މިހާރު މާލެއިން ފެންންމުންދާ ޕޮޒިޓިވް ކޭސްތަކަކީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބަލިޖެހިފައިވާ މީހުންކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
މިއަދު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ ނަޒްލާ ވިދާޅުވީ މާލޭގެ ހާލަތު އޮތީ ރަނގަޅު ހާލަތެއްގައި ނޫންކަން އަންދާޒާ ގްރާފްތަކުން ވެސް އެނގޭ ކަމަށެވެ. މިގޮތަށް ބަލި ފެތުރެމުންދާނަމަ ގިނަ ބަޔަކަށް ބަލިޖެހޭނަކަމަށް އޭނާ ވިދާޅުވިއެވެ. މުޅި މާލެ ލޮކްޑައުންނަކަށް ގެނެސްފައި ވަނީ މިޙާލަތުގެ ނާޒުކް ކަމުން ކަމަށް ޑރ ނަޒްލާ ފާހަގަކުރެއްވިއެވެ. މުޅި މާލެ ލޮކްޑައުނަކަށް ގެންނަން ޖެހޭނެ ކަމަށް މީގެ ތިންމަސް ކުރިން ޚިޔާލަށް ވެސް ނުގެވޭކަމަށް ޑރ ނަޒްލާ ވިދާޅިވިއެވެ. ފުރަތަ ޕްލޭންތައް ހަދަމުން ދިޔައިރު ވެސް މިޙާލަތަށް ލޮކްޑައުން ގެންނަން ޖެހިދާނެކަމަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެހެން ޤައުމުތަކުގެ ތަޖްރިބާ އަށް ބައްލަވާ ލޮކްޑައުންނަކަށް ނުގޮސްފިނަ ޙާލަތު އިތުރުން އިތުރަށް ގޯހުން ގޯހަށް ގޮސް ބަލި ފެތުރެމުންދާނެކަމަށް ވިދާޅުވިއެވެ. މިހާރު ފެންނަމުން ދަނީ ހަފްތާއެއްހާ ދުވަސް ކުރިން މީހުންނަށް ޖެހިފަވާ ކޭސްތައް ކަމަށް ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިޙާލަތުގައި ވެސް އިތުރަށް ފެތުރުން ހުއްޓުވޭނީ ލޮކްޑައުންނާ އެއް ގޮތަށް ޢަމަލު ކޮށްގެން ކަމަށް ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މާލެ މިއޮތީ ނުރައްކާ ޙާލަތެއްގައި ކަމަށް ވެސް ޑރ ނަޒްލާ ވިދާޅުވިއެވެ.
މިއަދު މާލެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޢަދަދު 15 ށް އަރައިފިއެވެ. އެއީ ނުވަ ދިވެހިނާއި ހަ ބިދޭސީންވެ.
އެޗްޕީއޭ އިން އެންމެ ފަހުން ހާމަކުރީ ހަތް ކޭސްގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. މިއަދު ފުރަތަމަ އިޢްލާން ކުރި އަށް ކޭސްގައި ހިމެނެނީ ހަ ދިވެހިންނާއި ދެ ބިދޭސީންނެވެ. އޭގެތެރޭގައި ޢުމުރުން 60 އަހަރުން މަތީގެ މީހަކު ވެސް ހިމެނެއެވެ. މިއަދު އަލަށް ފެންނު ކޭސްތަކާއެކު މިހާރު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޢަދަދު ވަނީ 67 އަށް އަރާފައެވެ. އޭގެތެރެގައި އުލިގަމުން ފެނުނު ކޭސްވެސް ހިމެނެއެވެ.