއިން އެހެން މަރުހަލާއަކަށް ބަދަލުވެ ފުރޮޅިގެންދާ ދިއުމެވެ. ކިޔެވުމާއި ދަރިވަރުކަމުގެ މަރުހަލާއިން މަސައްކަތާއި ބޮޑުމީހަކަށްވުމުގެ މަރުހަލާއަށް ބަދަލުވެގެން ދިޔުމުގެ އިޝާރަތެވެ. ހޭލާހުރުމާއި ކިޔެވުމުގެ އުނދަގޫތައް އުފުލުމުގެ މަރުހަލާއިން އަރާމުކުރުމާއި ހޮޓާތަކާއި ކުލަބުތަކުގައި މަޖާކުރުމުގެ މަރުހަލާއަށް ބަދަލުވެގެން ދިޔުމުގެ އިޝާރަތެވެ. މަސައްކަތުގެ ދުނިޔެއަކީ ކިޔެވުމުގެ ދުނިޔެއަށްވުރެ އުދަގޫ އަދި ދަތިތަކާއި ވޭނުން ފުރިގެންވާ ދުނިޔެއެއްކަމެއް އިބުރާހިމުގެ ހިތަކަށް ފަހަރެއްގައިވެސް ނާރައެވެ.

އާދެ! އިބްރާހީމު އެއިނީ ލަންޑަނުގައި އޭނާގެ ކިޔެވުން ނިންމައިފައި އޭނާގެ ރަށް ބަޣުދާދުއަށް ދިޔުމުގެ މަގުމަތީގައެވެ. އޭނާވަނީ ދަނޑުވެރިކަމުގެ ފަންނުގައި ހޯދެންއޮތް އެންމެ މަތީފާސް، މުޅިއިނގިރޭސިވިލާތުގައިވެސް އިލްމީގޮތުން އެންމެ ކުރީސަފުގައި ހިމެނޭ، ޔުނިވަރސިޓީއަކުން ހޯދާފައެވެ. އޭނާވަނީ އޭނާގެ ސެޓިފިކެޓަކީ އިރާގުގެ ދަރިޔަކު އެދާއިރާއިން އެންމެފުރަތަމަ، އަދި އެންމެމަތީ، ފާސް ހޯދި ދަރިވަރަކަށްވޭތޯ މަސައްކަތްކޮށް އެކަން ހާސިލުކޮށްފައެވެ. އޭނާ ދެކޭގޮތުގައި ދަނޑުވެރިކަމުގެ ދައުރު މިހާރުވަނީ ނިމިފައެވެ. ދެން އޮތީ ގޮވާން ކުރުމުގެ ދައުރެވެ. އަދި އޭނާވަނީ، މިހާތަނަށް، އިރާގުގެ އެހެން ދަރިޔަކުގެ ހިތަށް 'ނޭޅޭވަރަށް' އިލްމު 'އަޅައި' ފުރާލާފައެވެ. އެހެނީ އޭނާވަނީ ރަސްމީ ސެޓިފިކެޓެއް އޭނާ ކިޔެވި ޔުނިވަރސިޓީއިން ހޯދާފައެވެ. އެސެޓިފިކެޓަކީ ބުރަދަންހުރި އޭގެމައްޗަށް އިއުތިމާދުކުރެވޭނޭ ސެޓިފިކެޓެކެވެ. އެސެޓިފިކެޓަކީ، އެއްވެސް މީހަކަށް، އޭގެ ސައްހަކަމާމެދު އިއުތިރާޒުކޮށް، އެއާ ދޭތެރޭ ޝައްކުކުރެވޭނޭ ސެޓިފިކެޓެއްނޫނެވެ.

މާޒީގެ ދުވަސްތައް މަތީން ހަނދާންވެ އިބުރާހިމު ހިތާހިތާ ބުންޏެވެ. ކިޔެވުމުގެ ދުވަސްތަކަކީ ވަރަށްވެސް ހައިރާންކުރުވަނިވި ދުވަސްތަކެކެވެ! ހަނދާނުން ފޮހެވިގެން ނުދާނޭ އެތައް ހަނދާންތަކުން ފުރިގެންވާ ދުވަސްތަކެކެވެ. މީސްމީހުންގެ އަނގައިން ދޫކޮށްލެވޭ ލަފުޒުތަކާއި ޖުމްލަތައް، ކުޑަކުޑަ ދަރިވަރުގެ ހިތުގައި ބިންވަޅުނެގި ހަރުލާފައި ހުރެއެވެ. އަދި އެފަދަ ލަފްޒުތަކާއި ބަސްތައް އޭނާގެ ހަޔާތް ކުރިއަށް ގެންދާނޭ މިސްރާބު ކަނޑައެޅުމަށް އަސަރުފޯރުވައި އޭނާގެ މުޅިހަޔާތުގެ މައްޗަށްވެސް ބާރު ހިންގައެވެ. އޭނާ ކުރެން މީހަކު، ކުދިވެރީން ވަނަމުން ކިޔާގޮތުންނަމަ، މިސްޓަރު 'ރުޅިގަދަ'، މިމުދައްރިސު މަތީން ހަނދާންވޭތޯ ސުއާލުކޮށްފިނަމަ، އޭނާގެ ޖަވާބަކަށްވާނީ މިއެވެ. "މިސްޓަރ ރުޅިގަދަ މަތިން ހަނދާނެތޭނީ ކިހިނެއްހެއްޔެވެ؟ އޭނާގެ މި އިބާރާތް ހަނދާނުން ފޮހެލެވޭނީ ކިހިނެއްހެއްޔެވެ؟ ކިޔެވުމަށްމަސައްކަތް ނުކޮށް ފިލާވަޅުތައް ދަސްކުރުމަށް ފަރުވާކުޑަކުރާ ކުއްޖާއާ މުޚާތަބުކޮށް އޭނާ މިހެން ބުނުއްވާނޫންހެއްޔެވެ؟ 'ކަލޭ ތިހެން ކިޔެވުމަށް މަސައްކަތްނުކޮށް، ފިލާވަޅުތައް ދަސްކުރުން އިހުމާލުކޮށްލައިގެން ހުންނާށެވެ! މުސްތަގުބަލުގައި ބޮޑުވެގެން ކަލެއަށް ވެވޭނީ ސިފައިންގެ މީހަކަށެވެ!' އަދި ފިލާވަޅުތައް ދަސްކޮށް، މަދަރުސާގެ ވާޖިބުތައް އަދާކޮށް، ކިޔެވުމަށް މަސައްކަތް ކުރާ ކުއްޖާއާ ދިމާލަށް މިހެންވެސް އޭނާ ބުނުއްވާނޫންހެއްޔެވެ؟ 'ދަރިފުޅާއެވެ، ކަލެއަކީ ވަރަށްވެސް ރަގަޅު ކުއްޖެކެވެ! މުސްތަގުބަލުގައި ދަރިފުޅުވާނީ ވަޒީރަކަށެވެ. ދަރިފުޅު ވަޒީރަކަށްވުމުން ދަރިފުޅުގެ މިހިރަ ކަންނެއް ޒަމީލުއާ ދޭތެރޭ އޯގާތެރި ލޮލަކުން ބަލާލައި އޭނާއަށް ދަރިފުޅުގެ ވުޒާރާއިން ނޯކަރެއްގެ ވަޒީފާ ދެއްޗެވެ!' މިސްޓަރު 'ރުޅިގަދައިގެ' މިވާހަކަތައް ހަނދާންނެތޭނީ ކިހިނަކުން ހެއްޔެވެ. އެވާހަކަތައް ހަމަ އިއްޔެގެ ވާހަކަތަކެއް ފަދައިން ހަނދާންވެއެވެ. އެހެންނުވާނީވެސް ކީއްވެހެއްޔެވެ؟ އެހެނީ އިބުރާހިމު ހިމެނިފައިވަނީ ކިޔަވަން ގަދައަށް މަސައްކަތް ކުރިކުއްޖެއްގެ ގޮތުގައެވެ. މިވާހަކަތައް ހިތައް އެރުމުން އިބުރާހިމުގެ ގާތަށް ވަރަށް ހިނިވެސް އައެވެ. ނަމަވެސް އިބުރާހީމު ގާތު މިފަދަ ބަސްތަކުން އޭނާގެ ހަޔާތަށް އަސަރެއްކުރާނެތޯއާއި އޭނާގެ ހަޔާތުގެ މިސްރާބު މިފަދަ ބަސްތަކުގެ ގާނޫނަށް ތަބާވެދާނެތޯ ސުއާލުކޮށްފިނަމަ އޭނާ ބުނާނީ އެހެން ނުވާނޭކަމަށެވެ. އަދި އޭގެ ސަބަބުވެސް އޭނާ ބުނެދޭނެއެވެ. އެއީ މިސްޓަރު 'ރުޅިގަދަ' ނުވަތަ އެނޫންވެސް އެފަދަ މީސްމީހުންނަކީ އިބުރާހީމުފަދަ މޮޅެތި މީހުންގެ ހަޔާތަށް އަސަރުކުރުވާ ވަރަށްވުރެ މާ ދެރަ ނިކަމެތި މީހުންނެވެ.

އިބުރާހީމުގެ ލޯމަތިން ލަންޑަނާއި އަދި ލަންޑަނުގެ ޔުނިވަސިޓީގެ ކިޔެވުމުގެ ކޮޓަރިތަކާއި ކިޔަވާ އަދި ލިޔެހަދާ ފޮތްތައް މުޅިން ފަރުދާވެގެން ހިނގައްޖެއެވެ. ހަމަ މިއާއެކު، އޭނާދެކޭގޮތުގައި، އޭނާގެ ހަޔާތުގެ މިފޫހި މަރުހަލާ، އާދެ، ކިޔެވުމުގެ ދިގު ދަތި އުދަގޫ ދުވަސްތައް، އޭނާގެ ލޯމަތިން ކެހިގެން ދިޔައީއެވެ. ދެން އޭނާއަށް އޮތީ މަސައްކަތުގެ ހަޔާތާ ކުރިމަތި ލުމެވެ. އޭނާގެ ނަޒަރުގައި މަސައްކަތުގެ ދައުރުފެށުމަށް މާބޮޑުކަމެއް ކުރާކަށް އޭނާއަކަށް ނުޖެހޭނެއެވެ. އޭނާގެ ސެޓިފިކެޓު، އިގުތިސާދީ ވުޒާރާއަށް ހަމަ ހުށަހަޅާލުމުން، އޭނާގެ ވަޒީފާ ކަންތައް ހަމަޖެހޭނެއެވެ. އެވުޒާރާގެ އެންމެ ބޮޑުވަޒީފާ އޭނާއަށް ލިބޭނެއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އިރާގުގެ ދަރިޔަކަށް އެރޮގުން ލިބިފައިއޮތް އެންމެމަތީފާސް އޮތީ އޭނާގެ އަތުގައެވެ. އޭނާ ވަޒީފާއަށް ނިކުމެ އެންމެފުރަތަމަ ކުރާނޭކަންކަން ވެސް އޭނާ ކަނޑައަޅާލިއެވެ. މީސްމީހުން އޭނާއާ މުޚާތަބުކޮށް ވާހަކަ ދައްކަންވާނީ 'ޑޮކްޓަރު އިބްރާހީމު' މިހެން ކިޔައިފައެވެ. އަދި އޭނާ ލިޔާ ލިޔުންތައްވެސް ޝާއިއު ކުރެވޭނީ 'ޑޮކްޓަރު އިބުރާހިމު'ގެ ނަމުގައެވެ. އޭނާގެ ނަމުގެ ކުރިއަށް 'ޑޮކްޓަރު' އައިސް އެއަޑު އެހެން މީސްމީހުންގެ ކަންފަތުގައި ޖެހި ނުވަތަ ލޮލުގައި އަޅައިގަތުމުން ހަސަދަވެރިވާނޭ ބަޔަކުވެސް އުޅޭނޭކަން އިބުރާހިމުގެ ހިތަށް ފެނުނެވެ. ނަމަވެސް މިއީ ކަންބޮޑުވާން ޖެހޭވަރު މައްސަލައެއް ނޫނެވެ. އިބުރާހިމު ހިތާ ހިތާ ބުންޏެވެ. މިފަދަ މުހިއްމު ވަޒީފާ އެއް އަދާ ކުރާ ފުރތަމަ މީހަކަށް ވާނީ އޭނާ ކަމަށްވާނެތީ މީހުން ހަސަދަވެރިވެސް ވާނެތާއެވެ. އެހެންވެ، އޭނާއަށް ވަޒީފާ ލިބުމުން، އޭނާގެ ވަޒީފާ ރައްކާތެރިކޮށް، އޭނާއާ ވާދަވެރި އެހެންމީސްމީހުނަށް އެވަޒީފާއާ ކައިރި ނުވެވޭނޭ ގޮތްތައްވެސް ހަދާލެވޭނޭ ކަމަށްވާނެތީވެސް، އެކަމާ އޭނާ ކަންބޮޑުވާކަށް ނުޖެހެއެވެ.

މިފޮނިފޮނި ޚިޔާލުތަކުގެ ތެރެއަށް ގެނބި އިންއިރު އެޚިޔާލުތައް ކިލަނބުކޮށް އޭގެ މީރުކަން ނެތިކޮށްލާނޭ އެއްވެސް ކަމެއް އިބުރާހިމުގެ ހިތަކަށް ނާރައެވެ. އެހެންވެ އޭނާގެ މޫނުމަތިވަނީ އަލިވެ އުޖާލާވެފައެވެ. އަދި އަބަދުމެހެން އިނދެވެނީ ހިނތުންވެފައެވެ. ރޭލުގައި ދަތުރު ކުރަމުންދާ އެހެން ދަތުރުވެރީން ތިބިކަމުގެ އެއްވެސް އިހުސާސެއްވެސް ނުވެއެވެ. ރޭލުގައި އިބުރާހިމުއިން ޑައްބާގައި (ކެރޭޖުގައި) އިން އެހެން ދެދަތުރުވެރިން އިބުރާހިމާ އަޅައިގަތެވެ. އިބުރާހިމުގެ ހަމުގެ ކުލަ އޮޅަލިވެފައި އަދި ހިނިތުންވާލެއްވެސް ގިނަކަމުންނެވެ. އެދެމީހުންގެ ތެރެއިން އެކަކު އޭނާގެ ރަހުމަތްތެރިޔާއާ މުޚާތަބުކޮށް ސަމާސާކޮށްލުމުގެ ގޮތުން ބުންޏެވެ. "މިއިނީ ކިހާ އުފާވެރި ޒުވާނެއް ހެއްޔެވެ! ހަމަ ޔަގީނުންވެސް އޭނާ ވާނީ ހިންދުސްތާނުގެ ކޮންމެވެސް ރާޖާއެއްގެ ދަރިކަލަކަށެވެ. އޭނާގެ ބައްޕާފުޅު އަވަހާރަވުމުން އޭނާ އެނބުރި އެވަޑައިގަންނަވަނީ އޭނާގެ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާށެވެ! ފައިސާވެރިކަމާއި އަންހެނުންނާ މުދާވެރިކަމުގެ ހުވަފެންތައް އޭނާ ދެކޭތަން ކަލެއަށްވެސް އެބަފެނޭނޫންހެއްވެ!" ރަހުމަތްތެރިޔާ ޖަވާބުގައި ބުންޏެވެ. "ތިބުނީ މުޅިން ރަގަޅު ވާހަކައެއް ނޫންކަމާމެދު އަހަރެން ކަލެއާ ބާޖުމަރާފާނަމެވެ. އޭނާވާނީ އުތުރު އެފްރިކާގެ ބަރުބަރުންގެ ޒުވާނަކަށެވެ. ޔޫރަޕުގައި މަޖާކޮށް ހިތްއުފާކޮށްލުމުގެ ދަތުރެއް ނިންމާލުމަށްފަހު އޭނާ އެނބުރިއެދަނީ އޭނާގެ ވެރިކަމާ ހަވާލުވާށެވެ!" ދެން ދެރަހުމަތްތެރިން ނިންމީ އިބުރާހިމާ ސުއާލުކޮށް ވާހަކަދައްކާލުމަށެވެ. ދެރަހުމަތްތެރިން ދުށްގޮތުންކުރެ ސައްހަގޮތަކީ ކޮބައިތޯ ހޯދުމަށްޓަކައެވެ.

ދެރަހުމަތްތެރީން ކުރެ އެކަކު އިބުރާހިމުކުރެން އޭނާ އަކީ ކޮންރަށަކު މީހެއްތޯއާއި އަދި އޭނާ ކުރާކަމަކާ ބެހޭގޮތުން ސުއާލު ކުރިއެވެ. އަދި ވަރަށް ފަޚުރުވެރިކަމާއެކު އިބުރާހިމު ޖަވާބުގައި ބުންޏެވެ. "އޭނާވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކޮށްފައެވެ. އަދި އޭނާ މިހާރު އޭނާގެ ރަށް، އިރާގަށް، އެނބުރިދަނީއެވެ." ދެރަހުމަތްތެރިންގެ ކަންފަތައްވެސް 'އިރާގު' މިލަފުޒުވީ ބީރައްޓެހި ލަފުޒަކަށެވެ. އެތަނުން އެކަކަކީ ރާބުއިމަށް އިދުމާނުވެފައިވާ މީހެއްކަމުން މިލަފުޒާ ރަލުގެތެރޭގައި ހިމެނޭ ބާވަތެއްކަމުގައިވާ އަރަކުއާއި ގުޅުމެއްއޮވެދާނެހެން ހީވިއެވެ. އަދި މީނާ ބުންޏެވެ. 'އިރާގު' އޭ ބުނުމުން އަހަންނަށް ހަނދާންވަނީ ރަލުގެ ބާވަތެއްގެ މަތިންނެވެ. އެ ރަލަކީ އަނެއްކާ ކަލާގެ ރާއްޖޭގައި ތައްޔާރުކުރާ ރަލެއް ހެއްޔެވެ؟" މި އަޑުއިވުމުން އިބުރާހިމު ގާތަށް ހިނިއައެވެ. އަދި އޭނާގެ ރަށުގެ މުހިއްމުކަން ވިސްނާދިނުމުގެ ގޮތުން އިބުރާހިމު ބުންޏެވެ. އެއީ މެސަޕޮޓޭމިއާއެވެ. ތެލުގެ ރާއްޖެއެކެވެ." ދެން ދެރަހުމަތްތެރިން އެއްފަހަރާހެން ބުންޏެވެ. "އެންމެ ފުރަތަމަވެސް ތިހެން ބުނިނަމަތާއެވެ!"  އަދި އެތަނުން އެކަކު އިތުރަށް ބުންޏެވެ. "ޝައްކެއްނެތް ގޮތުގައި ތެޔޮ ކުންފުނީގެ ތެލުގެ ބިންތަކުގެ ތެރެއިން ބައެއްބިންބިމަކީ ކަލާގެ މިލްކުގައި ހިމެނޭ އެއްޗެއް، އެހެން ނޫންތޯއެވެ؟." ސަމާސާކޮށްލުމުގެ ގޮތުން އިބުރާހިމުވެސް ބުންޏެވެ. "ނޫނެކެވެ. ނަމަވެސް ތެލުން ލިބޭފައިސާގެ ބޮޑުބައެއް އަހަރެންގެ އަތްމައްޗަށް އަރާނެއެވެ. އެހެނީ އަހަރެންވާނީ ބޮޑު މުސާރައެއް ލިބޭ އިރާގުގެ ސަރުކާރުގެ އިސް މަގާމެއް ފުރާނޭ މީހަކަށެވެ."

*   *   *   *

ޑޮކްޓަރު އިބްރާހިމު ފަރިއްކުޅުއްވާ ތަށްޓާ ދިމާލަށް ބައްލަވައި އިސްޖައްސަވައިގެންއިންނަވައި ފަރިއްކުޅުއްވަމުން ގެންދެވިއެވެ. އަދި ފަރިއްކުޅުއްވާ އެއްޗެއް ހެއްޕެވުމަށް، ނޫނީ ކާނާގެ ރަހަލިބިވަޑައިގަތުމަށްވެސް ފުރުސަތެއް ނުދެއްވައި، ސަމުސާ، އަނގަފުޅާ ތައްޓާ ދެމެދު، އަވަސްއަވަސްކޮށް ބަދަލު ކުރައްވަމުން ގެންދެވިއެވެ. ފަރިއްކުޅުއްވަން ގެންދަވާގޮތުން ހީވަނީ އެއްގޮތަކަށްވެސް ގަޔާވެވަޑައިނުގަންނަވާ، ފޫހިކަމެއް ކުރައްވަމުން ގެންދަވާހެންނެވެ. އެހެނީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ކުޑަހިނދުކޮޅެއްގެތެރޭގައި، މިއަދު، އެމަނިކުފާނުގެ ގެކޮޅުގައި ބޭއްވެންއުޅޭ ބައްދަލުވުމާ އަޅާ ބަލާއިރު ފަރިއްކުޅުއްވުމަކީ އެއްވެސް އަގެއް ފައިދާއެއްއޮތްކަމެއް ނޫނެވެ.

އޮފީހުގައި އެމަނިކުފާނު މިއަދު މާބޮޑަށްވެސް ލަސްވެއްޖެއެވެ. އެމަނިކުފާނު އޮފީހުގައި ލަސްވެވަޑައިގަތީ އޮފީހުގައި ކުރައްވަން ޖެހިވަޑައިގެންފައި ފުނިޖެހިފައިހުރި މަސައްކަތް ކުރެއްވުމުގައި އުޅުއްވީމައެއްނޫނެވެ. ފަހުން ކުރައްވަން ބެހެއްޓިފައި ހުރި ވާޖިބުތައް އަދާ ކުރައްވަން މަޑުކޮށްލެވިގެންނެއްވެސް ނޫންނެވެ. ލަސްވެވަޑައިގަތީ ބައެއް ޚާއްސަ ބޭބޭފުޅުންނާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވެގެންނެވެ. މިބޭބޭފުޅުންނަކީ މުސްތަގުބަލުގައި ބޮޑެތި ބޭބޭފުޅުންކަމުގައި ވެގެންދާނޭ ބޭބޭފުޅުންނެވެ. މިއަދު ވަރަށް ޚާއްސަ ދެބޭފުޅަކާ އަލަށް ބައްދަލުވެވަޑައިގަތުމުގެ ފުރުސަތު ޑޮކްޓަރ އިބުރާހިމަށް ލިބިވަޑައިގަތެވެ. އެއީ ކުރިންވެސް ބައްދަލުވެވަޑައިގެންފައިވާ ޚާއްސަ އެތައް ބޭފުޅުންނާއި ބައްދަލުވުމުގެ އިތުރުންނެވެ. މިބޭބޭފުޅުންގެ ޒިޔާރަތްކޮށްލެއްވުމަކީ ފަހަރެއްގައިވެސް ޑޮކްޓަރ އިބުރާހިމުގެ ވަޒީފާގެ މަސައްކަތާ ގުޅިފައިއޮތް ކަމެއްނޫނެވެ. މިޒިޔާރަތަކީ ވާހަކަދައްކާލާ އަނގަތަޅާލައި އެކަކު އަނެކަކުގެ ހިތުގެ އެދުންތައް ބޭރުކޮށްލުމަށްޓަކައި ކޮށްލެވުނު އަމިއްލަ ޒިޔާރަތެކެވެ. ސަޔަކަށް އިންސާފުކޮށް، ސިނގިރެޓް  ބޯލާ ހަދާލުމުގެގޮތުން ކުރެވުނު ޒިޔާރަތެކެވެ. އަދި ސިޔާސީ އިޖުތިމާއީ ކަންކަމާބޭހޭގޮތުން އަނގަތަޅާލައި މިކަންކަމާއި ބެހޭގޮތުން ކޮންމެމީހެއްވެސް އެމީހަކުދެކޭގޮތުގެ ވާހަކަ ބުނެދިނުމަށް  ކުރެވުނު ޒިޔާރަތެކެވެ. މިފަދަ ބައްދަލުވުން ތަކުގައި ދެކެވޭ ވާހަކަތަކަކީ ހައްގު ހޯދުމަށްޓަކައި ކުރެވޭ ބަހުސެއްނޫނެވެ. އެވާހަކަތައް އަބަދުވެސް އޮންނަނީ ދެބަސް ވުމާއި ޖަދަލު ކުރުމަކަށްވެފައެވެ. އެހެންވެ، ވާހަކައިގެ އަޑު ގަދަވެ އެއްފަހަރާ ފަސް ބޭކަލުންވެސް އެބޭކަލުންގެ ރައުޔު ފާޅުކޮށްފާނެއެވެ. މިފަދަ ވާހަކަތަކުގައި އަބަދުވެސް ކުރި ލިބެނީ އެންމެ އަޑުގަދަ ބޭކަލަކަށެވެ. މިވާހަކަތައް ދެކެވެމުންދާއިރު އޮފީސް ހުންނަނީ، ބަންދުވެފައެވެ. އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ އާއްމު މީސްތަކުންނަށް އޮފީހުން ލިބިދޭން އޮންނަ ޚިދުމަތް އޮންނީނުލިބިފައެވެ. އޮފީހުގެ ރަސްމީ މަސައްކަތް އޮންނަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ. މިފަދަ ހާލަތްތަކުގައި، އޮފީހުގެ ދޮރުވާނު، އޭނާގެ ވާޖިބު އެންމެ ފުރިހަމަގޮތުގައި، ވެރިޔާ ރުހިވަޑައިގަންނަވާނޭގޮތަށް، އަދާ ކުރެއެވެ. ވެރިޔާއާއި ބައްދަލުކުރައްވަން 'ބޮޑު ބޭފުޅަކު' ވަޑައިގެންފިނަމަ، އާދައިގެ އާއްމު މީހާއާ ޚިލާފަށް، އެފުރަސަތު އެބޭފުޅަކަށް އޮވެއެވެ. މިފަދަ 'ބޮޑެތި ބޭފުޅުން'ނަކީ ކޮބައިކަން ދޮރުވާނަށް ފާހަގަކުރަން އެނގެއެވެ. އެމީހުންގެ ބޮޑެތި ބަނޑުތަކުންނާއި ލާފައި ހުންނަ އަގުބޮޑެތި ސާފު ރީތި ހެދުމާއި އަޅާފައި ހުންނަ އައިނުންނެވެ. އެމީހުންގެ ވާހަކައި ރާގުގައި ހުންނަ ބޮޑާކަމާއި ކިބުރުވެރިގޮތުންވެސް މެއެވެ.

ޑޮކްޓަރ އިބުރާހިމު މިއަދުގެ ބައްދަލުވުން ނިންމާލެއްވީ ޒިޔާރަތް ކުރެއްވި ބޭކަލުންނަށް، އޭނާގެ އަމިއްލަގޭގައި މިއަދު ކޮންމެވެސް ވަގުތެއްގައި ބައްދަލުވެލައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. ކޮންމެއަކަސް ވަގުތު ހިނގަމުންގޮސް މިހާރު ބައްދަލުވާން ކަނޑައެޅުނު ގަޑިޖެހެން ދެން މާގިނަވަގުތެއް ނެތެވެ.

*   *   *   *

އެންމެފަހުން ހުރިހާ ބޭފުޅުންވެސް ޑޮކްޓަރ އިބުރާހިމުގެ ގެކޮޅަށް ވަޑައިގަންފިއެވެ. އަދި މިހުރިހާ ބޭފުޅުންނަށްވެސް ގޭ ދޮރުމަތިން ޑޮކްޓަރ އިބުރާހިމު މަރުހަބާ ދެންނެވިއެވެ. މިބޭފުޅުންގެ ތެރޭގައި ޖުމްލަ ދިހަ ބޭފުޅުން ހިމެނެއެވެ. މިބޭފުޅުންގެ ތެރޭގައި ތިން ލޯޔަރުންނާއި ކުރީގެ ތިންވަޒީރަކާއި ރައްޔިތުންގެ މަޖުލިހުގެ ތިން މެމްބަރުންނާއި އަދި ނޫހެއްގެ ވެރިޔަކުވެސް ހިމެނުނެވެ. މިބޭފުޅުންނަށް ބަލައިލުމުންވެސް މިއީ ވަރަށްވެސް ޚުތޫރަތްތެރިކަން ބޮޑު ބައްދަލުވުމެއްކަން ކިޔުންތެރިންނަށްވެސް ލަފާކޮށްލެވޭނެއެވެ. އެއްދުވަސްވަރެއްގައި މިފަދަ ބައްދަލުވުންތައް ފާޅުގޮތެއްގައި ބޭއްވުނެވެ. ނަމަވެސް މިދުވަސްވަރަކީ ސިޔާސީ ޕާޓީތައް މުޅިން މަނާކުރެވި އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތައް މުޅިންހެން ހުއްޓިފައިވާ ދުވަސްވަރެކެވެ. އެހެންވެ މިފަދަ ބައްދަލުވުންތައް ބޭއްވެން އޮންނަނީ ސިއްރިއްޔާތުގައެވެ. މިފަދަ ބައްދަލުވުންތައް ބޭއްވެނީ ނާދީތަކާއި ކުލަބުތަކުގައެއްނޫނެވެ. އަމިއްލަ މީސްމީހުންގެ ގޭގައެވެ. ޖާސޫސަކަށް ނުވަތަ ފާރަވެރިޔަކަށް އޭގެ ޚަބަރު ނުފޯރާނޭ ގޮތެއްގައެވެ. އަދި މިފަދަ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތައް ލިޔެވި ރެކޯޑުކުރެވެނީ ނޯޓުފޮތެއްގެ ސަފުހާތަކުގައެއްނޫނެވެ. މީސްމީހުންގެ ހިތްތަކުގައެވެ. މިފަދަ ޒިޔާރަތްތައް ވެފައި އޮންނަނީ ސަރުކާރު ވައްޓާލުމަށްޓަކައި ސައްލާކުރުމަށް ބައްދަލުވާ ބައްދަލުވުމަކަށެވެ. ސިޔާސީ އިދިކޮޅު ހަރަކާތްތައް ހުއްޓުވާލިއރު، 'ބޮޑު' ކޮންމެ މީހެއްގެ އަމިއްލަގޭގެ އިސްތިގުބާލުކުރާ ކޮޓަރިއަކީ، އިދިކޮޅު ސިޔާސީ ޕާޓީއެއް ހިންގާ ތަނަކަށް ބަދަލުވެގެން ހިގައިދޭނޭ ތަނެއްކަމެއް، ސަރުކާރަށް އެއިރަކު ވިސްނިފައެއް ނެތެވެ.

މިއަދުވެސް، އެހެން ދުވަސް ދުވަހެކޭވެސް އެއްފަދައިން، ދެކެވުނީ ސިޔާސީ ވާހަކަތަކެވެ. ވާހަކަތައް އަމާޒުވެފައިއޮތީ ސިޔާސީވެރިންނަށެވެ. ސަރުކާރުން ކުރަމުންގެންދާ ކަންކަމާއެވެ. އެކަންކަމުގައި އޮތީ މުޅިންވެސް އައިބުތަކާއި އުނިކަންތަކެވެ. ސިޔާސީވެރިންގެ ސިޔަރަތުގެ މައްޗަށްވެސް ބަލާލެވުނެވެ. އެއެންމެންނަކީވެސް މޮޔައިންނެވެ. ނޫނީ ޣަދަރުވެރި ޚާއިނުންނެވެ. ނޫނީ ދޮގުހަދާ ވައްކަން ކުރާވަގުންނެވެ. ނޫނީ ނުލަފާ މުނާފިގުންނެވެ. ނޫނީ ހަމައެކަނި އަމިއްލަ އެދުމާގެން މަސައްކަތް ކުރާ ލައުނަތް ލިބގެންވާ މީހުންނެވެ. ޖަލްސާގައި ރަށަށް ގެންނަން ބޭނުންވާ އިސްލާހުއާއި ބެހޭގޮތުން ބަހުސުކުރެވުނުއިރު އެންމެހައި ބޭކަލުންނަށްވެސް އެއްބަސްވެވަޑައިގެންނެވުނީ ގެންނަން ޖެހޭ ހަމައެކަނި އިސްލާހަކީ މިވެނި ވުޒާރާއަކީ އުވާލަން ޖެހިފައިވާ ވުޒާރާއެއްކަމެވެ. އަދި ބޭނުންވާ އިސްލާހު ގެނައުމަށްޓަކައި، އޭގެ ބަދަލުގައި އެހެން ވުޒާރާއެއް އުފައްދަން ޖެހޭކަމެވެ. އަދި މިއިސްލާހުގެނައުމަށްޓަކައި އެވުޒާރާގައި މަސައަކަތްކުރަން ތިބެން ޖެހޭނީ މިއެންމެ ބޭކަލުން އެދޭގޮތަށް ކަންތައްތައް ކުރާ، މިއެންމެ ބޭކަލުންގެ ގާތްތިމާގެ މީހުންނާ ރަހުމަތްތެރިން ކަމެވެ. އަދި އުވާލަން ބޭނުންވާ ވުޒާރާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްވެސް ރާވައި ނިންމިއެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ބޭކަލުންގެ މެދުގައި، މިގޮތުން ކުރަންވީ ކަންކަން ބަހާލިއެވެ.

ނޫސްވެރިޔާގެ މަސްއޫލިއްޔަތަކަށްވީ އޭނާގެ ނޫހުގެ ސަފުހާތައް، ސަރުކާރަށް ފާޑުކިޔައި ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ސަނާ ކިޔާ ސަފުހާތަކަކަށް ހަދާލުމެވެ. އަދި އެހެން ކޮންމެ ބޭކަލެއްވެސް އެބޭކަލެއްގެ އިސްތަށިފުޅުގައި ކޮންމެވެސް ސިފައެއްގައި ސަރުކާރަށް ހަމަލާ ދިނުމުގެ މަސްއޫލިއްޔަތު އެޅުއްވިއެވެ. މިއެންމެންގެ ތެރެއިންވެސް އެންމެ މުހިއްމު ދައުރެއް ހަވާލު ކުރެވުނީ ޑޮކްޓަރ އިބުރާހިމާއެވެ. ޑޮކްޓަރާ ހަވާލުކުރެވުނު ކަންތައްތަކަށް އަމަލީ ސިފައެއް ގެނައުމުގެ މަސައްކަތް، ޖަލްސާގެ ބައިވެރިން ގެއިން ނިކުމެ ވަޑައިގަތުމުން، ހަމަ ވަގުތުން ފެށްޓެވިއެވެ. ނޫހުގައި ޝާއިއު ކުރުމަށް ލިޔުމެއް ލިޔުއްވުމަށެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ކަންކަމަށް ފާޑުކިޔުއްވާފައެވެ. އޭނާ، މިލިޔުން ލިޔުއްވުމުގައި، ރިޕޯޓަކަށް، ނޫނީ ތަފާސްހިސާބަކަށް ނޫނީ ލިޔެވި ޝާއިއުކުރެވިފައިވާ ބަހުސަކަށް، ބައްލަވާކަށް ނުހައްދަވައެވެ. އަދި ޒާތީ ކަންތައްތަކުން އެއްކިބާވެ ހުންނަވައިގެން ލިޔުއްވުމަކީވެސް މުހިއްމު ކަމެއްކަމުގައި ދެކިއެއް ނުލައްވައެވެ. މިފަދަ ކަންކަމަށް ބެއްލެވުމަށްވުރެ ޑޮކްޓަރ އިބުރާހިމު މާބޮޑުވެފައި މޮޅުފުޅެވެ. މިހެންނުވާނަމަ، އޭނާގެ އަތްޕުޅުގައި އޮތް ސެޓިފިކެޓުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އެއްމެ މަޒުމޫނެއް ލިޔުއްވައިފައި ޑޮކްޓަރު އިބުރާހިމު ނިންމާލެއްވީކީ ނޫނެވެ. އިތުރު އެހެން މަޒުމޫނެއްވެސް ލިޔުއްވިއެވެ. ކަންކަން ނުކުރެވޭކަމާއި އަދި ކަންކަމާމެދު ފަރުވާކުޑަކުރާކަން ސަރުކާރުގެ މައްޗަށް ތުހުމަތުކުރައްވާފައެވެ. އަދި ހަމައެކަނި އެހެންނަމެއްގައި ލިޔުއްވުންތައް ލިޔުއްވުމުން ޑޮކްޓަރުގެ މަސައްކަތް ނިމުނީއަކީނޫނެވެ. މީގެ އިތުރުން އެކި އެކި ބައްދަލުވުންތަކުގައި ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ ބަހުރުވައިން ސަރުކާރުގެ އުނިކަމާއި ކަންކަން ނުކުރެވޭކަމާއި މަތީފާސްނަގައިގެން އައިސްތިބި މީހުންނާ ކަންކަން، ސަރުކާރުން ހަވާލު ނުކުރާކަންވެސް ފާހަގަކޮށް ވާހަކަވެސް ދައްކަވައެވެ. އަދި އަޑުއަހާމީހާ އޭނާގެ ވާހަކަތައް އަޑުއަހައި އޭނާގެ ވާހަކައިގެ ރީތިކަމާ އޮމާންކަމުގެ އަސަރުގައި ޖެހި، އިރާގުގެ ރަންޒަމާން ދާދިއަވަހަށް ދެން އަތުވެދާނެކަން ގަބޫލުކުރެވިދެއެވެ. އަދި ބައެއްފަހަރުފަހަރު، އަޑުއަހާމީހުންގެ ތެރެއިން މީހަކު ފޯރީގައިޖެހި ވަރަށް އިޚުލާސްތެރިކަމާއެކު ބުނެލައެވެ. "އަހަރުމެންގެ އަމިއްލަ ދަރިން ހުޅަނގުގެ ކޮލެޖުތަކުން އުނގެނުމަށްފަހު، އެއުނގެނުމުގެ މޭވާ ހިފައިގެން އަހަރުމެންގެ ރާއްޖެ ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި މިތިބީ އައިހެވެ."

*   *   *   *

މުވާސަލާތާއި އިގުތިސާދު އާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ އިބުރާހިމު އޭނާގެ ދުވަހުގެ ވާޖިބުތައް އަދާކޮށް ނިންމާލައްވައިފިއެވެ. މިވާޖިބުތަކުގެތެރޭގައި ދެތިން ރަސްމީ ސިޓީއެއްގައި ސޮއިކޮށްލެއްވުން ނޫންކަމެއް ނޯވެއެވެ. އޭނާގެ ވާޖިބުތައް އަދާކުރައްވައި ނިންމެވުމަށްފަހު ގޮނޑިކޮޅުގައި ރަގަޅަށް ހިންދެމިލެއްވިއެވެ. އަދި ފުންވިސްނުމެއްގެ ތެރެއަށް ގެއްލިވަޑައިގަތެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި އަދި އަމާންކަމެވެ. ހަތަރުވަރަކަށް މަސްވެސް ވަޒީފާގައި ހޭދަ ނުކުރައްވައި، ދާދި ކުރުމުއްދަތެއްގެ ތެރޭގައި ވަޒީފާގެ ކުރިއެރުމުގައި ދެހަރުފަތެއް އޭނާވަނީ ގިރާކުރައްވައިފައެވެ. މިހާރު އޭނާ އަކީ 'ޑިރެކްޓަރ ޖެނެރަލް' އެކެވެ. ވުޒާރާގައި ވަރަށްވެސް މުހިއްމު ޝަޚުސިއްޔަތެކެވެ. އަދިއޭނާއަކީ، އޭނާއާ އެއްއުމުރުގެ، އަދި ތައުލީމީގޮތުން އެއްފެންވަރެއްގެ، މީހުންނާ އަޅާބަލާއިރު، އެފަދަ މީހުން ހަސަދަވެރިވާނޭހާ ބޮޑު މުސާރައެއްގެ ވެރިއެކެވެ. އޭނާ ކިތަންމެ ބޮޑާވެފައި ފޮނިވިޔަސް، އޭނާއަށް މިވަޒީފާގައި ދެމިހުންނެވެނީ ކިހިނެއްކަން، އޭނާގެ ހަނދާނުން ފަހަރެއްގައިވެސް ފޮހެވިގެންނެއްނުދެއެވެ. އޭނާ މަސައްކަތް ކުރައްވާ ވުޒާރާއެއް އުވިނުދިޔުމަށްޓަކައި މަސައްކަތް ނުކުރެއްވިނަމަ އޭނާއަށް އޭނާގެ ވަޒީފާލިބިވަޑައިގެންފައި ނެތީހެވެ. އެހެންވެ، ޒަމާން ފުރޮޅެމުންދާދިއުމާއި ދުވަސްތަކުގެ ކެހިވެރިކަމުން ރައްކާތެރިކަން ހޯދުން އެއީ ހަމަ ނުކޮށްނުވާނޭކަމެކެވެ. ދުވަހަކު ކޮޅުންވިޔަސް، ޑޮކްޓަރ އިބުރާހިމުގެ ވުޒާރާ އުވިހިނގައްޖެނަމަ، އޭނާގެ ވަޒީފާވެސް އުވި ގެއްލިގެންދާނެއެވެ. އަދި އޭނާ ވަޒީފާ ހޯދަން ކުރެއްވި ހުރިހާ މަސައްކަތެއް އޮންނާނީ ވަޔަށް ބުރައިގެންގޮސްފައެވެ. އެހެންވީމާ މުސްތަގުބަލަށްޓަކައި ކޮންމެހެންވެސް  ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން ޖެހެއެވެ. އަދި އޭނާ ކިޔަވާ ވިދާޅުވި މަދަރުސާއިން ކިޔަވާ ދަސްވެނިވެ އެއް ސެޓިފިކެޓެއް ހިފައިގެން އައިސް އޭނާއާ ވާދަކުރަން އުޅެފާނެ އެހެންމީހުންނާ ދޭތެރޭ ވިސްނައި ފިޔަވަޅު އަޅަން ޖެހެއެވެ. އަދި ހަމައެހެންމެ، އޭނާގެ އަދާވަތްތެރީންނާ ދޭތެރޭވެސް ވިސްނާ ސަލާމާތުގެ ފިޔަވަޅު އަޅަންޖެހެއެވެ. މިއަދާވަތްތެރިންނަކީ، ޑޮކްޓަރ އިބުރާހިމު ކުރިއަރައިގެން ދިޔުމުގެ މަގުމަތީގައި އެމީހުންގެ ވަޒީފާ ޖަހައިގަންނަވައި، އެމީހުންގެ ހައްގުތަކަށް އޭނާގެ ފައިންޕުޅުން އެރުއްވި މީސްމީހުންނެވެ. އެހެންވެ، ދިމާވެދާނޭ ކުއްލި ނުރައްކަލެއްގެ ބިރުން ސަލާމަތްކަން ހޯދުމުގެގޮތުން ވަރުގަދަ ފިޔަވަޅެއް އެޅުއްވުމާ ދޭތެރޭ ވިސްނާވަޑައިގެން ފިކުރުކުރެއްވުމަކީ ހަމަ އެންމެ ރަގަޅުކަމެކެވެ. އަދި އެފިޔަވަޅުތައް ވަރުގަދަކޮށް، އޭގައި ވާނަމަ ވާ އުނިކަމެއް ފޫބެއްދުމަށްޓަކައި، ލިބިވަޑައިގަންވާ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަގަޅަށް ކުރައްވަންވެސް ޖެހޭނޭމެއެވެ.

މިގޮތުން ޑޮކްޓަރ އިބުރާހިމު އަޅުއްވާ ސަލާމަތުގެ ފިޔަވަޅުތައް ގުޅިފައިވަނީ ދެކަމަކާއެވެ. ފުރަތަމަކަމަކީ ބޮޑެތި ބޮޑެތި ބޭފުޅުންނާއި ބައްދަލުކޮށް، ތައާރަފުވެ، އެބޭބޭފުޅުންނާ ގުޅުން އުފެއްދައި ގިނަގިނައިން އެބޭބޭފުޅުންނަށް ޒިޔާރަތްކޮށް އުޅުއްވުމެވެ. އަދި އެފަދަ ބޭބޭފުޅުންގެ ހާޒިރުގައި އެބޭބޭފުޅުން ރުހިވަޑައިގަންނަވާ ގޮތެއްގެ މަތިން ވާހަކަދައްކަވައި އެބޭބޭފުޅުން ގެ ހިތާ ސިކުނޑީގެ ރުހުމާއި މަގްބޫލުކަން ހޯއްދެވުމެވެ. ދެވަނަކަމަކީ ރަށުގެ އެކިއެކި ކުލަބުތަކާއި ޖަމިއްޔާތަކުގެ މެމްބަރަކަށް ވެވަޑައިގަތުމެވެ. އެއީ ކޮންމެ ކުލައްގެ ކުލަބަކަށް ނޫނީ ޖަމިއްޔާއަކަށް ވިޔަސްވެހެވެ. ވަތަނީ ނޫނީ ދީނީ ނޫނީ އިލްމީ ޖަމިއްޔާއަކަށް ވިޔަސްވެހެވެ. އަދި މިފަދަ ޖަމިއްޔާތަކުގެ މެމްބަރުން، ނަށާ އުޅެނީ ކޮން ރާގަކަށްތޯއާއި، ވާހަކަދައްކާ އުޅެނީ ކޮން ބަހުރުވައަކުންތޯއާ ދެނެގަތުމެވެ. އަދި ފުރުސަތު ލިބިވަޑައިގަތުމުން، މޮޅު ވާހަކަދެއްކުންތެރިއަކަށްވެވަޑައިގެން، އެޖަމިއްޔާތަކުގެ މެމްބަރުންގެ މެދުގައި އެމީހުން އެދޭ ރާގެއް ކުޅެ އެމީހުންގެ ބަހުރުވައިން ވާހަކަދައްކައި އެމީހުންގެ ރުހުން ހޯއްދެވުމެވެ.

މީގެ އިތުރުން، ވަޒީފާ ރައްކާތެރިކުރެއްވުމުގެގޮތުން އެޅުއްވި ވަރުގަދަ ފިޔަވަޅުތަކުގެ ތެރޭގައި، ރަށުގެ ނޫސް މަޖައްލާތަކުގެ ވެރިންގެ އިތުބާރު ހޯއްދެވުންވެސް ހިމެނެއެވެ. އެގޮތުން ހުރިހާ ނޫސް މަޖައްލާއެއްގައިވެސް ބައިވެރިވެލައްވައި ދިގު ލިޔުންތައް ޝާއިއު ކުރެއްވިއެވެ. އަދި އެނޫސް މަޖައްލާތަކަށް ހަމަހަމަކޮށް ޑޮކްޓަރު އިބުރާހިމުގެ ވުޒާރާއިން އިއުލާނުތައް ޝާއިއު ކުރުމަށް ދެއްވަމުން ގެންދެއްވިއެވެ. ޑޮކްޓަރ އިބުރާހިމު ނޫސް މަޖައްލާތަކަށް އެންމެ ފުރަތަމަ ލިޔުއްވި ލިޔުއްވުމުގެ މައުޟޫއު ގުޅިފައިއޮތީ ސެޓިފިކެޓުގެ ވެރީންނަށް އިހުތިރާމުކޮށް އެފަދަ މީސްމީހުންނަށް ފުރިހަމަ އިތުބާރުކުރުމާ ބެހޭގޮތުންނެވެ. ދެން އެއަށްފަހު، ދަނޑުވެރިކަމުގެ ގޮތުން ފޫބައްދަން ޖެހޭކަންކަން ފޫބެއްދުމަށްޓަކައި އޭނާ ކުރައްވަން ނިންމާފައިވާ ބޮޑެތި ބޮޑެތި މަޝްރޫއުތަކާ ބެހޭގޮތުންނެވެ. މިފަދަ މަޝްރޫއުތަކަކީ، ޚުދް އޭނާއަށްވެސް އެނގިވަޑައިގަންނަވާ ފަދައިން، ގިނަބަޔަކަށްވެސް އެއީ ހަމަ އެކަނި ކަރުދާހުގައި ލިޔެލެވޭ އެއްޗެއްކަން އެނގެއެވެ. މިފަދަ ލިޔުންތަކުން ގަސްދުކުރެވެނީ ތަންދޮރު ރަގަޅަށް އޮޅުން ނުފިލާ ތިބި އާދައިގެ މީހުންނަށް، އޭނާއަށް ވަޒީފާ ލިބުމުގެ މާކުރިންވެސް، އޭނާ ވައުދުވެފައިވާ ކަންކަމަށް އަމަލީ ސިފަ ގެންނަމުންދާކަން ދައްކުވައި ދިނުމެވެ. މިފދަ މަޝްރޫއުތަކަށް އަމަލީ ސިފައެއް ގެނައުމަކީ މުސްތަހީލު ކަމެއްކަމަށް އެންމެ ފުރަތަމަ އިއުތިރާފުވެވަޑައިގަންނަވާނީ ހަމަ ޑޮކްޓަރ އިބުރާހިމު އެވެ. ނޫސް މަޖައްލާތަކުގެ ވެރިންނާ މިގޮތުން ގުޅުން އުފައްދަވާފައި ނިންމަވާލެއްވީކީ ނޫނެވެ. މީގެ އިތުރުން، އެމީސްމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޑޮކްޓަރ އިބުރާހިމު އަވަސްވެވަޑައިގަނެއެވެ. އެގޮތުން، ފުރުސަތެއް ލިބޭހިނދު ނޫސްމަޖައްލާތަކުގެ ވެރިންގެ ގާތް ތިމާގެ މީހުންނަށް ވަޒީފާދީ ނޫނީ އެފަދަމީސްމީހުންނަށް ވަޒީފާގެ ކުރިއެރުންދީހައްދަވައެވެ. މިހެންވެ، ނޫސްމަޖައްލާ ތަކުގެ ވެރިންގެ ގާތުގައި ޑޮކްޓަރު އިބްރާހިމަކީ ވަރަށްވެސް މަގުބޫލު ބޭފުޅެކެވެ. ނޫސް މަޖައްލާތަކުގެ ކޮންމެ އަދަދެއްގައިހެން ޑޮކްޓަރު އިބުރާހިމުއަށް ތައުރީފުކޮށް އޭނާގެ ނަންމަޝްހޫރު ކުރުމުގެ އިޝްތިހާރީ ލިޔުންތައް ޝާއިއު ކުރެވެމުންދެއެވެ.

އޭނާގެ ވަޒީފާ ސަލާމަތްކުރެއްވުމުގެ ގޮތުން ޑޮކްޓަރު އިބުރާހިމު އެޅުއްވު ފިޔަވަޅުގެތެރެއިން އެންމެ މުހިއްމު ފިޔަވަޅަކީ ދަނޑުވެރިކަމުގެ ރޮގުން ބޭރަށް ކިޔަވަން ދިއުމަށް ކުދިންނަށް ދެވޭ އިސްކޯލަޝިޕުތައް އޭނާގެ ބާރުގެ ދަށަށް ގެންނެވުމެވެ. އޭނާގެ އެއްބަސްވެޑައިގަތުމަށްފަހު ސޮއިކުރެއްވުމުން މެނުވީ ސަރުކާރުން އެއްވެސް ކުއްޖަކު މިރޮގުން ކިޔަވަން ނުދެވޭގޮތް ހެއްދެވިއެވެ.

ކިޔުންތެރިންނަށް ޑޮކްޓަރު އިބްރާހީމުގެ މިހުރިހާ ތަދުބީރުތަކެއްގެ ވާހަކަ އެނގުމުން، އޭނާ ތަފާތު އެތައް ޖަމިއްޔާތަކެއްގެ މެމްބަރެއްގެ ގޮތުން ހަރަކާތްތެރިވެ ލައްވާތަން ފެނުމުން ހައިރާނެއްނުވާނެއެވެ. އޭނާއަކީ މުސްލިމު ޒުވާނުންގެ ގުޅުމުގެ ހަރަކާތްތެރި މެމްބަރެކެވެ. އެހެނީ އޭނާއަކީ ދީނަށް ނުހުނު ލޯބިކުރާ މުސްލިމަކަށްވާތީއެވެ. އޭނާއަކީ މަސީހީ ޒުވާނުންގެ ގުޅުމުގެވެސް މެމްބަރެކެވެ. އެހެނީ އޭނާގެ އަނބިކަނބަލުންނަކީ ދީންވެރި އިނގިރޭސި މަސީހީ އަކަށްވީތީއެވެ. ހަމަ އެހެންމެ އޭނާއަކީ ފުރީމޭސަނުންގެ ގުޅުމުގެ މެމްބަރެއްވެސް މެއެވެ. އެހެނީ އޭނާއަކީ މަތިވެރި އަޚުލާގެއްގެ ވެރިޔަކަށް ވީތީއެވެ. އަދި އޭނާއަކީ ގައުމިއްޔަތު ދިރުވާ ކުލަބެއްކަމަށްވާ މުޘައްނާ ބިން ހާރިޘް ގެ ކުލަބުގެވެސް މެމްބަރެކެވެ. އެހެނީ އޭނާއަކީ ތެދުވެރި ގައުމީ ބޭފުޅަކަށްވެސް ވީމައެވެ. އަދި ތައައްސުބުން ފުރިފައިވާ ސުންނީމީހުންގެ ކުރިމަތީގައި ޝީއީ މީހުންނަށް ބަހުގެ ވަރުގަދަ ހަމަލާތައްދެއްވައި ޝީއީ މީހުންނަކީ އަރަބީންނޫންކަމަށް ވިދާޅުވެ، އޭނާވެސް ހިމެނިވަޑައިގަންނަވާ ޖަމާއަތް ކަމުގައިވާ ސުންނީމީހުންގެ ތާއިދު ހޯދަން މަސައްކަތްކުރައްވައެވެ. އަދި ކޮމިނުސްޓުންގެގާތުގައި، އޭނާއަކީ ކިޔަވާވިދާޅުވި ދުވަސްވަރު ކޮމިނިސްޓެއްގެ ގޮތުގައިކަމަށް އިއުތިރާފުވެވަޑައިގަނެއެވެ. އެއްދުވަހަކު މީހަކު ޖެހިލުން ކަޑައިލައިފައި ޑޮކްޓަރު އިބުރާހިމުގެ އަރިހުގައި ތިހުރިހާ ތަފާތު އިދިކީލަ އުސޫލުތައް އެއްގޮތްކޮށް ތަފާތުތައް ނައްތާލައްވަނީ ކިހިނެއްތޯ ދެންނެވުމުން ވިދާޅުވީ މިހެންނެވެ. އިނގިރޭސިވިލާތުގެ ވަލީއަހުދު އަލްއަމީރު ޗާރލްސް ވެސް ތަފާތު ޖަމިއްޔާތަކުގައި ހަރަކާތްތެރިވެލައްވާ ވާހަކައެވެ.

އިސްކޯލަޝިޕް ދިއުމަށް ޑރ. އިބްރާހިމު ހޮއްވަވާ ކުދީންނަކީ ގަބު، ތައުލީމީގޮތުން މާ މޮޅުނޫން، އަދި ޖިސްމާނީގޮތުންވެސް ޟައީފު ކުދިންނަށްވެފައިވުމުން، ކިޔުންތެރިން އެކަމާމެދު ހައިރާންވާނޭހެނެއް ހިޔެއްނުވެއެވެ. އެފަދަ ކުދިން ކިޔަވަން ގޮއްސާ އެނބުރިއަންނަނީ ހަމަދިޔަ ހާލުގައި ހުސްއަތާއެވެ. މާބޮޑު ކިޔެވުމެއް ނުކިޔެވި ދައުލަތުގެ ޚަޒާނާއިން ބޮޑުއަދަދެއްގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދުކޮށްފައެވެ. މިހެން ކަންތައް ވުމުން ދަލީލު ލިބެނީ ޑރ. އިބުރާހިމަކީ އޭނާވަރުގެ ދެވަނައެއްނެތްފަދަ މޮޅު މީހެއްކަމަށެވެ. އެހެނީ އެހެން ހުރިހާ ކުދިން ފޭލިވާއިރު ޑރ. އިބުރާހިމަށް، އެހާ ފަސޭހަކަމާއެކު ފާސްވެވަޑައިގެން، ސަނަދު ހާސިލެއް ނުކުރެއްވުނީސްތާއެވެ.

މިހެއްކަންތައްތައް ވަމުންދަނިކޮށް، އެއްދުވަހަކު، ޑރ. އިބުރާހިމު ކޯފާކޮށްލައި ނުރުހުން ކުރުވި ކަމެއް ދިމާވިއެވެ. ޑރ. އިބުރާހިމު ކިޔަވާވިދާޅުވި ކޮލެޖުން ކިޔަވައިގެން ހުރި، އޭނާގެ އަތްޕުޅުގައި އޮތް ފާހާއި އެއްވަރު ފާހަކާއި އަދި އޭނާއަށް ވުރެ މާމަތީ ދަރަޖައަކުން ފާސްވެފައިވާ ޒުވާނަކު، އޭނާގެ ވުޒާރާއިން ވަޒީފާއަކަށް އެދުނީއެވެ.  ޑރ. އިބުރާހިމު ނުބައްލަވާހުންނަވަނިކޮށް، އޭނާ ޖައްސަވާފައިވާ ދަތިތަކާއި ދައްމަވާފައި ވާތައް ގިރާކޮށް ވަޒީފާއަކަށް އެދޭ ހިސާބަށް މިޒުވާނާއަށް އާދެވުނުގޮތާއިމެދު ޑރ. އިބުރާހިމު ހައިރާންވެލެއްވިއެވެ. އަދި ޑޮކްޓަރ އަށް މިޒުވާނާކިއެވީ އަމިއްލަ ޚަރަދުގައިކަން އެނގިނުލެއްވިނަމަ، އަމިއްލަ ނަފްސު ވަރަށް ބޮޑަށް ކުށްވެރިކުރެއްވީހެވެ. ކޮންމެއަކަސް މިޒުވާނާ އެދުނު ކަންތަކުގެ ސަބަބުން ބޮޑު މުސީބަތަކާކުރި މަތިލުމުން ސަލާމަތްކޮށްދިނީ ސަރުކާރުގެ ގަވާއިދެކެވެ. އެއީ އަމިއްލަގޮތުން ކިޔަވާ މީހުންނަށް ވަޒީފާދޭކަށް ސަރުކާރަށް މަޖުބޫރު ނުވުމެވެ. އެހެންވެ، މާފާއެކު ޑރ. އިބުރާހިމު އެ ޒުވާނާއަށް އެންގީ އޭނާގެ ވުޒާރާގެ ހުރިހާ ވަޒީފާއެއްވަނީ ސަނަދުއޮތް ގާބިލު މީހުންލައި ފުރާލެވިފައިކަމެވެ. އަދި އެޒުވާނާއަށް، އެޑިއުކޭޝަން މިނިސްޓުރީގައި އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސެއްގެ ވަޒީފާއަކަށް ނަމަވެސް އެދުމަށް، އިޚުލާސްތެރިކަމާއެކު ޑޮކްޓަރ އިބުރާހިމު އިރުޝާދުދެއްވިއެވެ.

މިހެން ކަންތައް ދިމާވުމަކުން މިޒުވާނާ ފަހަރެއްގައިވެސް މާޔޫސެއްނުވެއެވެ. އެހެނީ އޭނާއަކީ ހަމަ ފައްކާ އިރާގުގެ މީހެކެވެ. މުސްތަހީލުކަންތައްތައް ދާދިފަސޭހައިން ކޮށްލާނީ ކިހިނެއްކަމާއި މަނާކަންތައް ހުއްދަކޮށްލާނޭގޮތާއި ޣައިރު ގާނޫނީ ކަންތައްތައް ގާނޫނީ ކަންކަމަށްހަދާލާނޭ ގޮތްވެސް އޭނާދަނެއެވެ. ވަޒީފާ ނުލިބުމުން ދެން އޭނާ ދިޔައީ އޭނާގެ އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންގެ ގާތަށެވެ. އަދި އެމީހުންގެ ކިބައިން އެދުނީ މިމުސްތަބިއްދު ޑޮކްޓަރާއި އޭނާއާއި ދެމެދުގެ މެދުވެރިއެއްގެ ބައިއަދާކުރާނޭ ބޮޑު ބޭފުޅަކު ހޯދުމަށެވެ. އަދި ޑޮކްޓަރު އިބުރާހިމާ ގާތް، އޭނާގެ އަރިހުގައި ގަދަރުވެރި ހިތްހެޔެ ޒައީމަކު ހޯދާކަށް ޒުވާނާގެ ގާތްތިމާގެ މީހުންނަށް މާބޮޑުކަމަކަށް ނުވިއެވެ.

ގޮތްދޫނުކުރާ މި މޮޔަ ޒުވާނާޔާ ހެދި ޑޮކްޓަރ އިބުރާހިމާ ބޮޑު ބޭފުޅަކާއި ދެމެދުއޮތް ގާތްގުޅުން ކެނޑިދާނެތީ ޑޮކްޓަރ ވަރަށް ކޯފާވެލެއްވިއެވެ. އަދި އެހެންވެ އިތުރުފުޅެއް ހައްދަވަން ކުޑަކޮށްވެސް ޖެހުލުންވެ ވަޑައިނުގަންނަވައި، އެބޮޑުބޭފުޅާ އަރިހުގައި ޑޮކްޓަރ ދެންނެވިއެވެ. "ތިނޫން ކަމަކާގެން، ނުވަތަ ތިއަށްވުރެ ބޮޑުކަމަކާއިގެން، އަޅުގަނޑުގާތަށް މަނިކުފާނު ވަޑައިގެންނެވިނަމަ އެކަންކޮށްދޭކަށް އަޅުގަނޑު ފަހެއް ނުޖެހުނީމެވެ. ނަމަވެސް މިޒުވާނާއަކީ ދީންގަބޫލު ނުކުރާ ކޮމިޔުނިސްޓެކެވެ. އޭނާގެ މަގުސަދަކީ ދަނޑުވެރިންނާ ގުޅުން އުފައްދައި ކޮމިޔުނިސްޓު ޚިޔާލު އެމީހުންގެ މެދުގައި ފެތުރުމެވެ. ޒިރާއީ ވުޒާރައިގައި ވަޒީފާއެއް އޭނާ ހޯދުމުގައި މިކަމަށް މަގުފަހިކޮށް، އެގޮތުން، ވަރުގަދަ ހަތިޔާރެއް ހޯދުންނޫން ދެވަނަ އެހެން ބޭނުމެއް އޭނާގެ ނެތެވެ."

މިވާހަކައިން ޑޮކްޓަރުގެ މަގުސަދު ހާސިލުވިއެވެ. މިދެންނެވި ބޮޑު ބޭފުޅަކީ ކޮމިއުނިސްޓު، މިލަފުޒާ އަދި އެލަފުޒާ ގުޅުންހުރި ކޮންމެކަމެއްދެކެ، އިންތިހާއަށް ނަފުރުތަކުރައްވާ ބޭފުޅެކެވެ. އަދި ޑޮކްޓަރުގެ ވާހަކަ އެއްސެވުމަށްފަހު، ކޯފާވެވަޑައިގެން، މިޒުވާނާއަށް ވަޒީފާ ހޯދައިދިނުމަށް މެދުވެރިއަކަށްވެ ވަޑައިގަތުމަށް އެދުނު މީހާ ހުތުރުގޮތަކަށް ބޭރުކޮށްލައްވައި ފައްސަވާލައްވާނޭކަމަށް ހުވާކުރައްވައި، ނިކުމެވަޑައިގެން ވަޑައިގަތެވެ.

ދެން އެޒުވާނާއަށް އަނެއްކާވެސް މަޖުބޫރުވީ ކުރީގެ ޒައީމަށް ކާމިޔާބު ނުކުރެއްވުނު މަސައްކަތް ކުރުމަށްޓަކައި އެހެން މެދުވެރިޔަކު ހޯދާށެވެ. އޭނާއަށް އެހާފަސޭހައިން އޮޅުވާނުލެވޭނޭ އަދި އޭނާގެ ކުރިމަތީ ދޮގުހަދައި މަތިއޮމާންކޮށް ނުލެވޭފަދަ މެދުވަރިޔަކު ހޯދާށެވެ. މިކަންކުރުމަށް ޒުވާނާގެ ރަހުމަތްތެރިއެއްގެ އެހީތެރިކަން ހޯދިއެވެ. ދެން އެރަހުމަތްތެރިޔާ އޭނާގެ ރަހުމަތްތެރިއެއްގެ އެހީތެރިކަން ހޯދިއެވެ. އަދި މިރަހުމަތްތެރިޔާ އޭނާގެ ރަހުމަތްތެރިޔެއް މެދުވެރިކޮށް ކަމުވޮށިވެގެންވާ ނުފޫޒުގަދަ އާއިލާއެއްގެ މެމްބަރަކު މެދުވެރިކުރުވައި އެމެމްބަރުގެ ބައްޕަ އަރިހުގައި މިޒުވާނާއަށް ވަޒީފާއެއް ހޯދައިދިނުމަށް އެހީވެ ދެއްވުމަށް ދެންނެވިއެވެ. އަދި ބައްޕާފުޅު އެއީ މާބޮޑު މައްސަލައެއްނޫންކަމަށް ވިދާޅުވެ އެކަންކޮށްދެއްވުމަށް އެއްބަސްވެވަޑައިގަތެވެ.

ދެން އަޅުގަޑުމެންގެ ޑޮކްޓަރު އިބުރާހިމު އަރިއަހަށް ޒިޔާރަތް ކުރައްވައި، ވިސްނުންތޫނު މޮޅު ޒުވާނާއަށް ވަޒީފާއެއް ދެއްވުމަށް، ބައްޕާފުޅު އެދިލެއްވިއެވެ. އެހިނދު ޑޮކްޓަރ އިންތިހާއަށް ކޯފާއިސްކުރައްވައި، ހިތާހިތުން އެޒުވާނާ ދުނިޔެއަށް ފޮނުއްވީތީ ލައުނަތް ދެއްވައި، ހަމަ ވަގުތުން އޭނާގެކައިރިއަށް ވަޑައިގެން އިންނެވި މެހެމާނު، އާދެ، ބައްޕާފުޅު، އަރިހުގައި ދެންނެވެއިވެ. "މިޝައިތޯނާގެ ދަލުގައި މަނިކުފާނު ޖެހިވަޑައިގަތީ ކިހިނެއްތޯއެވެ؟ އޭނާއަކީ ވަކިވެގަންނަންއުޅޭ ޝީއީންގެ ޖަމާއަތަކަށް ނިސްބަތްވާ މަކަރުވެރި ހީލަތްތެރިއެކެވެ. އެމީހުންގެ މަގުސަދަކީ އިރާގުގެ ދެކުނާއި އުތުރު ވަކިކޮށް ދެކުނުގެ ސަރަހައްދު އަޖަމީ ފާރިސުންނަށް ދިނުމެވެ. މަނިކުފާނު ތިޔަ ވިދާޅުވަނީ އަޅުގަނޑު މިޝައިތޯނަށް އޭނާގެ ވިހަ ފަތުރާލުމުގެ ފުރުސަތުދޭންތޯއެވެ؟"

މިދެންނެވި ބައްޕާފުޅަކީ ސުންނީންގެ ކޮޅަށް އިންތިހާއަށް ބުރަވެވަޑައިގަންނަވާ، ދީނީ ސަބަބުތަކަކަށްޓަކައި އެންމެ  ފުރަތަމަ ޝީއީ މީހުންގެ މަޒުހަބު ކަމުގައިވާ ޖައުފަރީ މަޒުހަބަށް ނަފުރަތުކުރައްވާ ބޭފުޅެކެވެ. އަދި ފަހުން ގައުމިއްޔަތުގެ ފޯރީގައި ޖެހިވަޑައިގެން ގައުމީ ބޭފުޅަކަށް ވެވަޑައިގެން ހުންނެވިއެވެ. މުސްތަގުބަލުގައި، ބައްޕާފުޅު ފުރޮޅިގެންދާނީ ކޮންކަހަލަ ބޭފުޅަކަށްކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ! ކޮންމެއަކަސް ބައްޕާފުޅު އެޒުވާނާއަށް އެހީތެރިވުމުގެ ބަދަލުގައި، އޭނާއާއި މުޅިން އިދިކޮޅު، އޭނާދެކެ އިންތިހާއަށް ފޫހިވާ ބޭފުޅަކަށްވެވަޑައިގެންފިއެވެ.

ޑޮކްޓަރު އިބުރާހިމު، އޭނާގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި، ކޮންމެފަދަ ގޮތްކުޑަގޮތެއްވެސް ބޭނުންފުޅު ކުރައްވާފާނޭކަން މިހާރު އެޒުވާނާއަށް ވިސްނިއްޖެއެވެ. އަދި އޭނާގެ ނާރުތަކުގައި ލޭހޫނުވެ ކެކިގަތެވެ. އަދި ޑޮކްޓަރު އިބުރާހިމުގެ ކިބައިން ބަދަލު ހިފުމަށް ނިންމިއެވެ. އަދި ރުޅިއައިސް ހަމައިންނެއްޓިހުރެ، ޑޮކްޓަރ އިބުރާހިމުގެ ވުޒާރާއަށް ދިޔައެވެ. އަދި ހުއްދަހޯދުމެއްނެތި ޑޮކްޓަރުގެ އޮފީހަށް ވަދެގަތެވެ. އަދި ޖާޑިއެއް އުފުލާލިހެން ޑޮކްޓަރ އިންނެވި ގޮނޑިން ނަގައި ބިންމައްޗަށް ގުޅައަކަށް ޖެހިއެވެ. ދެން އަތުންނާއި ފައިން ޑޮކްޓަރގައިގާ ތަޅާ ހަމަލާތައް ބޭލިއެވެ. މިހަމަލާއިން ޑޮކްޓަރު ސަލާމަތްކޮށްދިނީ އޭނާގެ ގަދަރުވެރި އޮފީހުގެ ދޮރުވާނުންގެ ހަތަރުމީހުން އައިހެވެ.

އަޅުގަނޑުމެންގެ ޒުވާނާ އެންމެފަހުން އެއްލައިލެވުނީ ޖަލުގެ ކަޅުއަނދިރީ ގޮޅިއަކަށެވެ. އޭނާގެ އަތުންނާއި ފައިން ހެދުނު ގޯހުގެ ސަބަބުންނެވެ. އަދި އޭނާގެ ވުޒާރާގެ ވަޒީރަށް އެރުވުމަށްޓަކައި، އިއްޒަތްރި ޑޮކްޓަރު،  އޭނާއަށް ދެވުނު އުދުވާނީ ހަމަލައިގެ ސަބަބު ބަޔާންކުރައްވައި، ވަރަށް ދިގު ރިޕޯޓެއް ތައްޔާރުކުރެއްވިއެވެ. އެރިޕޯޓުގައި އޭނާގެ ވުޒާރާދެކެވެލައްވާ ލޯތްބާއި އަދި އޭނާގެ ވުޒާރާގެ މަސްލަހަތަށްޓަކައި އޭނާކުރައްވާ މަސައްކަތްތަކުގެ ސަބަބުން މިފަދަ ހަމަލާތަކާ އިހާނެތި ގޮތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވަނީކަމަށް އެރިޕޯޓުގައި ބަޔާންކޮށްދެއްވާފައިވެއެވެ. އަދި މިފަދަ ހާދިސާތަކުގެ ސަބަބުން، ހައްގަށް ނަސްރުދިނުމުގައި އޭނާ ދެމިހުންނެވުމުގެ ބާރުދާނީ އިތުރުވެގެންކަމަށްވެސް ލިޔުއްވައިފައިވެއެވެ. އަދި އޭނާގެ ވާޖިބު އަދާކުރެއްވުމުގައި ފުރާނަ ދުކޮށްލައްވަންވެސް ފަސްޖެހިވޑައި ނުގަންނާވާނޭކަމާއި އަމިއްލަ ނަފްސު ގުރުބާންކޮށްލުމަކީ ކޮންމެހާލަތެއްގައިވެސް ކޮންމެ މީހަކުވެސް ކުރަންޖެހޭނޭ ކަމެއްކަންވެސް ރިޕޯޓުގައި ލިއުއްވައިފައިވެއެވެ.

*   *   *   *

މީހުން ރުއްސާފައި ބޭތިއްބުމާއި އަދިވަޒީފާގެ މަސްއޫލިއްޔަތުން ރެކެވަޑައިގެން ހުންނަވާނޭ އާމަގެއް، ޑޮކްޓަރ އިބުރާހިމަށް، މިހާދިސާ ދަސްކޮށްދިނެވެ. ނުފޫޒުވެރި ބޭކަލަކު ކަމަކަށް އެދިލައްވައިފިނަމަ، އަދި އެކަމަކީ އޭނާގެ ވުޒާރައިގެ ހެޔޮނަމަށް މުހިއްމު ކަމަކަށްވެފައި އަދި ސަރުކާރުން މިކަމާ އަޅާނުލާ ހުރެދާނެކަމާމެދު ޝައްކުކުރެވޭނަމަ، ޑޮކްޓަރު އިބުރާހިމުގެ އިސްތަށިފުޅުގައި އެކަމުގެ ޒިންމާ ނޭޅޭނޭގޮތަކަށް، އެމަސައްކަތް ކުރަން، އޭނާގެ ދަށުން މަސައްކަތްކުރާ ކޮންމެވެސް އެހެން މުވައްޒިފަކާ ހަވާލު ކުރައްވައެވެ. އަދި މަސައްކަތް ކާމިޔާބީގޮތުގައި ނިންމާލެވިއްޖެނަމަ، އެމަސައްކަތް ކުރަން އެދިލެއްވި ބޭފުޅެއްގެ ޝުކުރާއި ތައުރީފު އޮންނަނީ ޑޮކްޓަރަށެވެ. އަދި ނާކާމިޔާބުވެއްޖެނަމަ ހުރިހާ ބަދުނާމަކާ ލައުނަތެއް އޮންނަނީ އެމަސައްކަތް ހަވާލުކުރެވުނު މީހަކަށެވެ.

އާދެ، މިގޮތުގެމަތީން، އަޅުގަނޑުމެންގެ އިއްޒަތެރި ޑޮކްޓަރު ހިމެނިވަޑައިގެންހުންނެވީ އެމީސްމީހުންގެ ކަރާމަތާއި އަމިއްލަ ނަފުސުގެ އަބުރާއި އިއްޒަތް ގުރުބާންކޮށްލައްވައި، އަދި ވަތަނުގެ ހެވަށްޓަކައި އެބޭކަލުންގެ ނަފްސު ބޮޑެތި ބޮޑެތި ނުރައްކަލުގެ ތެރެއަށް ހުށަހަޅުއްވާ، އެބޭކަލުންގެ މަސައްކަތް އެންމެފުރިހަމަގޮތުގައި ހީވާގިކަމާއެކު އަދާކުރައްވާ ބޭބޭކަލުންގެ ތެރޭގައެވެ. އެންމެނަށްވެސް ޑޮކްޓަރު އިބުރާހިމުގެ ކުށްތައް އެނގެއެވެ. ނަމަވެސް އޭނާއަށް ފާޑުކިޔާލާނޭ ނޫހެއްނެތެވެ. އޭނާގެ ކަންތައްތައް ބަލައި ހިސާބުކޮށްލާނޭ މުވައްޒަފަކުނެތެވެ. އޭނާއަށް ބަހުގެ ހަމަލާއެއްދޭނޭ ޖަމިއްޔާއެއް ނެތެވެ. އަދި އޭނާއާ އިދިކޮޅަށް ތެދުވާނޭ ޒައީމަކުވެސް ނެތެވެ. އާދެ އެންމެ ފުރަތަމަ ޒިރާއަތުގެ ރޮގުން ޕީ.އެޗް.ޑީގެ ސަނަދު ނަންގަވައިގެން ހުންނެވި ޑޮކްޓަރު އިބުރާހިމު، ސިޔާސީ މައިދާނުގައި މިދެންނެވިފަދަ ކުލަގަދަ ކާމިޔާބީތަކެއް ހޯއްދަވައިފައިވިޔަސް، އޭނާއަށް ހަމަލާދެވި އޭނާއާމެދު އިހާނާތްތެރިކޮށް ކަންތައް ކޮށްލެވުނު ހާދިސާ ވެފައިވަނީ އޭނާގެ ހަޔާތުގެ ކާމިޔާބީތަކުން ލިބޭ އުފާ ކިލަބުކޮށްލާ ކަމަކަށެވެ.

އެހާދިސާ އޭނާއަށް އަންގައިދިނީ އޭނާގެ އަމިއްލަ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ކިތަންމެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުނުކަމުގައިވިޔަސް، އާނާއަކީ މީހުންގެ ކުރިމަތީގައި ހައިބަތު ހުރި، މީހުން ޖެހިލުންވާ ގަދަރުވެރިއަކަށް ނުވާކަމެވެ. ބޮޑު މުސާރައަކާއި ގަދަރުވެރި މަގާމަކާއި ބާރެއް ލިބިފާއޮތުމުން، އެކަންކަން ނެތިގޮސް، ވެރިންގެ ނުރުހުމާ ކުރިމަތިލާންޖެހޭވަގުތު، އެމީހުންގެ ހަގީގަތް ފާޅުވެގެންދާނޭ ދެފުށްދެގޮތް މުނާފިގުންނާއި ޚުޝާމަދުކުރާ މީހުންއައިސް އޭނާއާއި ގާތްވެ އޭނާ ވަށާލަފާނެއެވެ. ނަމަވެސް ފައިސާއާއި މަގާމަކީ އިންސާނާއަށް ހަގީގީ އިއްޒަތާ ގަދަރު ލިއްބައިދޭ އެއްޗެއްނޫނެވެ. އަދީ ޑޮކްޓަރު އިބުރާހިމަށް ވިސްނިވަޑައިގަތީ މީސްތަކުން ލޯތްބާއި އިހުތިރާމު ލިބިގަތުމާއި އަދި ބޮޑު މަގާމެއް ހޯދައިގެން ހުރުމަކީ ފަހަރެއްގައިވެސް އެއްފަހަރާ ހާސިލުނުކުރެވޭނޭ ދެކަމެކެވެ. އެހެންވެ އޭނާ ގަސްދުކުރެއްވީ ދެވަނަކަން އިޚްތިޔާރުކުރައްވައި ބޮޑު މަގާމެއް ހޯއްދަވައިގެން ހުންނެވުމެވެ. ބޮޑުމަގާމަކާ އަޅާބަލާއިރު މީހުންގެ ލޯތްބާއި އިހުތިރާމަކީ މާމުހިއްމު އެއްޗެއްނޫނެވެ. އަދި ހަމައެހެންމެ، އަމިއްލަ ނަފްސުގެ ކަރާމަތާއި އަބުރާއި އިއްޒަތްވެސް ވިއްކާލުމަކީ ބޮޑު ވަޒީފާއަކާ އަޅާބަލާއިރު ކުރަން ހަމަ އެންމެ ރަގަޅުކަމެކެވެ.

އާދެ! ޑޮކްޓަރ އިބުރާހިމުގެ ޝަޚުސިއްޔަތަށާއި އޭނާގެ އަމަލުތަކަށް، އޭނާގެ އުސޫލުތަކާއި ގަބޫލުކުރާގޮތްތަކަށް، އޭނާގެ އަޚުލާގާއި ސުލޫކަށް، މިކަންކަމަށް ބަލައިލުމުން ފެނި ތަމްސީލު ވެގެންދަނީ ކޮންއެއްޗެއްތޯއެވެ؟ އެކަންކަން ފެނުމުން ތަމްސީލުވެގެންދަނީ ބާބިލުގެ ޓަވަރުގެ ވަރުގަދަ ތަނބެކެވެ. އަދި އެތަނބުގައި އެޅިފައިވާ އެންމެމަތީ ގާބުރިން ފެށިގެން އެންމެ ތިރީގައި އެޅިފައިއޮތް ގާބުރީގެވެސް ކަންތައް ހުރިގޮތުގެ ދިރިހުރި މިސާލެކެވެ. މުޅި ރަށުގައި، ކުދި ބޮޑު އެންމެންގެ ތެރޭގައިހެން ފެތުރި އާއްމު ވެފައިވާ ގޮތްތަކާއި އުސޫލުތަކުގެ ދިރިހުރި މިސާލެކެވެ. އެއެންމެންގެވެސް އަގުތަކާއި އަޚުލާގީ ފެންވަރު ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެކެވެ.

ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މަވްޟޫޢުތަކަށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުގެ ދަރިކަލެކެވެ. މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު އޭނާ ފުރަތަމަ ޑިގްރީ ނެންގެވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލު ކުރެއްވުމަށް ފަހު ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ ދިރި އުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.