ފަރީޝާ އިބްރާހީމް އަވަހާރަ ވެއްޖެ

އާފަތިހުގެ ކުރީގެ މަސްއޫލުވެރިޔާ، އަދި އާފަތިސް އުފެއްދެވި މުއައްސިސް ޢައްބާސް އިބްރާހީމްގެ ކޮއްކޮ ފަރީޝާ އިބްރާހީމް އަވަހާރަ ވެއްޖެއެވެ. ފަރީޝާ އަވަހާރަވީ މިރޭ ގާތްގަނޑަކަށް 8.35 ހާއިރު ސިންގަޕޫރުގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ފަރީޝާ އަކީ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި، ސަރުކާރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެއް ކަމުގައިވާ އިލްޔާސް އިބްރާހީމްގެވެސް ކޮއްކޮއެވެ. އަދި ހަމަ އެހެންމެ ސަރުކާރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ސަމަރުބުލޫ އިބްރާހީމް މަނިކުގެ އަނބިކަނބަލުންނެވެ.

ޢައްބާސް އިބްރާހީމާއި، އިބްރާހީމް މަނިކަކީ ދިވެހިރާއްޖޭގެ މީޑިއާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ޚިދުމަތްތެރި ދެ ބޭފުޅުންނެވެ. އިލްޔާސް އިބްރާހީމަކީ ރާއްޖޭގެ ތަރައްގީގައި އެ މަނިކުފާނުގެ ހިއްސާ ވަރަށް ބޮޑު، ޚިދުމަތްތެރި ދިވެހި ދަރިއެކެވެ. ނަސްރީނާ އިބްރާހީމަކީ އަމިއްލަ ޖަމްޢިއްޔާއެއް އުފައްދަވައިގެން ވަރަށް ގިނަ ދުވަހު ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ފަރީޝާ އިބްރާހީމަކީ މަޑުމައިތިރި މިޒާޖެއްގެ ވެރި، ޚުލްގު ހެއު، ގެވެހި ބޭކަނބަލެކެވެ. އަހަވާރަވީ އުމުރުފުޅުން 65 އަހަރުގައެވެ.

އަވަހާރަވީ އިރު އާއިލާގެ ގިނަ ބޭފުޅުން ތިއްބެވީ ސިންގަޕޫރުގައެވެ. އެހެންނަމަވެސް އޭނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެއް ކަމުގައިވާ ފާރިސް މައުމޫނަކަށް ސިންގަޕޫރަކަށް ވަޑައެއް ނުގެންނެވުނެވެ. އެއީ ދިވެހި ރާއްޖޭގެ ފުލުހުން އޭނާ ވަޑައިގަންނަވަން ހުއްދަ ނުދިނުމުގެ ސަބަބުންނެވެ. ހޯމް މިނިސްޓްރީން ނޭރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާރިސް ވަޑައިގަންނަވަން ހުއްދަ ނުދިނީ އޭނާ ފިއްލަވައިފާނެތީއެވެ.

ފަރީޝާ އަވަހާރަވުމުން އާއިލާއަށް ލިބުނު ހިތާމައިގައި އާފަތިހުން ފުރިހަމައަށް ބައިވެރި ވެއެވެ. މާތް ﷲ އޭނާގެ ފުރާނައަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.