
ޑަބްލިއުއެޗްއޯގެ ފަރާތުން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުންކުރާ 10،000 ޓެސްޓް ކިޓެއް ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ފަރާތުން ވިދާޅުވެއްޖެއެވެ. ހެލްތް މިނިސްޓްރީއިން ވިދާޅުވީ އެ ޖަމިއްޔާގެ ފަރާތުން ޓެސްޓްކިޓްގެ އިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕއީ) ވެސް ހަދިޔާ ކޮށްފައިވާ ކަމަށެވެ. މި ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ޕީޕއީގެ ތެރޭގައި ހިމެނެނީ ފޭސް މާސްކާއި، އަންގި އާއި ގޮއުންގެ އިތުރުން އެހެނިހެން މުހިއްމު އާލާތްތައް ހިމެނެއެވެ.
ޑަބްލިއު އެޗް އޯއިން ރާއްޖެއަށް މި ތަކެތި ފޮނުއްވުމާއި ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދް މާތުރު އަށް ގުޅުއްވައި ޝުކުރުއަދާކުރައްވާފައެވެ.
ހެލްތް މިނިސްޓްރީއިން ވިދާޅުވީ މި ޓެސްޓްކިޓް ތަކާއި އެކު ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް މިހާތަނަށް ހަދިޔާކުރި ޓެސްޓްކިޓް ތަކުގެ އަދަދު 21،000 އަށް އަރާނެ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާ ޓެސްޓްކިޓްގެ އަދަދު ކުރިޔަށް އޮތް ތަނުގައި އިތުރުވާނެކަމަށް ޑަބްލިއުއެޗްއޯއާއި ހަވާލަދީ ހެލްތް މިނިސްޓްރީއިން ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޑަބްލިއުއެޗްއޯގެ ފަރާތުން ދަނީ ބޮޑު އެހީތެރިކަމެށް ފޯރުކޮށްދެމުންނެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ބައްޔަށް ޓެސްޓުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެޙީތެރިކަމާއި އެކި ކަހަލަ އާލަތްތައް ހޯދައިދިނުމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މުހިއްމު ދައުރެއް އަދާކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީއިން ވިދާޅުވިއެވެ.