ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ރާއްޖެއަށް ވެސް އެބަ އޮތް: މަބްރޫކް

އެހެން ހުރިހާ ޤައުމުތަކާއި އެއްގޮތަށް ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ރާއްޖެއަށް ވެސް އެބަ އޮތް ކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު  މަބްރޫކް ޢަބަދުލް ޢަޒީޒު ވިދާޅުވެއްޖެެއެވެ

 މަބްރޫކް މިހެން ވިދާޅުވީ އައިޖީއެމްގައި މަސައްކަތް ކުރާ ބިދޭސީ ނަރުހުންތަކެއް އެނބުރި ޤައުމަށް ގޮސްފައިވުމާއި އެ ހޮސްޕިޓަލުގެ  21 ނަރުހަކު  އެކަހެރިކޮށްފައިވުމާނގުޅިގެން ކުރިޔަށް އޮތް ސާޖްގެ ތެރޭގައި ނަރުހުންގެ ދަތިކަމެށް ދިމާވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

މަބްރޫކް އިތުރަށް ވިދާޅުވީ އެއްވެސް އިރެއްގައި ނަރުހުންނާއި ޑޮކްޓަރުންގެ ދަތިކަމެއް ނޯންނާނެކަމަށް އޭނާ ވިދާޅުވެފައި ނުވާނެ ކަމަށެވެ.  އަދި ވީވަރަކުން އިތުރަށް ޑޮކްޓަރުންނާއި ނަރުހުން ހޯދަންޖެހޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާވެސް ޤައުމާއި މުޙާތަބުކުރައްވާ ވިދާޅުވެފައިވާ ވާހަކަ މަބްރޫކް ފާހަގަކުރެއްވިއެވެ. 

 ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ކޮވިޑުގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބޭނުން ކުރަން ހަމަޖައްސައިފައި ވަނީ 55 އިންސައްތައެވެ. 45 އިންސައްތަ ބޭނުން ކުރަން ހަމަޖައްސަވައިފައި ވަނީ  އާއްމު ޙިދުމަތްތައް ދިނުމަށެވެ. 

ކޮވިޑްގެ ކަންކަަމުގައި ޞިއްޙީ ޚިދުމަތްތެިރިންގެ  ޢަދަދު އިތުރު ކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގައި ކިޔަވަންތިބި މެޑިކަލް ސްޓޫޑެންޓުންގެ ތެރެއިން ރާއްޖެއަށް ގެނެވެންތިބި ކުދިންގެ ތެރެއިން ގިނަ  ޢަދަދެއްގެ ކުދިން ވަނީ  ރާއްޖެގެނެސް ފައެވެ. އެކުދިންގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކުދިންނަށް ޓްރޭނިން ދީ، ބައެއް ކުދިން މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. 

ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި މަސައްކަތް ކުރާ މެޑިކަލް ޕްރޮފެޝަނަލުން ޤައުމީ ޓީމްގައި، ހިމެނުމަށް ކްލިނިކްތަކާއި ހޮސްޕިޓަލްތަކާ މަޝްވަރާ ކުރަމުން ދާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އޭގެ އިތުރަށް މި ދާއިރާއިން ރީޓަޔާރކުރައްވާފައި ތިބި މީހުންގެ ތެރެއިން ޒުވްން ބޭފުޅުން ކޮވިޑް މަސައްކަތްތައް  ހަވާލުކޮށް އެހެނިހެން ބެފުޅުން ނަށް އާއްމު ޕްރޮސީޖާރސްތަކާ ގުޅޭ މަސައްކަތްތައް ވަނީ ޙަވާލުކޮށްފައެވެ.

 މީގެ އިތުރުން  ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް އަވަށްޓެރި ޤައުމުތަކާއި މަޝްވަރާ ކުރަމުންދާކަމަށް  ވެސް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ޑަކްޓަރުންނާއި ނަރުހުން ތިބީ މަދުވެފައިކަމަށާއި އެހެންކަމުން އެހެން ޤައުމުތަކުން ނަރުހުންނާއި ޑޮކްޓަރުން ހޯދުމުގައި ދަތިތަކެށް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.