ރަށްރަށުގެ ޑޮކްޓަރުން މާލެގެނެސް ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ ތަމްރީނު ދެނީ

ރަށްރަށުގައި މަސައްކަތްކުރާ ޑޮކްޓަރުން މާލެ ގެނެސް ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ އަތޮޅުތަކުން މާލެގެނެވިފައިވާ ޑޮކްޓަރުން ކަމާބެހޭ ތަޖްރިބާ ވެސް ހޯއްދަވާނެކަމަށެވެ.  ޑޮކްޓަރުންގެ ތަމްރީނުތައް ފުރިހަމަކުރެއްވުމަށް ފަހު އެނބުރި ރަށަށް ވަޑައިގެން މަސައްކަތަށް ނުކުންނަވާނީ ދެ ހަފާތާގެ ކަރަންޓީނަށް ފަހު ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. ޑޮކްޓަރުން ތަމްރީން ޕްރޮގަރާމް ހިންގަނީ ކިހާދުވަހަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް ވަރަށް އަވަހަށް ޑޮކްޓަރުން އެނބުރި ރަށްރަށަށް ވަޑައިގަންނަވަނެކަމަށް ވިދާޅުވިއެވެ.  

ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށުން މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވް މީހުން ފެނިފައެވެ. އަތޮޅަކުން ފެނުނު ފުރަތަމަ ކޭހަކީ މާލެއިން އުލިގަމަށް ދިޔަ މީހެކެވެ. ނަމަވެސް އޭނާގެ ފަރާތުން އެރަށުގެ އެހެން މީހަކަށް މިހާތަނަށް މި ބައްޔެއް ނުޖެހެއެވެ. ދެން ޕޮޒިޓިވް ކޭހެއް ފެނިފައި ވަނީ ށ. ނަރުދޫއިންނެވެ. އެރަށުން ފުރަތަމަ ޕޮޒިޓިވްވީ އެރަށުގައި ދުއްވާ މާލެ ދަތުރުކުރާ އަމާޒު ބޯޓްގެ ކެޕްޓަނެވެ. އޭނާ ޕޮޒިޓިވް މާލެއިން އެނބުރި ދިއުމަށް ފަހު އެވެ. ނަރުދޫ އިން މިހާތަނަށް 11 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ނަރުދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނެނީ އަމާޒް ބޯޓްގެ ކެޕްޓަނާއެކު އެއާއިލާގެ ހަ މީހުންނާއި އެބޯޓުގެ ދެ ފަޅުވެރިންނާއި އެ ދެފަޅުވެރިންގެ އާއިލާގެ މީހުންނެވެ. އެރަށުގެ ކޮންޓެކްޓުންގެ ތެރޭގައި ރަށުގައި ހުންނަވާ ޑޮކްޓަރުވެސް ހިމެނެއެވެ. ޑޮކްޓަރ ވެސް ހުންނެވީ ހޯމް ކަރަންޓީނަގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އެރަށުން ކޮންޓެކްޓްވި ބައެއް މީހުންގެ ސާމްޕަލް އެޗްޕީއޭއިން މިއަދުވެސް ނަގައިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ޑޮކްޓަރގެ ސާމްޕަލް ވެސް ވަނީ ނަގައިފައެވެ. ހއ. ތަކަންދޫއިން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ތިން މީހަކު ފެނިފައެވެ.

މިހާތަނަށް ރާއްޖެއިން 519 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ 176 ދިވެހިންނާއި 343 ބިދޭސީންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.