ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރޮހިންޖާ މުސްލިމުންގެ އެތައް ސަތޭކަ ބަޔަކު ބަންގްލާދޭޝްއިން ސަލާމަތްކޮށްފި

ކަނޑުމަތީގައި ދެ މަސްދުވަސް ވެފައިވާ މި ބޯޓުން 24 މީހުން ވަނީ މަރުވެފައި

ރޮހިންޖާ ރެފިޔުޖީންގެ ބޯޓެއް

ރޮހިންޖާ މުސްލިމް ރެފިއުޖީން ގޮވައިގެން މެލޭޝިޔާއަށް ދަތުރު ފެށި ބޯޓެއް ބެހި ކަނޑުމަތީގައި ދެ މަސް ދުވަސް ހޭދަކުރި ފަހުން ބަންގްލާދޭޝް ކަނޑުގެ ސިފައިން އެ ބޯޓު ސަލާމަތްކޮށްފިއެވެ. ބަނޑަށް ޖެހިފައި ތިބި 396 މީހުން އެ ބޯޓުގައި ތިބި އިރު، ކަނޑުމަތީގައި 24 މީހަކު ވަނީ މަރުވެފައެވެ.

"އެމީހުން ކަނޑުމަތީގައި ގާތްގަނޑަކަށް 2 މަސް ދުވަސްދުވަސް ހޭދަކޮށްފައިވޭ. އެމީހުން ތިބީ ބަނޑުހައިހޫނުކަމުގައި." ބަންގްލާދޭޝް ކޯސްޓްގާޑުގެ ތަރުޖަމާނަކު ބުންޏެވެ.

ކޯސްޓްގާޑުގެ ޓެކްނާފް ސްޓޭޝަންގެ ވެރިޔާ ލެފްޓިނެންޓް ކޮމާންޑަރ މުހައްމަދު ސުހޭލް ރާނާ ވިދާޅުވި ގޮތުގައި، ކޮކްސަސް ބާޒާރުގެ ޓެކްނާފާ ދިމާއަަށް ލަފަން މަސައްކަތްކުރި ބޯޓުގައި ގިނައިން ތިބީ އަންހެނުންނާ ކުޑަކުދިންނެވެ.

މިއަދު ސަލާމަތްކުރި މީހުންނަކީ ކޮކްސަސް ބާޒާރުގެ ރޮހިންޖާ ރެފިއުޖީ ކޭންޕުން ފުރި ބައެއްކަން ބަންގްލާދޭޝްގެ ރަސްމީ އެއްވެސް ފަރާތަކުން ޔަގީންކޮށް ނުދިން ނަމަވެސް، ރާނާ ވަނީ  އެއީ ދެ މަސްދުވަަސް ކުރިން މެލޭޝިޔާއަށް ދާން ފުރި ބައެެއްކަން ޔަގީންކޮށްދެއްވާފައެވެ.

"އެމީހުން މެލޭޝިޔާއަށް ދިއުމުގައި ނާކާމިޔާބުވުމުން އެނބުރި އައީ." ރާނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ބައެއް ރިޕޯޓުތައް ބުނާގޮތުގައި ކޮވިޑް- 19 ގެ ސަބަބުން މެލޭޝިޔާއަށް އެމީހުން ނާރުވައި އަނބުރާ ފޮނުވާލީއެެވެ.

"ރެފިއުޖީންނާ ބެހޭ އދ.ގެ ޖަމްއިއްޔާ، ޔޫއެންސީއާރުގެ ފަރާތުން ބަންގްލާދޭޝްެގެ ކޭމްޕެއްގައި 14 ދުވަހަށް އެމީހުން ކަރަންޓީނުކޮށްފައި ބައިތިއްބާނެ. އެއަށްފަހު ބަންގްލާދޭޝްގައި ހުރި ރެފިއުޖީ ކޭންޕުތަކުގައި އެ މީހުން ދިރިއުޅޭ ގެތަކަށް އެމީހުން ފޮނުވާލެވޭނެ." ލެފްޓިނެންޓް ކޮމާންޑަރ ރާނާ ވިދާޅުވިއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރު ހިންގި ރަހުމްކުޑަ ނަސްލު ސާފުކުރުމުގެ ޖަރިމާތަކައި އެތައް ހާސް ރޮހިންޖާ މުސްލިމުން މަރުވެފައި ވެއެވެ. އަދި ރޮހިންޖާ މުސްލިމުންގެ 7 ލައްކައެއްހާ މީހުން ވަނީ އެ އަނިޔާވެރިކަމުން ސަލާމަތްވާން ބަންްގްލާދޭޝްއަށް ގޮސްފައެވެ. އެމީހުން މިހާރު ދިރިއުޅެމުން ދަނީ ރެފިއުޖީ ކޭންޕުތަކުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.