ފަރަންސޭސި ރައީސް މާ ދޮށީ ބޭފުޅަކާ ކާވެނި ބައްލަވައިގަތުމުގެ ވާހަކަ މާ މަޝްހޫރު

ފަރަންސޭސި ވިލާތުގެ ރައީސް ކަމަށް ހޮވިވަޑައިގަތް އިމަަނުއެލް މެޣޯންގެ ކާމިޔާބީގެ ވާހަކައަށްވުރެ މަޝްހޫރު ވާހަކައަކީ އެ މަނިކުފާނުގެ ކައިވެނިފުޅުގެ ވާހަކައެވެ. އުމުރުފުޅަށް ވުރެ ދޮށީ ބޭފުޅަކާ ކާވެނި ބައްލަވައިގަތުމަކީ ދުނިޔޭގެ ސަމާލުކަން ލިބޭ ކަމަކަށް މިހާރު ވަނީ ވެފައެވެ.

އެމަނިކުފާނުގެ އަނބިކަނބަލުން ބްރިޖިޓް ތްރޮނޯ އަކީ މިހާރު އުމުރުފުޅުން 64 އަހަރު ވެފައިވާާ ބޭފުޅެކެވެ. މެޣޯންގެ އުމުރުފުޅަކީ 39 އަހަރެވެ.

މެޣޯނަށް އެންމެ ފުރަތަމަ ބްރިޖިޓް ފެނިވަޑައިގަތީ ސސުކޫލުންނެވެ. އޭނާ ބައިވެރިވެ ވަޑައިގަތް ތަންސީލެއްގެ ޑިރެކްޓަރެއްގެ ގޮތުގައެވެ. އޭރު މެޣޯންގެ އުމުރުފުޅުން އެންމެ 15 އަހަރެވެ. އެހެންނަމަވެސް އުމުރުފުޅުގައި 24 އަހަރުގެ ބޮޑު ތަފާތެއް ހުރި ކަމުގައި ވިޔަސް ދެ ބޭފުޅުންގެ މެދުގައި ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ. ދެ ބޭފުޅުން އެކީގައި ދުވަސްތަކެއް ވާންދެން އުޅުއްވުމަށް ފަހު އެންމެ ފަހުން ކައިވެނި ބައްލަވައިގަތީއެވެ.

މެޣޯން ވިދާޅުވާ ގޮތުގައި ބްރިޖިޓް ނެތް ނަމަ އެ މަނިކުފާނެއްވެސް ނެތީހެވެ. މާނައަކީ އެ މަނިކުފާނުގެ ހުރިހައި ކާމިޔާބީއެއްގެ ހަގީގީ ސިއްރަކީ ބްރިޖިޓެވެ.

ބްރިޖިޓަށް މާމަ ވިދާޅުވާ ހަތް ބޭފުޅުން މިހާރުވެސް އެބަތިއްބެވިއެވެ. އެ ކަމަނާގެ އުފަން ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މެޣޯނާ އެއް އުމުރުފުޅެވެ.

ފަރަންސޭސި ވިލާތުގެ ރައީސްގެ އަނބިކަނބަލުންނަކީ ރަސްމީ މާ ބޮޑު ޒިންމާއެއް އަދާ ކުރައްވާ ބޭފުޅެއް ނޫނެވެ. އެހެންނަމަވެސް މެޣޯން ވިފދާޅުވެފައި ވަނީ ރައީސްކަށް ވެ ވަޑައިގަތީމާ އެކަމަނާއަށް ރަސްމީ ވަޒީފާއެއް ދެއްވަން ގަސްތު ކުރައްވާ ކަމަށެވެ.

ބްރިޖިޓް އުފަންވެވަޑައިގަތީ ފަރަންސޭސި ވިލާތުގެ އުތުރުގެ ރަށަކަށެވެ. މެޣޯނާ ބައްދަލުވެ ވަޑައިގަތުމުގެ ކުރިން އެކަމަނާ އުޅުއްވީ ވަރަށް އާދައިގެ ދިރިއުޅުއްވުމެކެވެ. އަދާ ކުރެއްވީ މުދައްރިސެއްގެ ވަޒީފާއެވެ. ބޭންކަރަކާ ކައިވެނި ބައްލަވައިގެން، އެ ކާވެނިފުޅުން ތިން ބޭފުޅުން ލިބިވަޑައިގަތެވެ. އޭނާގެ އަރިހުން ވަރިވެ ވަޑައިގެން މެޣޯނާ ކާވެނި ބައްލަވައިގަތީ 2006 ވަނަ އަހަރުއެވެ.

ބްރިޖިޓް ވަޒީފާ އަދާ ކުރެއްވުން ހުއްޓަވައިލެއްވީ 2015 ވަނަ އަހަރުއެވެ. އޭރު މެޣޯނަކީ ފަރަންސޭސި ވިލާތުގެ މާލީ ވަޒީރެވެ.

ދެބޭފުޅުންގެ ލޯތްބާ އެންމެ ފުރަތަމަ މެޣޯންގެ މައިންބަފައިން ދެކޮޅެވެ. އޭނާގެ އުމުރުފުޅުން 18 އަހަރު ވާންދެން ދުރުގައިހުންނެވުމަށް ބްރިޖިޓް އަރިހުން އެ ބޭފުޅުން އެދިވަޑައިގަތް ކަމަށް ވެއެވެ.

މުޖުތަމަޢުގެ ފާޑު ކިޔުންވެސް އެ ބޭފުޅުންނަށް އަމާޒު ވިއެވެ. ދެމީހުންގެ ކުރެ އަންހެން މީހާ ދޮށި ވުމަކީ އަދިވެސް މުޖުތަމަޢުން ބަލައިގަންނަ ކަމެއް ނޫނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އަނބިކަނބަލުންނަށްވުރެ 24 އަހަރު ދޮށިފުޅެވެ. އެކަމަކު އެއީ މައްސަލައެއް ކަމަކަށް ދުނިޔެ ނުދެކެއެވެ.

މެޣޯނާއި ބްރިޖިޓް އެ ދެ ބޭފުޅުންގެ ގުޅުން ސިއްރެއް ނުކުރެއެވެ. ދުނިޔެއަސް ހާމަ ކުރެއްވީއެވެ. އެކި ދިމަދިމާއިން އައި ދެކޮޅު ހެދުމާއި ފާޑު ކިޔުންތަކާ އެކީ ދެ ބޭފުޅުންގެ ލޯބި ދިޔައީ އިތުރު ވަމުންނެވެ. މިހާރު ުލީ ދުނިޔެ ދެކެނީ އެއީ ލޯބީގެ ރީތި ނަމޫނާއެއްގެ ގޮތުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.