ދުވާލަކު ކޮވިޑަށް ޓެސްޓްކުރެވޭ މިންވަރު 1000 އަށް އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
މިރޭގެ ޕްރެސް ކޮންފެރެންސްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ އަލަށް ގެންނަ މެޝިންތަކަކީ ވަރަށް ބޮޑަށް އޮޓަމޭޓެޑް މެޝިންތަކަކަށް ވުމުން ޓެސްޓް ހެދޭ މިންވަރު އިތުރު ވެގެންދާނެކަމަށެވެ. އަދި އެމެޝިންތަކަކީ މާގިނަ ލެބްޓެކްނީޝަނުންވެސް އެމެޝިންތައް އޮޕަރޭޓް ކުރުމަށް ބޭނުން ނުވާ މެޝިން ތަކެއްކަމަށް މަބްރޫކް ފާހަގަ ކުރެއްވިއެވެ. "
"މިހާރު އަޅުގަނޑުމެން ޓާރގެޓްކޮށްގެން މަސައްކަތްކުރަމުން މިދަނީ އެއްހާހަށް ވުރެވެސް ޓެސްޓްކުރެވޭ ޢަދަދު އިތުރު ކުރުމަށް. އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތުން ގެންނަން ޖެހޭ މެޝިނަރީ ގެނައުމުން ދުވާލަކަށް 1000 އަށް ވުރެ ގިނަ ސާމްޕަލް ނެގެންވާނެ" މަބްރޫކް ވިދާޅުވިއެވެ.
ކުރިން ވިދާޅުވީ ޓެސްޓިން ކެޕޭސިޓީ 600 އަށް އިތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް މިމަހު 16 ވަނަ ދުވަހު ގެންނައުމަށް މަސައްކަތްކުރައްވާ އެކްސްޓްރެކްޝަން މެޝިން ލިބުމާއެކު 600 އަށް ޓެސްޓިންގ ކެޕޭސިޓީ އިތުރު ކުރެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޑަބްލިޔޫއެޗުއޯ އިން ރާއްޖެއަށް ހަދިޔާ ކުރުމަށް ހަމަޖައްސަވައިފައިވާ 25 ހާސް ޓެސްޓް ކިޓް މިމަހު ފަހުކޮޅު މާލެއަށް ގެނެވޭނެ ކަމަށް މިރޭގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވިއެވެ. ޑަބްލިޔޫއެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކުރުމަށް ހަމަޖައްސަވައިފައި ވަނީ ޖީއެންއެކްސްޕަރޓް މެޝިންގެ ކާޓްރިޖެވެ.