ސިއްހަތަށް ފައިދާ ހުރި ބާވަތްތައް ކެއުމުގައި ހިމެނުމުގެ މުހިއްމުކަން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް އޮޅިފައިނުވާނެއެވެ. ތިމާއާއި ތިމާގެ އާއިލާ ދުޅަހެޔޮކަން މަތީ ބޭތިއްބުމަށްޓަކައި ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމުގައި ހިމަނަންޖެހެއެވެ. މިއީ ކުދިންގެ ހެދިބޮޑުވުމަށްޓަކައި ކޮންމެހެން މުހިއްމުކަމެއްވެސް މެއެވެ. މިފަދަ ބާވަތްތައް ކެއުމުގައި ހިމެނުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ ކެންސަރު، ހަކުރުބަލި، ހިތުގެ ބަލި ފަދަ ބަލިތަކުން މީހާ ދުރުކޮށްދެއެވެ. 30 ސިއްހީ ކާނާއަކީ ރޯދަ މަހަށް ޚާއްސަކޮށްގެން އާފަތިހުން ހޮވާލާ ތިރީސް ބާވަތަކާއި އެއާ ގުޅޭ މައުލޫމާތު ކިޔުންތެރިންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ގެނެސްދޭ ބައެކެވެ. މޭވާއާއި ތަރުކާރީ އާއި ގޮވާމުގެ ބާވަތްތަކަކީ އޭގައި ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތައް އެކުލެވޭ ބާވަތަކެވެ. ނަމަވެސް މިބައިގައި ހިމަނާލާނީ ކެއިންބުއިމަށް ބޭނުންކުރާ ނުވަތަ ކެއިންބުއިން ތައްޔާރުކުރަން ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ ތެރެއިން 30 ބާވަތެކެވެ.
ފަޅޯ
ފަޅޮލުގައި ގިނަ އަދަދަކަށް ފްރަކްޓޯޒް ހުރެއެވެ. ފްރަކްޓޯޒް އަކީ މޭވާގައި ހުންނަ ހަކުރެވެ. ފަޅޮލުން ލިބޭ ކެލަރީގެ މިންވަރު ވެސް މައްޗެވެ. އެހެންކަމުން ބަނޑުހައި ފިލުވާލަން ބޭނުންކުރާ ލުއިކާނާއެއްގެ ގޮތުގައި ނުވަތަ ޑެޒަޓެއްގެ ގޮތުގައި ފަޅޯ ބޭނުންކުރެވިދާނެއެވެ. ހަމައެހެންމެ ކެންސަރުން ސަލާމަތްކޮށްދޭ މާއްދާއެއް ކަމުގައިވާ ކެރޮޓީން ގިނަ އަދަދަކަށް ހުންނަ މޭވާއެކެވެ. ފުއްޕާމޭގެ ދުޅަހެޔޮކަމާއި ލޮލަށް ވެސް ރަނގަޅު އެއްޗެކެވެ. އަދި ފައިބަރ ވެސް ލިއްބައިދޭ ބާވަތެކެވެ. މީގެ އިތުރުން ފަޅޮލަކީ ޕޮޓޭސިއަމްގެ މިންވަރު އެންމެ މަތީ އެއް މޭވާ އެވެ. އަދި އެހެން މޭވާއަށް ވުރެ މާ ބޮޑަށް ކެލްސިއަމްވެސް ހުންނަ މޭވާއެކެވެ. ފަޅޮލުގައި ވިޓަމިން ސީގެ މިންވަރު ވެސް އިތުރެވެ. އަދި މެގްނީޒިއަމާއި ވިޓަމިން އީ ވެސް ފުދޭ ވަރަކަށް ހުރެއެވެ. މީގެ އިތުރުން ޕަޕައިން ކިޔާ އެންޒައިމެއްވެސް ހުރެއެވެ. މި މާއްދާއިން ޕްރޮޓީން ބައިބައިކޮށްލާ އެއްގަމު މަސް މަޑުކޮށްދެއެއެވެ.
ފަޅޮލުގައި ހިމެނޭ ބައެއް ބާވަތްތަކާއި އޭގެ ފައިދާ:
• ގިނަމިިންވަރަކަށް ބީޓާ ކެރޮޓީން ހުރޭ – ޕްރޮސްޓޭޓް ކެސަރުން ރައްކާތެރިކޮށްދޭ މާއްދާއެއް.
• ކެރޮޓީންސް ލުޓެއިން އަދި ޒީކްޒެންތިން: މެކިިއުލާރ ޑީޖެނެރޭޝަނުން ރައްކާތެރިކޮށްދޭ.
• ބީޓާ-ކްރިޕްޓޯޒެންތިން: ފުއްޕާމޭގެ ދުޅަހެޔޮކަށް ދަމަހައްޓާށާއި އާތުރައިޓިސް އިން ރައްކާތެރިވުމަށް އެހީވެދޭ.
• ވިޓަމިން ސީ އާއި ފައިބަރު ލިއްބައިދޭ މުހިއްމު މޭވާއެއް.
• ފައިބަރުގެ ހަކުރު ހަށިގަނޑަށް ދަ މިންވަރު މަދުކޮށް ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލުކޮށްދޭ.
އާދައިގެ ފަޅޮލެއްގައި ހުންނާނެ މައިގަނޑު ނިއުޓްރިއެންޓްސް:
- 120 ކެލަރީ
- 0.4 ގުރާމު ފެޓް
- 1.5 ގުރާމް ޕްރޮޓީން
- 30 ގުރާމް ކާބޯހައިޑްރޭޓް
- 5.5 ގުރާމް ފައިބަރ
- 180 މިލިގްރާމް ވިޓަމިން ސީ
- 780 މިލިގްރާމް ޕޮޓޭސިއަމް
- 830 މައިކްރޯގްރާމް ބީޓާ ކެރަޓީން
- 2313 މައިކްރޯގްރާމް ބީޓާ ކްރިޕްޓޯޒެންތިން
- 30 މިލިގްރާމް މެގްނީޒިއަމް
- 228 ގުރާމް ލުޓެއިން/ޒީކްޒެންތިން
އިތުރު އެހީ:
އެއްގަމު މަސް ކައްކާއިރު އޭގެ ތެރެއަށް އެޅުމުން މަހުގެ ތަތްކަން ފިލައި މަޑުވެއެެވެ. ފްރުޓް ސަލަޑްގެ ތެރެއަށް އެޅުމުން އޭގައި ހުންނަ އެހެން މޭވާތައް ވެސް މަޑުވެއެވެ. ފަޅޮލަކީ ޖެލީ ޑެޒަޓުގަިއ ބޭނުންކުރަން އެހާ ރަނގަޅު ބާވަތެއް ނޫނެވެ. ޖެލީގަިއ ހުންނަ ޖެލަޓިން ހުންނާނީ ހަރުނުވެ ދިޔާކޮށެވެ. ތާޒާ ފަޅޮލަށް ލުނބޯ ހުތްކޮޅެއް ފިތާލީމާ ފަޅޮލުގެ ރަހަ ރަނގަޅަށް ނުކުންނާނެއެވެ.
ނޯޓު: މައުލޫމާތު ނަގާފައިވަނީ ހަންޑްރެޑް ބެސްޓް ހެލްތު ފުޑްސް އިންނެވެ.