130 މިލިއަން ރުފިޔާގެ ނަރުދަމާ ނިޒާމު މަރަދޫ، މަރަދޫ ފޭދޫ، ފޭދޫގައި ފަށައިފި

އައްޑު އަތޮޅު މަރަދޫއާއި، މަރަދޫފޭދޫއާއި، ފޭދޫގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ. މި މަސައްކަތް ފަށްޓަވައި ދެއްވީ މިނިސްޓްރ އޮފް އެންވައިރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ.

މި މަސައްކަތާ ބެހޭ ގޮތުން އާފަތިހަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅު ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވީ އައްޑު އަތޮޅުގެ ނަރުދަމާގެ މަސައްކަތުގެ ފައިސާ މިހާރު ހުރީ މުޅީން ހަމަޖެހި ނިމިފައި ކަމުގައެވެ. "ފައިސާ ހުރީ ހަމަޖެހިފައި، އިރާދަ ކުރެއްވިއްޔާ ފައިސާގެ ދަތިކަމެއް މެދުވެރި ވެގެން މަސައްކަތެއް ނުހުއްޓޭނެ. މި ދާ ގޮތަށް ގޮސް މަސައްކަތް ނިންމާނެ."

އައިބީ ވިދާޅުވި ގޮތުގައި އައްޑު އަތޮޅުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތައް މެދު ކަނޑަނުލައި ކުރިއަށް ގެންދާނެއެވެ. ރައީސް ޔާމީން ވިޔާޅުވި ފަދައިން މިއީ ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ޚިދުމަތް ކުރަން އައި ސަރުކާރެކެވެ. "ކައުންސިލްތަކަށް އިދިކޮޅު މެންބަރުން ހޮވިގެން އެ ބޭފުޅުން ސަރުކާރުގެ އެކި މަސައްކަތްތަކަށް ހުރަސް ނާޅާ ނަމަ، މަސައްކަތް ހަމަ ބާރަށް ކުރިއަށް ދާނެ. ދެރަ ކަމަކީ އިދިކޮޅު ޕާޓީ ތަކުގެ ކައުންސިލް މެންބަރުން މިފަދަ މަސައްކަތްތަކަށް ހަުރަސް އަޅައި، މި މަސައްކަތްތަކާ ގުޅޭ ގޮތުންވެސް ދޮގު ޚަބަރު ފަތުރައި މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރާތީ." އައިބީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަތޮޅުގެ ކައުންސިލަށް ސަރުކާރަށް ތާއިދުކުރާ މެންބަރުން ހޮވިއްޖެ ނަމަ ތަރައްގީގެ މަސައްކަތްތައް މިހާރަށްވުރެ މާ ހަލުވި ވެގެން ދާނެއެވެ. "އިރާދަ ކުރެއްވިއްޔާ އައްޑު އަތޮޅުގެ ރައްޔިތުން ވިސްނުމުގެ ބޭނުން ކުރާނެ. ސަރުކާރަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.