މިހާރު ހުރި ކެޕޭސިޓީ މެނޭޖް ކުރެވޭވަރަށް ޑޮކްޓަރުންނާއި ނަރުހުން އެބަތިބި: އެޗްޕީއޭ

މިހާރު ހުރި ކެޕޭސިޓީން މެނޭޖްކުރެވޭވަރަށް ޑޮކްޓަރުންނާއި ނަރުހުން އެބަތިބި ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޢަލީ ނަޒީމް ވިދާޅުވެއްޖެއެވެ. ޑރ. ޢަލީ ނަޒީމް ވިދާޅުވީ ބަނގްލަދޭޝް އަދި ނޭޕާލްގައި ތިބި ޑޮކްޓަރުކަން ކިޔަވަމުން ގެންދިޔަ ދަރިވަރުންގެ ތެރެއިން 30 ޑޮކްޓަރަކު މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. ޑރ. ނަޒީމް ވިދާޅުވީ މި ދަރިވަރުން ދިޔައީ ޕޯސްޓް ގުރެޖުއޭޓް ސްޓަޑީ ފުރިހަމަ ކުރަމުން ކަމަށެވެ. އެހެންކަމުން މި ދަރިވަރުން ޖޮއިން ކުރައްވާނީ ސީނިއަރ މެޑިކަލް އޮފިސަރުންގެ ގޮތުގައި ކަމަށާއި މިއީ 2 ވަނަ އަހަރު އަދި 3 ވަނަ އަހަރު ކިޔަވަމުންދާ ދަރިވަރުން ކަމަށް ވުމުން މި ދަރިވަރުންގެ ކިބައިގައި ފުދޭވަރަކަށް ތަޖުރިބާ ހުންނާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ފަރުވާ ދިނުމަށް ފޭސް އެކެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ބްލޮކް B  އެވެ. މި ބްލޮކްގައި 68 އެނދު އެބަހުއްޓެވެ. އެތަނުގައި މަސައްކަތް ކުރައްވާނީ ރައުންޑް ހަދާ 3 ސްޕެޝަލިސްޓުންނެވެ. އެއީ މައިގަނޑު ގޮތެއްގައި ޕިޒިޝިއަންސް ނުވަތަ ޕަލްމޮނޮލޮޖިސްޓުންނެވެ. އަދި ޝިފްޓް ޑިއުޓީ އުސޫލުން 10 މެޑިކަލް އޮފިސަރުންނާއި 32 ނަރުހުން މަސައްކަތް ކުރައްވާނެކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން 68 ބަލިމީހުންނަށް ވުރެ ގިނަ އަދަދެއްގެ ބަލިމީހުންނަށް ފަރުވާ ދޭން ޖެހިއްޖެ ހިނދެއްގައި 2 ވަނަ ފޭސް ބޭނުންކުރެވޭނެއެވެ. ދެވަނަ ފޭސްގައި ބްލޮކް A  ގެ ފުރަތަމަ ބުރިއާއި އެންމެ ތިރީބުރި ބޭނުންކުރަން ފެއްޓޭނެއެވެ. އަދި އެހިސާބަށް ދާއިރު ގާތްގަނޑަކަށް 9 ސްޕެޝަލިސްޓުން އަދި 30 މެޑިކަލް އޮފިސަރުންގެ އިތުރުން 75 ނަރުހުން އައޖީއެމްއެޗްގެ ފަރާތުން މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ފޭސް 3 އަށް ހިނގައްޖެނަމަ 3 ވަނަބުރި އާއި 4 ވަނަބުރީގެ އެނދުތައް ހިމަނައި ފުލް ކެޕޭސިޓީއަށްދާއިރު 13 ސްޕެޝަލިސްޓުންނާއި، 50 މެޑިކަލް އޮފިސަރުންނާއި 135 ނަރުހުން ބައިވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.