ވީއައިއޭގެ ލޭންޑްސައިޑް ގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން ފުލުހުންނާ ހަވާލުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ބެހެލެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި އެއަރޕޯޓްގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށާއި ސެކިއުރިޓީ ކަންކަން ބަލަހައްޓާ އެހެން ފަރާތްތައް ތިބިނަމަބެސް މިފަދަ ޚިދުމަތެއް ޕްރޮފެޝަނަލް ކަމާއެކު ދެވޭނެ ބަޔަކީ ފުލުހުންކަމަށް ވިދާޅުވިއެވެ. އަދި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތްތައް ފެށޭނެ އިންތިޒާމްތަކެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެއަރޕޯޓް ފަދަ މުހިންމު ޚިދުމަތެއް ދޭތަނެއްގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށާއި އެއަރޕޯޓްގެ އޮޕަރޭޝަންތައް ފުޅާވަމުންދާއިރު ޤަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު އެކަންކަން ބެލެހެއްޓުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި ޤަވާއިދުތަކާއި އުސޫލުތައް ދެމަހައްޓައި މަސައްކަތްތައް އެންމެ ފުރިހަމައަށް ކޮށްދޭނޭކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.