
ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ކުރިއެކޭ އެއް ގޮތަށް އާސަންދައިގެ ޚިދުމަތް ދޭ ގޮތަށް ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.
އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް ނުދޭ ގޮތަށް އާސަންދައިން ނިންމީ މި ހިނގާ މޭ މަހުގެ 6 ވަނަ ދުވަހުގެރޭ މެންދަން ވާން ކައިރި ވެފައި ހުއްޓައެވެ. އާސަންދައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު އާސަންދައިން ކުރަމުން ގެންދާ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން އެ ނިޒާމު މުރާޖައާ ކުރުމަށްޓަކައި ޚިދުމަތް ހުއްޓާލީ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް ދިނުން ހުއްޓައިލުމަކަށް ސަރުކާރުން ލަފާ ދީފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު އާސަންދައިގެ ޚިދުމްތަ ދޭ ގޮތަށް ބަލާއިރު ބޭކާރު އެތައް ޚަރަދެއް ކުރެވެމުންދާ ކަމަށް ބޭރުގެ ލަފާ ދޭ އިދާރާތަކުން އަންގައިފައިވާ ކަމަށާއި، އެކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ސަރުކާރުން އަންގާފައިވާ ކަމަށާއި، އެކަމަކު ވަކި ތާރީޚެއްގައި އާސަންދައިގެ ޚިދުމްތަ ހުއްޓާލުމަކީ ސަރުކާރުން އަންގައިގެން ކުރި ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވެއެވެ.