ބަނގްލަދޭޝް އިން ރާއްޖެއަށް އަނެއްކާވެސް ކާބޯތަކެއްޗާއި މެޑިކަލް ސާމާނު ފޯރުކޮށްދީފި

ބަނގްލަދޭޝް އިން ރާއްޖެއަށް އަނެއްކާވެސް ކާބޯތަކެއްޗާއި މެޑީކަލް ސާމާނު ފޯރުކޮށްދީފިއެވެ. މިތަކެތި ރާއްޖެ ގެނެސްފައި ވަނީ ބަނގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައެވެ. މި ބޯޓުން ރާއްޖެއަށް 10 ޓަނުގެ ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް ސާމާނު ވަނީ ގެނެސްފައިވެއެވެ. 

 ކޮވިޑް-19 ގެ ހާލަތުގައި ބަނގްލަދޭޝް އިން ރާއްޖެއަށްވި މި ދީލަތި އެހީއަށްޓަކައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބަނގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޙް ހަސީނާއަށާއި އެ ޤައުމުގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވައި ޓުވީޓު ކުރައްވާފައެވެ.  މި ޓުވީޓުގައި ބަނގްލަދޭޝްގެ ސަރުކާރަށާއި އެ ޤައުމުގެ އަސްކަރިއްޔާގެ އިތުރުން ރައްޔިތުންނަށް  ފޮރިން މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ފޮރިން މިނިސްޓްރީއިން ވިދާޅުވި ގޮތުގައި ބަނގްލަދޭޝް އިން ފޮނުވި ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ބިސް، މުގު، އަލުވި، ކައްކާ ތެޔޮ، ބަރަބޯ، ކަރާ އަދި އަލަނާސިއެވެ. މިއަދުގެ ވަގުތެއްގައި ރާއްޖެ އައި މި އަސްކަރީ މަތިންދާ ބޯޓު އެނބުރި ގައުމަށްދާއިރު އެ ބޯޓުން ރާއްޖޭގައި ޤަވައިދާއި ޚިލާފަށް އުޅޭ ބަނގްލަދޭޝްގެ 70 މީހަު ފޮނުވާލެވޭނެއެވެ. މިއަދުވެސް ރާއްޖޭގައި ޤަވާއިދާއި ޙިލާފަށް އުޅޭ ބަންގްލަދޭޝްގެ 353 ރައްޔިތަކު ރާއްޖޭގެ ސަރުކާރުން ވަނީ ބިމާންގެ މަތިންދާ ބޯޓެއްގައި ޤައުމަށް ފޮނުވާފައެވެ.

މީގެ ކުރިންވެސް ބަނގްލަދޭޝްއިން ވަނި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ބަނގްލަދޭޝް އިން ވަނީ 100 ޓަނުގެ ކާބޯތަކެއްޗާއި މެޑިކަލް ސާމާނު ރާއްޖެއަށް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ޕީޕީއީ އާއި، ސެނިޓައިޒާ ފުޅިތައް ހިމެނެއެވެ. ބަނގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއްގައިވަނީ ބަންގްލަދޭޝް އަދި ނޭޕާލުގައި ތާށިވެފައި ތިބި ރާއްޖޭގެ 71 މެޑިކަލް ދަރިވަރުންވެސް ރާއްޖެ ގެނެސްފައިވެއެވެ.



ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.