ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 3 މީހަކު ރަނގަޅުވެ މި ބަލިން ރަގަޅުވީ މީހުންގެ އަދަދު 127 އަށް އަރައިފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދްޅުވެއްޖެއެވެ.
ބަލިން ރަގަޅުވި މީހުންނާއި ބެހޭގޮތުން އިތުރު ތަފްސީލް ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މުރާދު ވިދާޅުވީ މިއަދު ބަލިން ރަގަޅުވީ 3 ދިވެއްސަކު ކަމަށެވެ. ކޮވިޑް-19 އަށް 1198 މީހަކު ފަރުވާހޯދަމުން އެބަދެއެވެ. މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެންމެ ހާލުބޮޑު މީހުންނަށް ފަރުވާދޭ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ (ޑީއެޗް-11) ގައި މިހާރު ފަރުވާދެމުންދަނީ އެންމެ މީހަކަށެވެ. އެމީހާގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެ އެމީހާ ބަލިން ރަނގަޅުވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި މި ބައްޔަށް ޕޮޒިޓިވްވެފައިވާ 9 މީހަކަށް ފަރުވާދެމުންދާއިރު އޭގެތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެނީ އެންމެ މީހަކަށެވެ. އެހެންކަމުން މުޅި ރާއްޖެއިން މިހާރު ކޮޥިޑް-19 ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެނީ އެންމެ މީހަކަށެވެ.
ކޮވިޑް-19 ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނުތާ 77 ދުވަސްވެފައިވާއިރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 1313 އަށް އަރާފައެވެ. މި ބައްޔާއި ގުޅިގެން 1556 މީހަކު ކަރަންޓީނު ކުރެވިފައިވާއިރު 1027 މީހަކު ވަނީ އައިސޮލޭޓްކުރެވިފައެވެ.