މާދަމާގެ ޖަލްސާ މަޖިލީސްކުރާގޭގެ މާލަމުގައި ބޭއްވުމާމެދު މެމްބަރުންގެ ޚިޔާލު ތަފާތު ވެއްޖެއެވެ. މެމްބަރުންގެ ޚިޔާލު މިކަމަކަށް ތަފާތު ވެފައިވަނީ ލޮކްޑައުންގެ ޙާލަތުގައި މަޖިލީސް ކުރާ ގޭގައި ޖަލްސާ ބާއްވަން ނިންމެވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން މެމްބަރުން ގެންދަވަނީ ތަފާތު ޚިޔާލުފުޅުތައް ފާޅުކޮށް ޓްވީޓްތައް ކުރައްވަމުންނެވެ. ޚާއްޞަ އުޞޫލެއްގެ ދަށުން މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސަވައިފައިވާ އިރު އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެކަމަށް ތާއީދުކޮށް ޖަލްސާ ކުރިއަށް ގެންދެވުމަށް ހުރަހެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް މަޖިލީސް މެމްބަރުންގެ ތެރެއިން ޤާނޫނޫނީ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މާލެ ލޮކްޑައުންގެ ޙާލަތުގައި ވަނިކޮށް މަޖިލީހުގެ ޖަލްސާތައް މަޖިލީސް ކުރާ ގޭގައި ބޭއްވުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
ވިލިމާލޭ މެމްބަރ އަޙްމަދު އުސާމު ވިދާޅުވީ މާލެ ސަރަޙައްދު ލޮކްޑައުން ޙާލަތުގައި އޮތްއިރު މެމްބަރުންނަށް ވެސް މަޖިލީސް ކުރާ ގެއަށް އެއްވެވޭނީ އެޗްޕީއޭގެ ޚާއްޞަ ހުއްދަ ލިބިގެން ކަމަށެވެ. މެމްބަރުންވެސް ޤާނޫނީ އަމުރުތަކަށް ތަބާވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވިދާޅުވީ މަޖިލީސް ބޭއްވުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅާނަމަ އެފަރާތަކާ ދޭތެރޭގައި ފިޔަވަޅު އެޅުމަކީ މަޖިލީސް ރައީސްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. މަޖިލީހުގެ މަސައްކަތައް އެއްވެސް ފަރާތަކަށް ހުރަހެއް ނޭޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރިޒައިނާ ވިދާޅޫވީ އޭނާ މަޖިލީހަށް ވަޑައި ގަންނަވާނީ އެޗްޕީއޭގެ ޚާއްޞަ ހުއްދަ ހޯއްދަވައިގެން ކަމަށެވެ.
މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވާނީ އެއްފަހަރާ ގިނަ ވެގެން 42 މެމްބަރުން މާލަމުގައި ތިއްބަވައިގެންނެވެ. މަޖިލީހުގެ ޖަލްސާތައް މާދަމާއިން ފެށިގެން ކުރިއަށް ގެންދަވާނީ ނިއުނޯމަލްގައި ޖަލްސާތައް ކުރިއަށް ގެންދެވުމަށް އެޗްޕީއޭގެ ލަފާގެ މަތިން އެކުލަވާލައިފައިވާ އުޞޫލާ އެއް ގޮތަށެވެ.
ކުރިއާ ޚިލާފަށް އެއްވަގުތެއްގައި މާލަމުގައި ތިއްބެވޭނީ މޭޒެއްގައި މެމްބަރަކަށެވެ. އެއީ އެޗްޕީއޭއިން ކަނޑައަޅައިފައިވާ ދުރުމިނުގައި މެމްބަރުން ތިއްބަވަން ޖެހޭތީއެވެ. ވޯޓް ލުން ވެސް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ އުޞޫލަކީ ފުރަތަމަ ތިއްބަވާ މެންބަރުން ނިމި ވަޑައިގެން ނުކުންނެވުމުން ދެންތިއްބެވި މެމްބަރުން މާލަމަށް ވެދެ ވަޑައިގެން ވޯޓްގައި ބައިވެރިވެވަޑައި ގަންނަވާ ގޮތަށެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާއިރު މާލަމުގައި ވެސް މެމްބަރުންނާއި މުވައްޒަފުންވެސް ތިއްބަވަން ޖެހެނީ މާސްކް އަޅައިގެންނެވެ. މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން މިއުޞޫލުތައް ތަންފީޒުކުރައްވާނީ މަޖިލީހުގެ ސާރޖަންޓް އެޓް އާރމްސް އެވެ.
ކޮވިޑާ ކުޅިންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައިވަނީ މެމްބަރުން ގޭގައި ތިއްބަވައިގެން އިންޓަރނެޓްގެ ޒަރީޢާއިންނެވެ