
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފިޔަވަޅު އަޅަން ޖެހިއްޖެ ޙާލަތެއްގައި އެއީ ބޮޑުބޭބެ ކަމަށްވިޔަސް އަދި ބޮޑު ދައިތަ ކަމަށް ވިޔަސް ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް އޮތް ތާއީދު ދައްކާލުމަށް އިއްޔެ ފޮނަދޫގައި ބޭއްވި ސައިކަލު ބުރުގައި ބައިވެރިވެ، ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރަކީ ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ފަހަތަށް ޖެހޭނެ ސަރުކާރެއް ނޫން ކަމަށާއި ރައީސް ޔާމީންއަކީވެސް ސިޔާސީ ގޮތުން އެނބުރޭ ވަހުތާނެއް ނޫން ކަމަށާއި އެހެން ހުރިހާ ރައީސުންނަކީވެސް ވަހުތާނެއްހެން ބަދަލުވާ ބޭފުޅުން ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ފެންމަތިވި ބޮޑު ޚިޔާނާތުގެ މައްސަލައަށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވީ އެއީ ދިވެހި ދައުލަތުގެ ތެރެއިން މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ އަމަލު ނޫން ކަމަށާއި އެންމެ ބޮޑު ޚިޔާނާތުގެ އަމަލު ހިންގާފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސް ވަރުގައި ކަމަށެވެ.