މަސްތުވާތަކެއްޗާއެކު މީހަކު ރ. މީދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރ.މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ރ.މީދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ދިވެހި ފިިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރ.މީދޫއަށް ދަތުރުކުރި ޑިންގީއަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 2017 އޭޕްރިލް 12 ވަނަ ދުވަހުގެރޭ 01:00 ހާއިރު ރ.މީދޫ ބަނދަރު ސަރަޙައްދުންނެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ގަމީހުގެ އަތްކުރީގައި އޮޅާފޮރުވާފައިވަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12  ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި އޭނާ ބަލައިފާސްކުރިއިރު އޭނާ މީދޫ ބަނދަރުތެރެއަށް އެއްޗެއް އެއްލާލުމުން އެދިމާ ބަލައިފާސްކުރިއިރު ބަނދަރުތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްއަޅައި ތައްޔާރުކޮށްފައިވާ 3 ކަރުދާސްގަނޑު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާފައިވާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ރ.މީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.