ކޮވިޑްގެ އަލާމާތައް ހުންނަ ބައެއް މީހުން އެކަންސިއްރުކުރާކަން ފާހަގަ ކުރެވިފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ 14 ދުވަސް ހަމަވާއިރު ބައެއް ފަރާތްތަކުން މަޢުލޫމާތު ސިއްރުކޮށް، އެކަމާގުޅޭ ޞައްޙަ މަޢުލޫމާތު ހާމަކުނުކޮށް ތީބޭކަން ފާހަގަ ކުރެވޭކަމަށެވެ. އަލާމާތްތައް ހުންނަކަން ސިއްރުކުރަނީ 14 ދުވަހަށް ވުރެ ގިނަދުވަހު ހޭދަކުރަންޖެހިދާނެތީކަމަށް ފާހަގަ ކުރެއްވޭކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި އެބަހުރި 14 ދުވަސް ވާން ކައިރިވުމުން ނުވަތަ 14 ދުވަސް ވުމުން މަޢުލޫމާތު އެއްކުރާއިރު ޢަލާމާތްތައް ހުންނަ މީހުންގެ މަޢުލޫމާތު އެހާތަނަށް އަޅުގަނޑުމެންނަށް ފޯރުކޮށްނުދީ ހުރިކަން. މަޢުލޫމާތު ދިނުމުގެ ސަބަބުން އެރަށެއްގެ މުވައްޒަފުން 14 ދުވަހަށް ވުރެ ގިނަދުވަހު ތިބެންޖެހިދާނެ ކަމަށްޓަކައި ސިއްރުކުރެވޭކަމަށްވާނަމަ އެކަމުގެ ސަބަބުން މުޅި ރާއްޖޭގެ ހުރިހާ އެންމެން ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް އެބަދޭ" ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން ޕޮސިޓިވް ކޭހެއް ނުފެނި މަދުދުވަސްތަކެއް ދިޔަނަމަވެސް އަދި ޝައްކު ކުރެވޭ މީހުން ފެންނަވަރު މަދުކަމަށް ޤަބޫލުކުރެވުނު ކަމުގައިވިއަސް އަދިވެސް ކަން ފަސޭހަ ނުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ހެލްތް މިނިސްޓަރ އަމީން ފާހަގަ ކިރެއްވިއެވެ. އެހެންކަމުން ޚާއްޞަގޮތެއްގައި ރިސޯރޓްތަކުން 14 ދުވަސް ހަމަވެގެން މީހުން މުޖުތަމަޢުތެރެއަށް ދާއިރުވެސް އެއްވެސް އަލާމާތެއް ހުރި މީހަކު ހުރިނަމަ އެކަން ސިއްރު ނުކުރުމަކީ ވަރަށް ބޮޑު އެދި ވަޑައިގެންނެވުމެއް ކަމަށް ހެލްތްމިނިސްޓަރ ވިދާޅު ވިއެވެ. އެއްވެސް އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަށް ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެއް ކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެއީ ރިސޯޓެއްގެ މުވައްޒަފުންނާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަން ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.