ރޯދަ މަހަށް ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ކޮންމެ ހަފްތާއަކު ހިލޭ އުމްރާ ދަތުރާއި ސޯޝަލް މީޑިއާ އެޕްތައް ހިލޭ ބޭނުންކުރެވޭނެ ގޮތަށް ބޮޑު ރޯދަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން ހާމަ ކުރާ ގޮތުގައި ރޯދަ މަހަކީ ޚާއްސަ މައްސަރަކަށް ވާތީ، މި މަހުގެ ތެރޭގައި ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޑިޖިޓަލް ހަދިޔާތަކެއް ދިރާގުން ފޯރުކޮށް ދޭނެއެވެ. މީގެ އިތުރަށް ޢުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއްވެސް ކުރިއަށ ގެންދާނެއެވެ.

ދިރާގު ހިލޭ ސޯޝަލް މީޑިއާ ޕެކޭޖް

ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު އެޕްލިކޭޝަންތަށް ހިލޭ ލިބޭނެ ޕްރޮމޯޝަނެއް މިއަދު ދިރާގުން ރަމަޟާން މަހާއި ގުޅިގެން ވަނީ ތައާރަފް ކޮށްފައެވެ. *123*8*2# އަށް ގުޅުމުން ކޮންމެ ހަފްތާއަކު ފޭސްބްކު، ޓްވިޓާ، ސްނެޕްޗެޓް، އިންސްޓަގްރާމް، ވަޓްސްއެޕް ނުވަތަ ޕިންޓްރެސްޓް މި 6 ސޯޝަލް މީޑިއާ އެޕްގެ ތެރެއިން ކޮންމެވެސް އެއް އެޕެއް މުޅިން ހިލޭ ބޭނުންކުރެވޭނެއެވެ. ހަފްތާ ނިމުމުން ހަމަ އެ އެޕް ނުވަތަ އެހެން އެޕެއް ނެގުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް އާއިލާ އާއި އެހެން ރަހުމަތްތެރިންނަށް ސޯޝަލް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެއެވެ.

ދިރާގު ރަމަޟާން އުފާ

ދިރާގު ރަމަޟާން އުފާގެ ނަމުގައި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންގެ ތެރެއިން ކޮންމެވެސް އެއް ކަސްޓަމަރަކަށް ހުރިހާ ޚަރަދަކާއެކު 2 މީހަކަށް އުމްރާ ދަތުރެއް ދިނުމަށްވަނީ ނިންމާފައެވެ. 

ހުކުރު ދުވަހު ހިލޭ "ވައިބާ"

ވައިބާ އަކީ ރާއްޖޭގައި އެންމެ މަގުބޫލު މެސެޖިންގް އެޕެވެ. ދިރާގުން ވަނީ މި ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު ވައިބާ ބޭނުންކުރުމަށް އެއްވެސް ޑޭޓާ ޗާޖެއް ނުނަގާގޮތަށް މުޅިން ހިލޭ ހަމަޖައްސާފައެވެ. ހިލޭ ވައިބާ އެކްޓިވޭޓް ކުރުމަށް ޖެހޭނީ *123*8*1# އަށް ގުޅާލާށެވެ.

ސައުދީ 019 އައި.ޑީ.ޑީ ޕްރޮމޯޝަން

ރަމަޟާންމަހާ ދިމާކޮށް އެތައްދިވެހިންނެއް އުމްރާވުމަށް ސައުދީއަރަބިއްޔާއަށް ދެއެވެ. ދިރާގުން ކޮންމެ އަހަރަކު ރަމަޟާން މަހު ސައުދީ އަރަބިޔާ އަށް ވަރަށް ޚާއްސަ ހެޔޮ އަގެއްގައި ގުޅޭނެ ޕްރޮމޯޝަނެއް ހިންގައެވެ. މިއަހަރުވެސް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ. މި އަހަރުގެ ޕްރޮމޯޝަނުގައި ވެސް ބަޖެޓްކޯޑް (019) ޖަހާފަ ނަންބަރު ޖެހުމުން މިނަޓަކަށް އެންމެ 1.88 ރުފިޔާ އަށް ގުޅޭނެއެވެ. މި އޮފާ ކުރިއަށް ދާނީ މިއަދުން ފެށިގެން ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

އަޅުކަންތަކަށް ފަސޭހަ މަގެއް

އަގުހުރި އިނާމުތަކެއްގެ އިތުރުން ދިރާގުން ވަނީ މި އަހަރު ވެސް އަޅުކަން އަދާކުރަން ފަސޭހަ ކޮށްދިނުމަށް ވެސް ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެ ގޮތުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ދިރާގުން ހިލޭ ފަހި ކޮށްދޭނެ އެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8*4# އަށެވެ.

މީގެ އިތުރުން، ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިލޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނީ *123*8*3#އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.