
ފިތުރު ޒަކާތް ޖާއިޒްވާ ނުވަތަ ޙައްޤުވާ މީހުންގެތެރޭގައި ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލި މާލީ ގޮތުން ދަތިވެ ފަޤީރުވެފައިވާ މުސްލިމުން ހިމެނޭނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ މީހުންނަށް ކުރިމަތި ވެފައިވަނީ ވަގުތީ ދަތިކަމެއް ކަމުގައި ވިއަސް އެމީހުން ހިމެނޭނީ ފިތުރުޒަކާތް ޙައްޤުވާ މީހުންގެ ތެރޭގައި ކަމަށެވެ. މިޙާލަތާ ގުޅިގެން ފަޤީރުކަން ތަޙައްމަލުކުރާ ރާއްޖޭގައި ދިރިއުޅޭ ބިދޭސީނަށް ވެސް ފިތުރު ޒަކާތް ދެވިދާނެކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
"މީހަކު އަމިއްލައަށް ވެސް އެފަދަ މީހަކަށް ފިތުރުޒަކާތް ދީފިނަމަ، އެދިނުން ޞައްޙަވާނެ. ފިތުރު ޒަކާތް ދެއްކި ކަމަށް ޝަރުޢީ ގޮތުން ބެލެވޭނެ" ޑރ ޝަހީމް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ފަޤީރުންގެ ލިސްޓަށް ފިތުރު ޒަކާތް ބެހުމަކީ ޝަރުޢީ ނަޒަރަކުން ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް ދާދިފަހުން ޑރ ޝަހީމް ވަނީ ވިދާޅުވެފައެވެ. ސަބެއް ކަމަށް ވިދާޅުވީ މިހާރު އޮތީ މިދިޔަ އަހަރު އޮތް ޙާލަތަށް ނުވުމެވެ. އަދި ކޮވިޑާ ގުޅިގެން އެތައްބައެއްގެ ވަޒީފާ ގެއްލި ޙާލުގައި ޖެހިފައިވުމެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވަނީ މިއަހަރުގެ ފިތުރު ޒަކާތް ބަހާނީ މިދިޔަ އަހަރު އެކުލަވާލި ފަޤީރުންގެ ލިސްޓަށް ބައްލަވައިގެން ކަމަށެވެ. ރަމަޟާންމަހުގެ މެދަކާ ހިސާބަށް އައިރު ފިތުރު ޒަކާތުގެ ގޮތުގައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.