
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރާއި 19 އަހަރުގެ ފިރިހެނެކެވެ. މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ޕޮލިސް އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޖޫން މަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހިންނަވަރުންނެވެ.
މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު 20 އަހަރުގެ މީހާ އަތުގައި އޮތް ދަބަހެއްގެ ތެރެއިން ފެނުނު ބިސްކޯދު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 68 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަޙްޤީޤު ކުރިޔަށް ގެންދިޔުމަށް 20 އަހަރުގެ މީހާއަށް 15 ދުވަސް އަދި 19 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.