ލައްކައެއްހާ މީހުންނަށް ކޮވިޑް-19 ބަލި ޖެހިދާނެ ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް، ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ. ޑރ. ޝީނާ މޫސާ މިހެން ވިދާޅުވީ ކޮވިޑާ ބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޑރ. ޝީނާ އެހެން ވިދާޅުވީ ރާއްޖޭގެ ކޮވިޑްގެ ހާލަތާބެހޭ ގޮތުން ހަދައިފައިވާ ދިރާސާއެއްގެ މައްޗައް ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މިހާރު ބަލި ފެތުރެމުންދާ ނިސްބަތަށް ބަލާއިރު އެންމެ ބޮޑަށް ފެތުރިގެންދާނީ ރޯދަމަސްތެރޭގައި ކަމަށެވެ.
މިކަމުން ސަލާމަތްވުމަށްޓަކައި އެންމެންގެ އެއްބާރު ލެއްވުން ބޭނުންވާ ކަމަށާއި އެގޮތުން އެންމެން ގޭގައި ތިބުމަށާއި ގައިދުރުކޮށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލުކުރެއްވުމަށް އޭނާ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވވެ.
ރާއްޖޭގައި މިބަލި ކޮންޓްރޯލް ނުވެ މިހާރު ފެތުރެމުންދާ ގޮތަށް ފެތުރޭކަމަށް ވާނަމަ މީހުން އިތުރުވެ ފަރުވާ ނުދެވޭ ހިސާބަށް ދިޔުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އޭނާވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން އެކަމަށް ސަމާލުވެ ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަމަށާއި ނޫނީ މަރުވާ މީހުންގެ އަދަދުވަރަށްބޮޑަށް އިތުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެއިން މިބަލި ޖެހިފައިވާ މީހުންގެ ޢަދަދު މިވަގުތު 10 އެއްގައި ހުއްޓަސް 100 އާ ގާތްކުރާ ޢަދަދަދަކަށް ޕޮޒިޓިވް މީހުން އުޅޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ މިހާރު ދާގޮތަށް ދާކަމަށްވާނަމަ ކުރިއަށްއޮތް 14 ދުވަސްތެރޭގައި ބަލީހުން އިތުރުވެ ވެންޓިލޭޓަރަށް ލާންޖެހޭ މީހުންގެ ޢަދަދު ގިނަވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. މާލޭގައި އެ އަދަދަށް އެނދާއި ވެންޓިލޭޓަރު ނެތްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ނިސްބަތުން އެވަރަށް ސިއްޙީ ޚިދުމަތްތެރިން ވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މި ޙާލަތު ކޮންޓްރޯލް ނުކުރެވި ކުރިއަށްދާ ކަމަށްވާނަމަ ރާއްޖެއިން ދެ ހާސް މީހުން މަރުވެދާނެ ކަމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޑރ. ނަޒުލާ ރަފީގު ވިދާޅުވީ އަދި ވެސް އެންމެ އިސްކަމެއް ދެއްވަންވީ އެއްކަމަކީ ކަމާބެހޭ ފަރާތްތަކަށް ތެދު މަޢުލޫމާތު ދިނުމަށް ކަމަށެވެ. ތެދު މަޢުލޫމާތު ހިއްސާކޮށްގެން މިބަލިން ސަލާމަތްވުމުގެ ފުރުސަތު ފަހި ކުރުމަށް އެންމެން ވެސް މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް 14 ދުވަސްތެރޭގައި ފެންނަނީ ނަވާވީހާސް ކޭސްތޯ ނުވަތަ ނަވާރަ ހާސް ކޭތޯ އޮތީ ވެސް ރައްޔިތުންގެ އަތްމަތީގައި ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން އެންމެ ވެސް ވީހާ ވެސް ގައިދުރުކޮށް އެޗުޕީއޭގެ އިރުޝާދުތަކަށް ތަބާވުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ވިދާޅުވީ ޑޮކްޓަރުން ކޮންމެ ދުވަހަކު ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް އަމަލުކޮށްފި ކަމަށްވާނަމަ މިބަލި ކޮންޓްރޯލް ކުރުމުގެ ފުރުސަތު އަދވެސް އޮންނާނެ ކަމަށެވެ.