
ދިވެހި ގައުމަށް ގިނަގުނަ ޚިދުމަތް އެކި ރޮނގުރޮނގުން ދެއްވި އަލްމަރްޙޫމް އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަނބަލުން ފާޠުމަތު ޖަމީލް އަވަހާރަވެއްޖެއެވެ.
އެކަމަނާއަކީ ވެސް ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފއިވާ ބޭފުޅުކެވެ. އަވަހާރަވީ އައިޖީއެމް ހޮސްޕިޓަލުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ހޮސްޕިޓަލަށް ގެންދެވުނީ ސީދާ ކީއްވެ ކަމެއް އެނގިފައެއް ނުވެއެވެ. އަވަހާރަވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށްނެއެވެ.
އެކަމަނާއަކީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ އަދި ސަފީރު ޒާހިޔާ ޒަރީރުގެ މަންމައެވެ. "ފާޠުމަތު ޖަމީލަކީ ވަރަށް ހިތްޕުޅު ހެޔޮ އޯގާވެރި ބޭފުޅެކެވެ. ގައުމީ ޚިދުމަތުގައި ނަމޫނާ ބޭފުޅެކެވެ. އަންހުނުންގެ ތަރައްގީގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަޒީޒު ހީވާގި ކަނބަލެކެވެ." އެކަމަނާއާ ބެހޭ ގޮތުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެފައިވެއެވެ.
ފާޠުމަތު ޖަމީލް ވަނީ ބައްޕާފުޅު ފަދައިން އަދަބީ މަސައްކަތްޕުޅު ވެސް ކޮންމެވެސް ވަރަކަށް ކުރައްވައިފައި ކަމަށް ވެސް އަޝްރަފް ވިދާޅުވެފައިވެއެވެ. އެ ގޮތުން ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ ގައުމީ މަޖިލީހުން އެންމެ ފުރަތަމަ ބޭއްވެވި މަޒުމޫނު ލިޔުމުގެ މުބާރާތުން، 1984ގައި އާއްމުންގެ ގިންތީން އެ ކަމަނާ އެއްވަނަ ހޯއްދަވާފައި ވެއެވެ. އެއީ "ރާއްޖޭގެ މުޖުތަމައުން ނައްތައިލަންވީ އަޚުލާޤީ ބަލިތައް" މި މައުޒޫއަށެވެ.
އެކަމަނާގެ ޖަނާޒާގެ ކަންކަން މިރޭގެވަގުތެއްގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.