ޤާނޫނޫ އަސާސީ އިޞްލާޙުކޮށް ކައުންސިލްތަކުގެ މުއްދަތު ދައްމާލުމަކީ "އެކްސްޕަޔަރީ ޑޭޓާ" ކުޅުން ކަހަލަކަމެއްގެ ގޮތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ސިފަ ކުރައްވައިފިއެވެ.
އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ ކައުންސިލްތައް ދެމިއޮންނާނެގޮތަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ހުށަހެޅުނު ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ބޭހުގެ މުއްދަތު ހަމަވަން ކައިރީވުމުން އެކްސްޕަޔަރީ ޑޭޓް ބަދަލު ކޮށްލައިގެން އެ ބޭސް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ޤާނޫނު އަސާސީ އަށް އިޞްލާޙު ގެނެސްގެން ރައްޔިތުން ތިން އަހަރު ދުވަހަށް އިންތިޚާބުކުރި ކައުންސިލަރުންގެ މުއްދަތު ދިގު ދައްމާލުމަކީ އެފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އެކަން ވެގެންދާނީ ރައްޔިތުން މެމްބަރުން އިންތިޚާބުކުރި ގޮތް އޮޅުވާލުމަށް ކުރެވޭ ކަމެއް ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ. އަދި ފުޓުބޯޅަމެޗެއް ނިމެން ފަސް މިނެޓަށް ވުމުން ޤަވާޢިދަށް ބަދަލު ގެނައުން ފަދަ ކަމެއްގެ ގޮތުގައިވެސް މެމްބަރު ސަލީމް އެކަން ސިފަކުރެއްވިއެވެ.
ޤާނޫނޫ އަސާސީ އިޞްލާހުކުރުމަކީ ވަގުތީ ކަންކަމަށް ހަދައިގެން ނުވާނެކަމަށްވެސް މެމްބަރ ސަލީމް ވިދާޅުވިއެވެ. ޤާނޫނުއަސާސިއަށް ބަދަލު ނުގެނެސް ޤާނޫނަކުން މައްސަލަ ޙައްލުކުރުމަކީ ޤާނޫނު އަސާސީއަށް ކުރާ އިޚްތިރާމް މާ ބޮޑުވާނެކަމެއްކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވައެވެ. މިހާރު ކައުންސިލްތަކުގައި ތިއްބެވި ބައެއް މެމްބަރުންނަކީ އެ މަޤާމުގައި އިތުރަށް ދެމި ތިއްބަވަން ބޭނުންފުޅުނުވާ ބަޔަކަށް ނުވާއިރު އެމީހުން މަޤާމުގައި ދެމި ތިބުމަށް މަޖްބޫރު ކުރެވިދާނެތޯ ވެސް މެމްބަރ ސަލީމް ސުވާލު އުފެއްދެވިއެވެ. އެހެންކަމުން އޭނާ ތާއީދު ކުރެއްވީ ސަންސެޓް ޤާނޫނަކުން މައްސަލަ ޙައްލު ކުރެއްވުމަށެވެ.
ކައުންސިލްތައް ދިގުދައްމާލުމަށް ޤާނޫނުއަސާސިއަށް ގެންނަ އިޞްލާޙާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ވެސް މެމްބަރުންގެ ޚިޔާލުފުޅުތައް ހުރީ ދެކަފި ވެފައެވެ. ބައެއް މެމްބަރުން ދެކެވަޑައި ގަންނަވާ ގޮތުގައި މައްސަލައަށް ޙަލު ގެނަން ޖެހޭނީ މިއަދު ބަހުސް ކުރިއަށްދާ ޤާނޫނު އަސާސީ އިޞްލާޙު ކުރުމުގެ ބިލްގެ ތެރެއިންނެވެ. ނަމަވެސް އަނެއްބައި މެމްބަރުން ވިދާޅުވީ ޤާނޫނޫ އަސާސީ އިޞްލާހު ނުކޮށް މައްސަލައަށް ޙައްލު ގެނައުން ރަނގަޅީ ސަންސެޓް ޤާނޫނަކުން ކަމަށެވެ.
މައްސަލައަށް ހަލު ހޯދުމަށް މަޖިލީހަށް ހުށަހެޅުނު ސަންސެޓް ޤާނޫނުގެ ބިލްވެސް މިހާރު އޮތީ ކޮމެޓީ މަރުޙަލާގައެވެ.