ދީނާއި ސައިންސާއި ދެމެދުގެ ގުޅުން: "ސައިންސު ގޮވާލަނީ ކަލަކު ވޮޑިގެންވާކަން ގަބޫލުކޮށް އީމާންވުމަށެވެ!" (1)

ޕްރޮފެސަރ ޖޯން ލެނޮކްސްގެ ތަގުރީރު - ތައުލީގަކާއިއެކު ތަގުރީރުގެ ދިވެހި ޚުލާސާއެއް


މިލިޔުމަކީ އޮކްސްފޯރޑް ޔުނިވަރސިޓީގެ ހިސާބު އިލްމުގެ އުސްތާޒެއް ކަމުގައިވާ ޕްރޮފެސަރ (ޕރ.) ޖޯން ލެނޮކްސްގެ 'ސައިންސް އެންޑް ފެއިތު' މި ތަގުރީރުގެ މުގައްދިމާއެއްގެ ގޮތުން ލިޔެލާ ވާހަކަކޮޅެކެވެ. މި މިލިޔުމުގެ ދެވަނަ ބައިގައި، ބައެއް ތައުލީގުތަކާއިއެކު، މިތަގުރީރުގެ ޚުލާސާއާއި އަދި ދިވެހި ތަރުޖަމާއާއެކު މުޅި ތަގުރީރު ހިމެނޭ ވީޑިއޯއެއް ހުށަހަޅާލާނަމެވެ.

މިބައިގައި މިގެނެސްދޭ މުގައްދިމާގައި ދެތިން ނުކުތާއެއްގެ މައްޗަށް ބަލައިލާނަމެވެ. އެންމެ ފުރަތަމަ ހަދާސަތުގެ (މޮޑާރނިޓީގެ) މައްޗަށް ނަޒަރު ހިންގައިލެވޭނެއެވެ. މިޒަމާނުގައި ދީނާއި ސައިންސުގެ ގުޅުން ނުވަތަ ނުގުޅުމުގެ ވާހަކަ ފެށޭ ހިސާބު ފާހަގަކޮށްލުމުގެ ބޭނުމުގައެވެ. އެއަށްފަހު، މިތަރުޖަމާގެ ވާހަކަ އަމާޒުކުރެވެނީ ކޮންބަޔަކަށްކަން ބަޔާންކޮށްލަދިނުމެވެ. ދެން ތަރުޖަމާގައި ބޭނުންކުރެވިފައިވާ ބައެއް ލަފްޒުތަކުގެ މާނަ ލިޔެލުމަށްފަހު، ޕރ. ލެނޮކްސްގެ ކުރު ތައާރުފެއް ހުށަހަޅާލާނަމެވެ. މިބައި ނިންމާލެވޭނީ، ޖުމްލަގޮތެއްގައި، ތަގުރީރުގެ މައްޗަށް ބަލާލައި އަދި ދީނާ އިދިކޮޅު ވާހަކަތައް ބިނާވަނީ ކޮންކޮން ކަމެއްގެ މައްޗަށް އަމާޒުކުރެވިގެންކަން ފާހަގަކޮށްލާފައެވެ.

ހަދާސަތުގެ މައްސަލަ

މިއަދު އިސްލާމީ އުއްމަތް ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. އަދި އެކަމާ ކުރިމަތިލައި އެކަމަށް އެކަށީގެންވާ ޖަވާބެއް ހުށަހަޅާލަން ޖެހިފައެވެ. މީގެ ތެރެއިން އެއްކަމަކީ ހަދާސަތުގެ (މޮޑަރނިޓީގެ) ގޮންޖެހުމެވެ. ސިނާއީ އިންގިލާބާއި (އިންޑަސްޓްރިއަލް ރެވޮލޫޝަނާއި) ތަންވީރީ ފިކުރުގެ ވިސްނުން (އެންލައިޓްންމެންޓް ތިންކިން)، ސަތާރަވަނު ގަރުނުން ފެށިގެން، ސައިންސާއި އިލްމުގެ ދުވެއްޔަށް ގެނުވި ހަލުވި ކުރިއެރުން، އިންސާނީ ހަޔާތަށް ބޮޑު ބަދަލެއް ގެނުވިއެވެ. އާދެ، ހަދާސަތުގެ ނަމުން ނަންދެވޭ މިބޮޑު ބަދަލާ މުސްލިމުން ކުރިމަތިލައި، މިބަދަލުތަކުގެ އަލީގައި އިސްލާމީ ދީނީ ސަގާފަތް އާކޮށް ދިރުވަންޖެހިފައެވެ.

ހަދާސަތު ގެނުވި ބަދަލު، މައިގަނޑުގޮތެއްގައި، ގުޅެނީ ދެކަމަކާއިއެވެ. އެއްކަމަކީ، ސިނާއީ އިންގިލާބުގެ ސަބަބުން ދުނިޔޭގައި އިންސާނުން ކަންތައްތައް ކުރަމުން އައި ގޮތްތައް އެފުށް މިފުށަށްޖެހި އިންގިލާބުވުމެވެ. ދެވަނަ ކަމަކީ އިންސާނާގެ ވިސްނުމާއި ފިކުރުކުރުމުގެ ގޮތްތައް ބަދަލުވެ، ކައުނާއި ކާއިނާތުތަކާއި ތަބީއީ މަޒާހިރުތަކުގެ (ނެޗުރަލް ފެނޯމެނާގެ) މައްޗަށާއި އަދި ހަޔާތާއި ހަޔާތުގެ މަގުސަދުގެ މައްޗަށް ވެސް، ހަމައެކަނި އިންސާނާގެ ޒިހުނު ނުވަތަ ބުއްދި (އިންޓަލެކްޓް) ބޭނުންކޮށް، ވިސްނުމާއި ފިކުރުކުރުމުގެ ނަޒަރު، އާދެ، ތަންވީރީ ފިކުރުގެ ނަޒަރު، ހިންގާލުމުވެ.

ޝައްކެއްނެތް ގޮތުގައި އިންސާނުން މަސައްކަތްކުރުމުގެ ގޮތްތަކަށް ސިނާއީ އިންގިލާބު ބޮޑެތި ބަދަލުތަކެއް ގެނުވިއެވެ. ދަނޑުވެރިކަމާއި ސިނާއަތުގެ މަސައްކަތްތައް ކުރަމުން އައި ގޮތަށެވެ. އަތްފައިންނާއި، އަދި، އެކިއެކި ޖަނަވާރުތައް ބޭނުންކޮށްގެން ކުރެވުނު ދަނޑުވެރިކަން، މެޝީންތަކުގެ އެހީގައި ކުރެވޭން ފެށިއެވެ. ހަމަ އެހެންމެ، ކާރުޚާނާތަކުގެ އުފެއްދުންތައް ވެސް މެޝީންތަކުގެ ޒަރިއްޔާއިން އުފެއްދެން ފެށުނެވެ. މީގެ ނަތީޖާއަކަށްވީ، ކޮންމެ ފަރުދަކު، އޭނާގެ ބޭނުންތައް ފުއްދާލެވޭވަރުގެ މަދު އެތިކޮޅެއް، ވަކިވަކިން، އުފެއްދުމުގެ ބަދަލުގައި ގަނޑުކޮށް ގިނައިން އެއްޗެހި އުފެއްދޭނޭ ގޮތް މެދުވެރިވުމެވެ. މީގެ އިތުރުން ބާޓަރުގެ (މުދަލުގެ އަގުގެ ގޮތުގައި މުދާ ދީ މުދާ ގަނެއުޅުމުގެ) ނިޒާމު އުވި، ނެތިގޮސް، އޭގެ ބަދަލުގައި ފައިސާ ބޭނުން ކުރެވުން އާންމުވެގެންދިޔައެވެ. އަދި ރަނާއި ރިހި ފަދަ މައުދަނުތަކުގެ މައްޗަށް ބިނާކޮށް، ފައިސާގެ އަގު ކަނޑައަޅާލުމުގެ ބަދަލުގައި އުފެއްދުންތެރިކަމާއި ވަޒީފާގެ ފުރުސަތާއި ތަކެތީގެ އަގު މައްޗަށްދިއުން ފަދަ މާރުކޭޓުގެ ބާރުތަކުގެ މައްޗަށް ބިނާކޮށް ފައިސާގެ އަގު ކަނޑައަޅާލުން ވެސް މި ދެންނެވި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ. އާދެ ސިނާއީ އިންގިލާބު އިންސާނީ އާންމު ހަޔާތަށް މިފަދަ ބޮޑެތި ބަދަލުތަކެއް ގެނުވިއެވެ. ދެން މައުޟޫއާއިގެން ކުރިއަށް ދިއުމުގެ ކުރިން، އަދުގެ އިސްލާމީ ދުނިޔެ އޮތް ހާލަތާއި މެދު އެއްޗެއް ބުނެލަންޖެހެވެ. ހަދާސަތުގެ މިމައްސަލައާއި ގުޅުން ހުރީމައެވެ.

އަދުގެ އިސްލާމީ ދުނިޔޭގެ ހާލަތު: އަދުގެ އިސްލާމީ ދުނިޔެއަށް ނަޒަރު ހިންގާލާއިރު ފެންނަނީ އަނިދިރިކަމެވެ. މުޅި އިސްލާމީ ދުނިޔޭގެ އުޑު މައްޗަށްހެން އޮތީ ހަމަނުޖެހުމުގެ ކަޅު ބޯ ވިލާތައް ވެރިވެ، ފެތުރިފައެވެ. މުސްލިމުން، އެއްބަޔަކު އަނެއްބަޔަކާ، ހަނގުރާމަކުރަނީއެވެ. އެތަކެއް އަހަރުތަކެއް ފާއިތުވީއިރު ވެސް މިހަނގުރާމަކުރުން ހުއްޓުމުގެ ކޮޅެއް ނުފެނެއެވެ. ސީރިޔާ އަދި ޔަމަނު އަދި ސޯމާލިޔާގެ މައްޗަށް ކަޅި ހުއްޓާލުމުން މިކަން ފެނިގެންދެއެވެ. މީގެ އިތުރުން، މުސްލިމުންގެ ގައުމުތައް އޮތީ ބައިބައިވެފައެވެ. ސިޔާސީ އަދި މަޒުހަބީ އަދި ނަސްލީ ބައިތަކަކަށެވެ. އަފްޣާނިސްތާނާއި އިރާގުގެ އަދުގެ ހާލަތުގެ މައްޗަށް ވިސްނުމުގެ ނަޒަރު ހިންގާލުމުން މިކަން އެނގިގެންދެއެވެ. އަދި ގަތަރާއި އެހެން ގަލްފުގެ ރަށްތަކުގެ މައްޗަށް ނަޒަރު ހިންގާލުމުން މުސްލިމުންގެ އެއްބައިވަންތަކަމުގެ ބިނާގައި އެޅިފައިވާ ބޮޑެތި ރެނދުތައް ވަރަށް ސާފުކޮށް ލޮލަށް ފެނިގެންދެއެވެ. މިފަދަ ބައިބައިވުން އޮތް ބައެއް ގައުމުތަކުގައި، ދީނުގެ ނަމުގައްޔާއި އަދި އެނޫންވެސް އެހެން ނަންނަމުގައި އެއްބަޔަކު އަނެއްބަޔަކަށް، ވެވުނު އެންމެ މަތީ ދަރަޖައަކަށް، ގެއްލުން ދިނުމަށް މަސައްކަތް ކުރެވެމުންދާތަން ވެސް ކަންފަތަށް އިވި ލޮލަށް ފެނެއެވެ.

މިފަދަ ހަނގުރާމަތަކަށާއި ބައިބައިވުންތަކަށް މަގު ފަހިވާ ސަބަބުތައް އިސްލާމީ އުއްމަތުގެ ގިނަ ގައުމުތަކުގައި އެބަހުއްޓެވެ. މި ސަބަބުތައް މައިގަނޑު ގޮތެއްގައި ގުޅެނީ އެއް ކަމަކާއޭ ބުނެވިދާނެއެވެ. އިޖުތިމާއީ އަދާލަތެއް ނެތުމާއެވެ. ގައުމުގެ މުއްސަނދިކަން، ގައުމުގެ ޚައިރާތުތައް، އަދުލުވެރި ގޮތެއްގައި މުވާތިނުންގެ މެދުގައި ބެހިގެން ދާނޭ ސިޔާސީ އަދި އިޖުތިމާއީ ނިޒާމެއް ނެތުމާއެވެ. އަދި ގައުމުގެ ހުރިހާ މުއްސަނދިކަމެއް، ހުރިހާ ޚައިރާތެއް، މަދު ބައެއްގެ އަތްމަތީގައި އޮތުމާއެވެ. އާދެ، ވެރިކަމުގެ ބާރު އެބައެއްގެ އަތްމަތީ އޮތް މީހުންގެ މުށު ތެރެއަށް ލެވި ފޮރުވި، ހިފެހެއްޓިފައި އޮތުމާއެވެ.

މުސްލިމު ގައުމުތަކުގައި، ތަފާތު ނަންނަން ކިޔޭ ވެރިކަމުގެ ނިޒާމުތައް އޮތްކަމުގައި ވިޔަސް، ދެންމެ މި ނަންގަތް ހަގީގަތަކަށް، އެއްވެސް ހަގީގީ ބަދަލެއް އަންނަ ތަނެއް ނުފެނެއެވެ. ވެރިކަމުގެ ނިޒާމަށް ރަސްކަމޭ ކިޔުނަސް ނޫނީ ޑިމޮކުރަސީއޭ ކިޔުނަސް ނޫނީ އިސްލާމީއޭ ކިޔުނަސް، މުސްލިމު ރާއްޖެތަކަށް ވެރިވެފައި އޮތީ މުސްތަބިއްދު (ޑިކްޓޭޓަރޝިޕް) ވެރިކަމުގެ ނިޒާމުތަކެކޭ ބުނުމަކީ ދޮގަކަށްވާނޭ ހެނެއް ހިޔެއްނުވެއެވެ. ސައޫދީ އެރޭބިޔާގެ ރަސްކަމަށް ބަލާލިޔަސް ނޫނީ މިސުރުގެ ޖުމްހުރީ ޑިމޮކުރަސީ ވެރިކަމުގެ ނިޒާމަށް ބަލާލިޔަސް ނޫނީ އީރާނުގެ އިސްލާމީ ޖުމްހޫރީ ވެރިކަމަށް ބަލާލިޔަސް މިކަމުގެ ތެދާއި ދޮގު ވަޒަންކޮށްލެވޭނެއެވެ. އަދި ޚުދް ރާއްޖެއަށް ބަލާލިޔަސް މި ހަގީގަތް ސާފުކޮށް ފެނިގެންދެއެވެ. ވޯޓުލުމާއި ސިޔާސީ ޕާޓީތައް އޮތުން ފަދަ ޑިމޮކުރަސީގެ ބައެއް ސޫރީ (ފޯމަލް) ސިފަތައް ފެނިގެން ދިޔަޔަސް، ވެރިކަމުގެ ބާރު އެބަޔެއްގެ އަތް މަތީގައި އޮތް ބަޔަކަށް އަބަދުވެސް ގަބޫލުކުރެވޭކަމަށް ފެންނަނީ، ވެރިކަން ހިންގޭނީ ހުރިހާ ބާރެއް ވަކި މީހެއްގެ ނުވަތަ މަދު މީސްކޮޅެއްގެ އަތްމަތީގައި އޮވެގެންކަމެވެ. އާދެ، އިހުގެ ވެރިކަމުގެ ސަގާފަތާ މިއަދު ކަން އޮތްގޮތާ މާ ބޮޑު ތަފާތެއް ނެތެވެ. މަރުހޫމު ޝިހާބު ވިދާޅުވެފައިވާ ފަދައިން މުޅި އުއްމަތަކީ، ހުރިހާ މީހަކީ، ވެރި މީހާއެވެ. ނުވަތަ ވެރިކަމުގެ ހަގީގީ ބާރު އެމީހެއްގެ އަތުގައި އޮތް މީހާއެވެ. ނަތީޖާއަކީ، ކުރިންވެސް ނަންގަތް ހެން، ގައުމުގެ ހުރިހާ ޚައިރާތުތަކަކީ ވެރިކަމުގައި ތިބި ބަޔަކު ހިތް އެދޭހާ ގޮތަކަށް ކަންތައްކުރަން އޮތް އެއްޗެއްކަމަށް ވުމެވެ. އަދި އެފަދައިން ކަންތައް ކުރެވޭ ގޮތަށް ގާނޫނުތަކާއި ގަވާއިދުތައް ހެދިގެން ދިޔުމެވެ. އިޖުތިމާއީ އަދާލަތު (ސޯޝިއަލް ޖަސްޓިސް) ހިމެނޭ ފަދަ ސިޔާސީ ނިޒާމެއް ގާއިމުނުކުރެވުމެވެ. މިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ ވިސްނާ ފިކުރުކުރުމާ ލިޔެކިޔުމުގެ ސަގާފަތެއް އޮވެގެންތާއެވެ! ކޮންމެއަކަސް އާޚިރު ނަތީޖާއަކީ އާންމު މުވާތިނުންގެ ދިރިއުޅުމަށް އެއްވެސް ހެޔޮ ބަދަލެއް ނައުމުވެ. ދިރިއުޅުމުގެ އަސާސީ ބޭނުންތައް، - އާމްދަނީ ހޯދުމުގެ މަގު ފަހިވުން، ގޯތި ގެދޮރު ލިބުން، ސިއްހީ ތައުލީމީ ފުރުސަތު އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބެން އޮތުން – މިކަންކަން، އެންމެނަށް ފުއްދާލެވޭނެ ގޮތެއް ހަމަޖެހިފައި ނެތުމެވެ. ގައުމުގެ ޚައިރާތުތައް އަދުލުވެރިގޮތެއްގައި ބެހިގެން ދިޔުމުގެ ނިޒާމެއް ގާއިމުކުރުމަށް ނުކުޅެދިފައިވާތީއެވެ. އެންމެފަހުން، ގައުމުގައި ބައިބައިވުންތަކާއި ހަމަނުޖެހުންތައް އުފެދި ދާޚިލީ ހަނގުރާމައާ ހިސާބަށް ވެސް ކަންތައްތައް ދަނީއެވެ.

މި ދެންނެވި ފަދަ ނިޒާމެއް އުފެއްދުމުގެ ނުކުޅެދުން ގުޅެނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ހަދާސަތުގެ މައްސަލައާއެވެ. ޒިހުނީ ނުވަތަ ބުއްދީގެ (އިންޓަލެކްޓްގެ) ވިސްނާ ފިކުރުކުރުމުގެ މައްސަލައާއެވެ. ހަދާސަތު ގެނުވި ބަދަލުތަކުގެ އަލީގައި މުސްލިމު މުޖުތަމައުތަކުގައި ޒިހުނީ ސަގާފަތެއް އުފެއްދުމާއެވެ. މީލާދީން ސަތާރަ ވަނަ ގަރުނާއި (އިންޑިއާގައި) އަދި އަށާރަވަނަ ގަރުނުގައި (މިސްރުގައި) މިޒަމާނުގެ ހުޅަނގުގެ ޒިހުނީ ސަގާފީ ކުރިއެރުން މުސްލިމުންނަށް ފެނި އެނގުމުން، އިސްލާމީ ސަގާފަތް އަލުން ދިރުވައި، އާ ޒިހުނީ އިސްލާމީ ސަގާފަތެއް އުފެއްދުމުގެ އޮށް، ނަވާރަވަނަ ގަރުނުގައި، މިމައްސަލަ ބަހުސްކޮށް ދިރާސާކުރެއްވި އިލްމުވެރިން އިންދެވިއެވެ. އިންޑިއާގައި މިކަމުގެ ރާއިދަކީ (ޕަޔަރނިޔަރަކީ) ސައްޔިދު އަހުމަދު ޚާނެވެ. މިސުރުގައި މުހައްމަދު އަބްދުހޫއެވެ. ނަމަވެސް، އެންމެ އެދެވޭ ގޮތެއްގައި މިމަސައްކަތް ކުރިއަކަށް ނުދެއެވެ. އެއްކޮޅުން މުސްލިމުންގެ މުޖުތަމައުތަކުގައި އަށަގެންފައި އޮތް، ކޮންމެވެސް ވަރެއްގެ، ޒިހުނީ ކަންނެތްކަމެއް މިކަން ކުރުމަށް ހުރަސް އެޅިއެވެ. އިސްލާމީ ސަގާފަތަކީ މުޅިން ފުރިހަމަވެފައިވާ ސަގާފަތެއްކަމަށް ބެލެވި، އެކަން ކުރިއެރުމުގެ ބޭނުމެއް އޮތްކަމަށް މުސްލިމުންގެ ގިނަ ބަޔަކު ނުދެކެއެވެ. އަދި މީގެ އިތުރުން، އަޚުލާގީ ހަކަތައެއް، ޒިހުނީ ހިތްވަރެއް، ވެސް ނެތުމުންނެވެ. މިކަން ދޭހަކޮށްދޭ ދެމިސާލެއް ލިޔެލާނަމެވެ. އަރަބި ދުނިޔޭގައި އިސްލާމީ ތައުލީމީ ބައެއް މުއައްސަސާތަކުގައި އަޅުގަނޑުމެން ކިޔަވަން އުޅުނު ދުވަސްވަރު، ތަރިކަ މުދާ ބެހުމުގައި ކަސްރު ހިސާބު ބޭނުންކުރުން އެއީ އެކަންކުރަން އޮތް އެންމެ ރަނގަޅު ގޮތް ނޫންކަމަށް އަޅުގަނޑުމެންގެ އުސްތާޒު ވިދާޅުވިއެވެ. އެފަދަ ހިސާބެއްކޮށްލުމަށް ކަސްރު ހިސާބު ފަސޭހަކަމުގައި ވިޔަސް ވެހެވެ. އާދެ، އިސްލާމީ ދީނީ ޒިހުނީ ސަގާފަތް ފުރިހަމަވެފައި އޮތްކަމަށް ބެލެވި، ހިސާބުކުރުމަކީ ވެސް ދީނީ ސޫރީ ކަމެއްގެ ގޮތުގައި ބެލެވި، އެނޫން އެހެން ގޮތެއް ބޭނުންކުރުމަކީ ކަމުދާކަމަކަށް ނުވީއެވެ. ދެވަނަ މިސާލުވެސް ގުޅެނީ އެދުވަސްވަރާއެވެ. މަދްރަސީ މަންހަޖީ ފޮތެއް ބަދަލުވުމުން، މުދައްރިސު ކުރެއްވި ޝަކުވާއަކާއެވެ. މުދައްރިސުގެ ޝަކުވާއަކީ ފޮތް ރަނގަޅުވުން ނުވަތަ ނުރަނގަޅުވުމެއް ނޫނެވެ. އަނެއްކާ އެހެން ފޮތެއް ހިތުދަސްކުރައްވަންޖެހުމެވެ. މި ނަންގަތް ޒިހުނީ ކަންނެތް ކަމުގެ އިތުރުން، މުސްލިމު މުޖުތަމައުތަކުގައި އަށަގަނެ، ހަރުލައިފައިވާ ތަހުފީޒީ (ކޮންސަރވެޓިވް) ބާރުތައް، އަދި މާވަރުގަދަ ގޮތެއްގައި، އިސްލާމީ ދީނީ ސަގާފަތް ދިރުވުމުގެ މަސައްކަތްކުރުމަށް ހުރަސްއެޅިއެވެ. ހުރިހާ ކަމެއް ކުރުމުގައި ވެސް ތަބާވާންޖެހޭނީ ތަގުލީދީ ސޫރަތަކަށްކަން، (ޓުރެޑިޝަނަލް ފޯމްސް)، އެބަހީ، މާޒީގައި ކަންތައްތައް ކުރެވެމުން އައިގޮތްތަކަށްކަން، ގަބޫލުކުރެވިފައި އޮތް ތަހުފީޒީ ބާރެވެ.

މުސްލިމު މުޖުތަމައުތަކުގައި، އާންމުގޮތެއްގައި، ތަގުލީދީ ސޫރަތައް ގުޅެނީ ދީނާއެވެ. އެހެންވެ، ހަދާސަތުގެ މަސައްކަތަކީ މިފަދަ ސޫރަތަކަށް ބަދަލު ގެންނާނޭ ކަމަކަށް ވުމުން، އިހުގައި ހަދާސަތުގެ މައްސަލަތައް ބަހުސްކުރައްވައި އެކަމަށް ހައްލު ހޯއްދަވަން މަސައްކަތް ކުރެއްވި އިލްމުވެރިންގެ އިލްމީ މަސައްކަތާ، އެންމެ ވަރުގަދައަށް، އިދިކޮޅު ހެއްދެވީ ދީނީ އިލްމުވެރިންނެވެ. އިސްލާމީ ޝަރީއަތުގެ ތައުލީމާތުތަކުގައި ހިމެނޭ ސޫރީ ހުރިހާ ކަމަކީ ވެސް ދީނީ ކަންކަމުގައި ބެލެވިގެންނެވެ. ހުރިހާ ކަމެކޭ މި ނަންގަތީ އެތައުލީމާތުތަކުގައި ހިމެނޭ ފަރުދީ ހަޔާތް އިންތިޒާމުކުރުމާއި ބެހޭ އަޅުކަމުގެ ކަންތައްތަކާއި ހަލާލާއި ހަރާމުގެ މައްސަލަތައް ފަދަ 'ދީނީ' ކަންކަމާއި މުޖުތަމައީ ހަޔާތް އިންތިޒާމުކުރާ 'ދުނިޔަވީ' ކަންކަން ވެސް ހިމަނާލައިގެންނެވެ. މި އިޝާރަތްކުރާ ދުނިޔަވީ ކަންކަމަކީ ހަދާސަތުގެ ކުރިން، މުޖުތަމައުގައި ކަންކަން ކުރި ގޮތްތަކާއި ގުޅިފައިވާ ކަންކަމަށް ވިޔަސް ވެހެވެ.

މިކަން ސާފުކޮށްލުމުގެ ގޮތުން، މިސާލެއްގެ ގޮތުގައި، ޒަކާތުގެ މައްސަލައަށް ބަލާލަމާތޯއެވެ. ޒަކާތަކީ ދީނުގެ އެއް ރުކުނެވެ. އަސާސެވެ. ދީނީގޮތުން ވާޖިބުކަމެކެވެ. މިއީ ޚިލާފެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ޒަކާތުގެ 'ސޫރަ' (ފޯމް) ގުޅިފައި އޮތީ ހަދާސަތުގެ ކުރީގައި މުޖުތަމައުގައި ކަންތައްތައްކޮށް އުޅުނު ގޮތްގޮތާއެވެ. އޭރުގެ އިގުތިސާދީ ނިޒާމާއެވެ. އޭރުގައި މީހުން ދިރިއުޅުމަށް މަސައްކަތްކޮށް އުޅުނު ގޮތްތަކާއި އޭރުގެ ފައިސާގެ މާނައާއި އޭރުގެ އާންމު މައީޝަތުގެ ފެންވަރާއެވެ. ނަމަވެސް، މިހާރު މިކަންކަން ބަދަލުވެފައި އޮތަސް، ޒަކާތުގެ ސޫރަ އޮންނަންޖެހޭނީ ހަމަ އިހުގައި އޮތް ގޮތަށްކަމަށް ދެކިލައްވައި، ޒަކާތަށް އެއްވެސް ސޫރީ ބަދަލެއް ނުގެނެވޭނެކަމަށް ދީނީ ގިނަ ބޭކަލުން މިހާރުވެސް ކަނޑުއަޅުއްވައި ނިންމަވައެވެ. މިކަމުގެ ނަތީޖާއަކީ ދައުލަތުގެ ބާރުގެ ދަށުން ޒަކާތުގެ ކަންތައް ހިންގާލުން ބޭރުކުރެވި، އެކަމަކީ އަމިއްލަ ޝަޚުސީ ކަމަކަށް ވުމެވެ. ޒަކާތް ދިނުމާއި ނުދިނުން އެއީ ފަރުދީ ޒަމީރާ ގުޅޭކަމަކަށްވެ، ޒަކާތް ދޭން ބޭނުންވާ މީހަކު ޒަކާތް ދީ، އަދި އެމީހަކު ބޭނުން މީހަކަށް ނުވަތަ ބަޔަކަށް ޒަކާތުގެ ފައިސާ ބަހާލުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ބެލެވުމެވެ. އާދެ، މުސްލިމު މުޖުތަމައުތަކުގައި ފަގީރުކަމާއި މުހުތާދުކަން ނައްތާލުމަށްޓަކައި އުފެދިފައިވާ އެންމެ ވަރުގަދަ މުއައްސަސާއަކީ އެލަނޑުދަނޑި ހާސިލުކުރުމަށް ނުކުޅެދިފައިވާ ކަމަކަށް ވެގެންދިޔައީއެވެ! މިހެން ވުމުން، މުސްލިމުން ދެ ވާރެއް ނުވަތަ ޓެކުހެއް ދައްކަން ޖެހުނެވެ. ދީނީ ގޮތުން ދައްކަން ޖެހޭ ޒަކާތާއި އަދި ދުނިޔަވީ ޓެކުސްތަކެވެ. ސަބަބަކީ ސަރުކާރެއް ހިންގައި އާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާނޭ ފައިސާ ހޯދައިދެވޭނޭ ފަދަ މުއައްސަސާއެއްގެ ގޮތުގައި ޒަކާތް ތަރައްގީ ނުކުރެވި އޮތުމެވެ. އަދި އެހެންވެ، ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ޓެކުސްތައް ނަގަންޖެހޭތީއެވެ. އާދެ! ވިސްނާ ފިކުރުކުރުމުގެ ޒިހުނީ ސަގާފަތެއް ނެތުމުގެ ހިތި ނަތީޖާއެވެ. އެންމެ ހެއްވާ ކަމަކީ، ހުޅަނގުގެ ޓެކުހުގެ ނިޒާމު ތަރައްގީ ކުރެވެމުން ދިޔައިރު، އިސްލާމީ ޒަކާތާއި ބެހޭ އިހުގެ މުހިއްމު ފޮތްތައް ހުޅަނގުގެ ބަސްތަކަށް ތަރުޖަމާކުރެވި، އެ ފޮތްތަކުން އެމީހުންގެ ޓެކުހާއި ދައުލަތް ހިންގުމަށް ބޭނުންވާ އާންމު މާލިއްޔަތުގެ (ޕަބްލިކް ފިނޭންސްގެ) ނިޒާމު ތަރައްގީކުރުމަށް އެހީ ހޯދިކަމެވެ. އެފަދަ ގޮތަކަށް ކަންތައްކުރުމުގެ ބޭނުމެއް އޮތްކަމަށް މުސްލިމުންގެ ދީނީ ގިނަ އިލްމުވެރިން އަދި މިހާތަނަށް ވެސް ދެކިއެއް ނުލައްވައެވެ. އާޚިރު ނަތީޖާއަކީތޯއެވެ؟ އިހުގައި މުސްލިމުންނަށް އެމީހުންގެ ދީން ވެފައިއޮތީ އިލްމީ ގޮތުން ކުރިއެރުމަށާއި ހަޟާރީ މަސައްކަތް ކުރުމަށް ބާރު އަޅައިދިން ކަމެއްގެ ގޮތުގައެވެ. އިސްލާމީ ހަޟާރަތް 'އިސްލާމީ'ވީ މިހެންވެއެވެ. ދީނަކީ ސިކުނޑިތައް ހުޅުވާލަދިން ބާރަކަށްވެ، އިލްމީ މަސައްކަތްކުރުމަށް ހިތްވަރުދިންކަމަކަށްވީމައެވެ. މިއަދު ކަން އޮތީ މިއާ ދިމާ އިދިކޮޅަށެވެ. މިއަދުގެ ދީނީ ވިސްނުން އޮތީ މިފަދަ މަސައްކަތްތަކަށް، އެނގިގެން ނަމަވެސް ނުވަތަ ނޭނގިނަމަވެސް، ހުރަސްއަޅާ ކަމެއްގެ ގޮތުގައެވެ. ކިރިޔާވެސް ތަފާތު ޚިޔާލެއް ފާޅުކުރެވޭ އިރަށް، އެފަދަ ޚިޔާލެއް ފާޅުކުރާ މީހަކީ ކާފަރެކޭ، މުރުތައްދުވެފައި ހުރި މީހެކޭ، ތަނެއް ދޮރެއް ނުދަންނަ ޖާހިލެކޭ، ކިޔައި އަޑުގަދަކޮށް، އިލްމީ މަސައްކަތްތައް ކުރުމަށް ހުރަސް އެޅެއެވެ. އިލްމީ ސިފައެއްގައި އެ ފަދަ ފިކުރީ މަސައްކަތްތައް ދިރާސާކޮށް އެކަންކަން ބަހުސްކުރުމެއް ނެތިއެވެ. މިވެނި މީހަކީ 'ކާފަރެކޭ' އެކަކު ގޮވާލާއިރަށް، ހަގީގަތް ހޯދަން ނޫޅެ، އެހެން އެންމެންވެސް އެއް އަޑަކުން 'ކާފަރެކޭ' ކާފަރެކޭ' ގޮވާ އަޑުގަދަކުރަން ފެށެއެވެ. އެހެންވެ، އިސްލާމީ ދީނީ ސަގާފަތް އަލުން ދިރުވަން ބޭނުންވާ އިސްލާމީ ޒިހުނީ މަސައްކަތްތައް މުސްލިމު މުޖުތަމާތަކުގައި ކުރުންވަނީ ދަތި އުނދަގޫ ކަމަކަށެވެ. ބައެއްފަހަރު ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަކަށެވެ.

ވޭތުވެދިޔަ ފަނަރަވަރަކަށް އަހަރުދުވަހުގެ ތެރޭގައި ޝާއިއުކުރެވުނު ލާއިލާހިއްޔަތުގެ ފިކުރުގެ އެންމެ މުހިއްމު ފޮތްތަކުގެ ތެރޭގައި ހިމެނޭ ހަތަރު ފޮތް. މީގެ ތެރެއަށް ސްޓެފަން ހޯކިންގެ 'ދަ ގްރޭންޑް ޑިސައިން' އިތުރުކޮށްލެވިދާނެއެވެ.

އިންސާނުން ކަންތައްތައް ކުރަމުން އައި ގޮތްތަކަށް ގެނުވި ބަދަލުގެ އިތުރުން، ވިސްނާ ފިކުރުކުރުމަށް ވެސް ހަދާސަތުގެ ބާރުތައް ބަދަލުގެނުވިއެވެ. މިބަދަލު ގުޅެނީ ތަންވީރީ ފިކުރުގެ އަލީގައި، އާދެ، ހަމައެކަނި އިންސާނީ ބުއްދީގެ ބޭނުންކޮށް، ކަންކަމުގެ މައްޗަށް ވިސްނާ ފިކުރުކުރުމުގެ ނަޒަރު ހިންގައި، ކަންކަމުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ފެށުމާއެވެ. ކައުނާއި ކާއިނާތުގެ ހަގީގަތް ދެނެގަތުމާއި ތަބީއީ މަޒާހިރުތައް (ނެޗުރަލް ފެނޯމެނާ) ހިނގަނީ ކިހިނެއްކަން އޮޅުންފިލުވައި ދިނުން މި ވިސްނުމުގެ އަމާޒުފަތްގަނޑަކަށްވިއެވެ. އަދި މީގެ އިތުރުން ހަޔާތަކީ ކޮބައިތޯއާއި އިންސާނުން ވުޖޫދަށް އައީ ކިހިނެއްތޯއާއި ކަލަކު ވޮޑިގެންވޭތޯއާއި ހަޔާތުގެ އެއްވެސް މަގުސަދެއްވޭތޯއާ ފަދަ އިންސާނާއާ ކުރިމަތި ކުރުވާ މުހިއްމު ހަޔާތާ ބެހޭ ސުއާލުތަކަށް ވެސް، ހަމަ އެކަނި އިންސާނީ ބުއްދި ބޭނުންކޮށްގެން، ޖަވާބު ހޯދުމުގެ މަސައްކަތް ވެސް ފެށުނެވެ. އާދެ، ތަންވީރީ ފިކުރުގެ އަލީގައި ހަޔާތުގެ ސިއްރަކީ ކޮބައިކަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ.

މި މަސައްކަތުގެ ނަތީޖާއަކަށްވީ، މީގެ ކުރިން ދުނިޔެ ދެކިފައި ނުވާ ފަދަ ބޮޑު އިލްމީ ކުރިއެރުމެއް ދުނިޔެއަށް އައުމެވެ. ހަގީގަތަކީ އިލްމުގެ އަލީގައި، އާދެ، ސައިންސުގެ އަލީގައި ކަނޑައަޅާލެވޭ އެއްޗެއްކަމުގައި ބެލެވުމެވެ. މިކަމުގެ ނަތީޖާއަކަށްވީ ދީނީ އިއުތިގާދުތަކުގެ ސައްހަކަމާއި މެދު، ބައެއް އިލްމުވެރިންނާއި ބާހިސުން، މުފައްކިރުންނާއި ފަލްސަފާވެރިން، ސުއާލުކުރަން ފެށުމެވެ. ކަލަކު ވޮޑިގެންވުން ފަދަ ދީނީ އަސްލު އުސޫލުތަކަކީ ބާތިލު ކަންކަމުގައި ވެސް މިފަދަ ބައެއް މުފައްކިރުން ކަނޑައަޅުއްވައި ނިންމެވިއެވެ. އެ ފަދަ މުފައްކިރުން ދެކިލައްވާ ގޮތުގައި މި ނިންމުމަކީ ސައިންސާއި އިލްމީ ހޯދުންތަކުގެ އަލީގައި ނިންމާ ނިންމުމެކެވެ.

މިސަބަބަށްޓަކައި، ސިނާއީ އިންގިލާބާ ތަންވީރީ ފިކުރުގެ ވިސްނުން ދުނިޔެއަށް ގެނައި ބަދަލުތަކާ މުސްލިމުން ކުރިމަތިލާން ޖެހެއެވެ. އާދެ، ހަދާސަތު ގެނުވި ބޮޑު އިލްމީ އަދި އަމަލީ އިންގިލާބާ ކުރިމަތިލައި މިކަމަށް އިސްލާމީ ޖަވާބެއް މުސްލިމުން ދޭންޖެހެއެވެ. އިސްލާމީ ފިގުހުގެ އިލްމާއި އިސްލާމީ އުލޫހިއްޔާތުގެ އިލްމު މުރާޖައާކޮށް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތާއި މުސްލިމުން ކުރިމަތިލާން ޖެހެއެވެ. މިކަން ކުރާނޭ ބަޔަކު އުފެއްދުމަކީ އިސްލާމީ މަތީ ތައުލީމުދޭ މުއައްސަސާތަކުގެ މުހިއްމު އަމާޒުފަތްގަނޑެއްކަމުގައި ވާންޖެހެއެވެ. މުސްލިމުގެ ގައުމުތަކުގައި، މަޑުމަޑުން ނަމަވެސް، ހަމަ އެއްވެސް ޝައްކެއް ނެތްގޮތުގައި، ފެތެރުމުންދާ ދީނާ އިދިކޮޅު އޮއިވަރުގެ ވިސްނުމާ އިލްމީ ޒިހުނީ ގޮތުން މުޚާތަބުކުރުމަށްޓަކައެވެ. އަދި މުސްލިމުންގެ މެދުގައި ވެރިވެފައި އޮތް ސިޔާސީ އިޖުތިމާއީ ހަމަނުޖެހުމަށް ރަނގަޅު ހައްލެއް ހޯދުމުގެ ގޮތުންވެސް މެއެވެ.

މި ލިޔުމުގައި އަޅުގަނޑު ހުށަހަޅާލަން ގަސްދުކުރާ ވާހަކަތައް ގުޅެނީ ސައިންސާއި ދީނާއި ދެމެދުގެ ގުޅުމާއިއެވެ. މިވާހަކަތަކަކީ، ކުރިންވެސް ނަންގަތް ފަދައިން، އޮކްސްފޯރޑު ޔުނިވަރސިޓީގެ މެތަމެޓިކްސް ޕްރޮފެސަރެއް ކަމުގައިވާ ޕރ. ޖޯން ލެނޮކްސްގެ ތަގުރީރެއްގެ ތަރުޖަމާގެ ޚުލާސާއެކެވެ. ދިވެހި ތަރުޖަމާއަކާއިއެކު ހުށަހަޅާލެވޭ މި ތަގުރީރުގެ ވީޑިއޯ ފަހުމުކޮށްގަތުމަށް އެހީތެރިވުމުގެ ގޮތުން ހުށަހަޅާލެވޭ ވާހަކަކޮޅެކެވެ.

މިވާހަކަކޮޅުގެ ޖުމްހޫރު: މި ވާހަކަތައް އަމާޒުކުރެވެނީ ދީން ގަބޫލު ކުރާ މީހުންނާއެވެ. މުއުމިނުންނާއެވެ. ކަލަކުވޮޑިގެންވާކަމާއި އަދި ދުނިޔަވީ ހަޔާތަކީ ހަމައެކަނި އުޅެންއޮތް ހަޔާތް ނޫންކަމާ، ދުނިޔަވީ ހަޔާތަށްފަހު އުޚުރަވީ ހަޔާތެއް އޮތްކަން ގަބޫލުކުރާ މީހުންނާއެވެ. މިވާހަކަކޮޅު، މުއުމިނުންނާ މުޚާތަބުކޮށް، އެމީހުންނަށް އަމާޒުކުރެވެނީ، ސައިންސުގެ ހޯދުންތަކުގެ އަލީގައި ދެއްކޭ ލާއިލާހީ ފިކުރުގެ ވާހަކަތަކަކީ، ދީނީ އަސާސީ އިއުތިގާދުތައް ބާތިލުކުރާ ވާހަކަތަކެއް ނޫންކަން އެނގިގަނެ، އީމާންކަން އިތުރަށް ވަރުގަދަކޮށް، އެމީހުންގެ ރޫހާނިއްޔަތު ތަރައްގީވެ ކުރިއަރައރާ ހުރުމުގެ އެދުން އޮންނާނީ ވެސް ދީން ގަބޫލުކުރާ މުއުމިނުންގެ ކިބައިގައި ކަމުގައި ދެކޭތީއެވެ.

ލާއިލާހިއްޔަތުގެ ފިކުރަށް ރައްދުދީ ލިޔެވިފައިވާ މުހިއްމު ބައެއް ފޮތްތައް

ދީން ގަބޫލުކުރާ މީހުންނާއި ދީން ގަބޫލުނުކުރާ މީހުން ހުރިހާ ޒަމާނެއްގައި ވެސް އުޅެއެވެ. އިހުގައްޔާއި އަދި މިހާރު ވެސް މެއެވެ. ނަމަވެސް، މިއަދުގެ ލާއިލާހިއްޔަތުގެ (އެތީސަމްގެ) ވާހަކަތައް އިހުނާއި ތަފާތެވެ. އިހުގެ ލާއިލާހީން (އެތީސްޓުން) އެމީހުން ދެކޭ ގޮތް ގަބޫލުކޮށްގެން އުޅެވެން އޮތުމުން، އިލާހީންނާއި (ތީސްޓުން) އެކުގައި އެއް މުޖުތަމާއެއްގައި އުޅުމަކީ މައްސަލައަކަށް ނުވެއެވެ. ނަމަވެސް މިއީ މިއަދުގެ ލާއިލާހީންނަށް ކަމުދާ ގޮތަކަށް ނުވެއެވެ. މިއަދުގެ ލާއިލާހީން ބޭނުންވަނީ އިލާހިއްޔަތު (ތީސަމް) ވުޖޫދުން ފޮހެލުމަށެވެ. މިގޮތުން ތަފާތު ފޮތްތައް ލިޔެވި ދީނަކީ އަދި ދީނީ ގަބޫލުކުރުންތަކަކީ ބާތިލު ކަންތައްތަކެއްކަމުގައި ދައްކަން ގަދައަޅާ މަސައްކަތްކޮށް އެމީހުންގެ ފިކުރު ބަލައިގަނެ ގަބޫލުކުރުމަށް އަސްކަރީ (މިލިޓަންޓް) ސިފައެއްގައި ގޮވާލައެވެ. ރިޗަރޑް ޑޯކިންސްގެ 'ގޯޑް ޑެލޫޝަން (އިލާހަކު ވޮޑިގެންވާ ކަމުގެ ވަހުމު)، ޑެނިއަލް ޑެނެޓްގެ 'ބްރޭކިން ދަ ސްޕެލް ("ދީނުގެ ޖާދުލުގެ" ސިހުރު ނެތިކޮށްލުން)، ކްރިސްޓޮފަރ ހިޗިންސްގެ 'ގޯޑް އިޒް ނޮޓް ގްރޭޓް' (ކަލާނގެ މަތިވެރިވެގެން ނުވެއެވެ)، އަދި ސޭމް ހެރިސްގެ 'ދަ އެންޑް އޮފް ފެއިތު' (ދީނުގެ ނިމުން) މި ފޮތްފޮތުން މިކަން ސާފުކޮށް ފެނި އެނގިގެން ދެއެވެ. މި ހަތަރު ފޮތަކީ ދެންމެ މިނަންގަތް އަމާޒަށް ވާސިލުވުމަށްޓަކައި ވޭތުވެ ދިޔަ ފަނަރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ލިޔެވިފައިވާ ލާއިލާހީ ފިކުރުގެ އެންމެ މުހިއްމު ފޮތްތައްކަމުގައި ބެލެވޭ ހަތަރު ފޮތެވެ. އާދެ، މިޒަމާނުގެ ލާއިލާހިއްޔަތުގެ ހަތަރު އަސްވާރުންގެ ފޮތްތަކެވެ. ލާއިލާހިއްޔަތުގެ އަދުގެ އިންޖީލުތަކެވެ.

މިލިޔުންތަކަށް ރައްދުދީ ތަފާތު ލިޔުންތައް ދަނީ ލިޔެވެމުންނެވެ. މިގޮތުން ގިނައިން ފެންނަނީ ނަސޯރާ ދީނުގެ އިލްމުވެރިންގެ ލިޔުންތަކެވެ. ޕރ. ލެނޮކްސް، ތިރީގައި ނަންގަނެވިފައިވާ އޭނާގެ ލިޔުންތަކުގައި، ލާއިލާހިއްޔަތުގެ ވާހަކަތަކަށް ރައްދުދެއްވައެވެ. އަދި އޭނާގެ އިތުރުން، ޕރ. އެލިސްޓަރ މެކްގްރާތު، އެންޑްރޫ ވިލްސަން އަދި ކީތު ވޯރޑް ވެސް ޕރ. ޑޯކިންސަށް ރައްދުދެއްވާފައިވެއެވެ. އަދި، ޕރ. ލެނޮކްސްއާއި ވުލްފްގޭންގް ސްމިތު ޕރ. ސްޓިވަން ހޯކިންއަށް ރައްދުދެއްވާފައިވެއެވެ.

ލާއިލާހިއްޔަތުގެ ފިކުރަށް ރައްދުދީ މުސްލިމުން ލިޔުނު ބައެއް ފޮތް

ދީނާ އިދިކޮޅު މައްސަލައާ ކުރިމަތިލާން ގަސްދުކުރާ ނަމަ، މި މައްސަލައިގެ އިލްމީ އަސާސަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. މިކަމާ ބެހޭ ލިޔުންތައް ބަލާލަންޖެހެއެވެ. ކަމެއްގެ ވަރުގަދަކަމާ ނިކަމެތިކަން، ހަރުދަނާކަމާ ހޮއިކަން، އެނގެނީ އެކަން ބިނާވެފައި އޮތް އިލްމީ ފަލްސަފީ ބިންގަލަކީ ކޮބައިކަން ދެނެގަނެވިގެންނެވެ. ހިތްތަކުގައި ދީނީ ޣީރަތްތެރިކަން އޮތް މީހުންނަށް މިލިޔުން މުޚާތަބުކުރެވެނީ މިއަސާސު ހޯދައި ދެނެގަތުމުގެ އެމީހުންގެ ހިތްތަކުގައި އިތުރަށް އުފެއްދުމުގެ ބޭނުމުގައެވެ. ލާއިލާހިއްޔަތުގެ ފިކުރު ފަތުރަން ވަރުގަދަ ޒިހުނީ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ދީނީ މީހުން ވެސް، ހަމަ އެފަދަ ޒިހުނީ މަސައްކަތްތަކެއް ކުރަންޖެހޭނޭ ކަމަށް ގަބޫލުކުރެވޭތީއެވެ. މިއީ އިހުގައި ވެސް މުސްލިމުން ކަންތައްކުރި ގޮތެވެ. ޣަޒާލީގެ 'އަލްމުންގިޛު'ންނާއި އަދި އޭނާގެ 'ތަހާފުތު' މިފޮތްތަކުން މިކަން ފެނިގެންދެއެވެ. އަދި މިހާރު ވެސް، މިމަސައްކަތް މުސްލިމުންވެސް ކޮންމެވެސް ވަރަކަށް ކުރަމުން އެބަގެންދެއެވެ. ނަމަވެސް، ގިނައިން ފެންނަނީ މުސްލިމު ގައުމުތަކުން ބޭރުގައި މި މަސައްކަތް ކުރެވޭތަނެވެ. މިޒަމާނުގެ މުސްލިމުންގެ މިފަދަ މަސައްކަތްތަކުގެ ތެރޭގައި އިންޑިޔާގެ އިލްމުވެރިއެއްކަމަށްވާ މައުލާނާ ވަހީދުއްދީނު ޚާނުގެ 'އިލްމޭ ޖަދީދުކާ ޗެލެންޖު'އާއި ('އާ އިލްމުގެ "ސައިންސުގެ އާ ހޯދުންތަކުގެ" ޗެލެންޖާއި "ކުރިމަތިލުން"، މިފޮތުގެ އިނގިރޭސި ތަރުޖަމާއަށް ދެވިފައިވާ ނަމަކީ 'ގޯޑް އެރައިސަސް' މިއެވެ،) އޭނާގެ 'އިން ސާރޗް އޮފް ގޯޑް' (މާތް ރަސްކަލާނގެ ވޮޑިގެންވާކަން ހޯދައި، ދެނެގަތުމުގެ މަގުގައި') ހިމެނެއެވެ. އަދި އިނގިރޭސިވިލާތުގެ މުސްލިމު ބާހިސެއްކަމުގައިވާ ހަމްޒާ ޓްޒޯޓްޒިސްގެ 'ދަ ޑިވައިން ރިއާލިޓީ' (އިލާހީ ހަގީގަތް) މިފޮތާއި އެމެރިކާގެ މުސްލިމު ބާހިސެއްކަމުގައިވާ އަލީ އަތޯއީ ގެ 'ޑަޒް ގޯޑް އެކްޒިސްޓް' ފަދަ މުހާޟަރާތްތައް މިފަދަ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. (މީގެ ތެރެއިން ޣަޒާލީގެ މުންގިޛާއި ވަހީދުއްދީނު ޚާންގެ 'އިން ސާރޗް އޮފް ގޯޑް؟' މިދެފޮތް ވަނީ ޑރ. ހަސަން ހަމީދު ދިވެހި ބަހަށް ތަރުޖަމާކުރައްވައި އޭނާގެ ވެބްސައިޓުގައި ޝާއިއުކުރައްވާފައެވެ. ކިޔާލަން ބޭނުން ކޮންމެ މީހަކަށް ކިޔާލުމުގެ ފުރުސަތު އެބައޮތެވެ.)

ކޮންމެއަކަސް، އިލްމާއި ސައިންސަށް ހަވާލާދީ، ދީނާ އިދިކޮޅަށް ލިޔެވޭ ވާހަކަތައް ދެނެގަތުމަކީ ކޮންމެހެންވެސް ކުރަންވެއްޖެ ކަމެކެވެ. މިކަމާ ބެހޭ ލިޔުންތައް ހޯދައި، ކިޔައި ފަހުމުކޮށް، އެ ލިޔުންތަކާމެދު ތަންގީދީ ނަޒަރުން ބަލައި، މިފަދަ ލިޔުންތަކުގައި ދީނީ އިއުތިގާދުތައް ބާތިލުކުރާފަދަ އެއްވެސް ހުއްޖަތެއް، އިލްމީ ހެއްކެއް ނެތްކަން ދެނެގަތުމަށްޓަކައެވެ. މިފަދަ ހުރިހާ ވާހަކަތަކެއް އާޚިރުގައި ގޮސް ގުޅެނީ ކައުނާއި ކާއިނާތުތައް ވުޖޫދަށް އައީ ކޮންކަހަލަ އަމަލިއްޔާތުތަކެއް މެދުވެރިވެގެންކަމާ ތަބީއީ މަޒާހިރުތަކުގެ ހަގީގަތް ގުޅެނީ ކަނޑައެޅިފައިވާ ވަކިކަހަލަ ގާނޫތަކަކާއި ކަމެވެ. ނަމަވެސް މިއަމަލިއްޔާތުތަކާއި މިގާނޫނުތައް ވުޖޫދަށްއައީ ކިހިނެއް ކަމެއް ސައިންސަކަށް ބުނެދެވިފައި ނުވެއެވެ. އަދި، ޕރ. ލެނޮކްސް ވިދާޅުވަނީ މިކަމެއް ސައިންސަކަށް ކޮށެއް ނުދެވޭނޭ ކަމެވެ.

ދީނީ ނަޒަރަކުން ސައިންސުގެ މިފަދަ ހޯދުންތަކަށް ބަލާލާއިރު، ހިތަށް އަންނަނީ، މާތްﷲ އެއްޗެއް ޚަލްގުކުރައްވައި އުފައްދަވަން އިރާދަކުރައްވައިފިނަމަ އެކަން ކުރައްވާ ގޮތުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައިވާ އާޔަތެވެ. އާދެ، إنما أمره إذا أراد شيئا أن يقول له كن فيكون (ކަމެއް ވުމަށް އެކަލާނގެ އިރާދަކުރައްވައިފި ނަމަ، ކަންކުރައްވާ ގޮތަކީ އެކަން 'ވާށޭ' ވަހީކުރެއްވުމެވެ. ދެން އެކަމެއް ވެދެއެވެ. "ޔާސީން ސޫރަތުގެ 82ވަނަ އާޔަތް") އާދެ، ވަކި ހަމަތަކަކާއި ގާނޫނުތަކެއް ކަނޑައަޅުއްވައި، ލައްވަވައި، އެހަމަތަކާއި ގާނޫނުތަކުގެ މަތިން ކަންތައްތައް ވުމަށް އަމުރުކުރައްވަނީއެވެ. އެހެންވެ، ކަންކަން އޮޅުންފިލުވައިދިނުމުގައި އިންސާނީ ވިސްނުމާއި ފިކުރު ގެންގޮސްދޭ އެންމެ ފަހުގެ މަންޒިލަކަށްވަނީ ކަންކަން ހިނގާ ގޮތުގެ އަމަލިއްޔާތުތަކާއި އެކަމާ ގުޅޭ ހަމަތަކާއި ގާނޫނުތައް ދެނެގަނެވުމެވެ. މިއެނގުން، ފަހަރެއްގައިވެސް، މިފަދަ އަމަލިއްޔާތުތަކާއި ހަމަތަކާއި ގާނޫނުތައް އެންމެ ފުރަތަމައިން ކަނޑައަޅުއްވައި ލެއްވެވި ފަރާތެއްވާކަން އިންކާރުކުރުން ލާޒިމެއް ނުކުރެއެވެ. އަދި ކިއެއްތަ، މިއެނގޭ އެނގުން ލާޒިމުކުރަނީ އެކަންކަން ކަނޑައަޅުއްވައި ލެއްވެވި ފަރާތެއް ވާކަމެވެ. އާދެ، ސައިންސުގެ ހޯދުންތައް ގޮވާލަނީ މާތްﷲ ވޮޑިގެންވާކަން ގަބޫލުކުރުމަށެވެ. އެހެންވެ، މިވާހަކަތަކުގެ ތެރެއަށް ވަދެ، މިކަންކަން ބެލުމުގެ ބޭނުމަކީ ކޮންމެ މީހަކުވެސް އަމިއްލައަށް މިކަމުގެ ހަގީގަތް ހޯދައި ދެނެގަތުމެވެ. ހަދާސަތު ކުރިމަތިކުރުވާ ގޮންޖެހުމާއި ކުރިމަތިލައި، އިސްލާމީ އާ ޒިހުނީ ސަގާފަތެއް ބިނާކުރުމަށްޓަކައެވެ. މިސަބަބަށްޓަކައި މި ވާހަކަތަކުގެ ޖުމްހޫރަކީ، މިވާހަކަތައް އަމާޒުކުރެވޭ ބަޔަކީ، ދީން ގަބޫލުކުރާ ދީނަށް ލޯބިކުރާ، މީހުންނެވެ.

ބައެއް މަފްހޫމުތަކުގެ މާނައާއި މެދު: ދެން ބައެއް މަފްހޫމުތަކުގެ ދިވެހި ތަރުޖަމާގެ މައްޗަށް އެއްޗެއް ބުނެލަން ގަސްދުކުރަމެވެ. އެންމެ ފުރަތަމަ ތީސްޓާއި އެތީސްޓުގެ މަފްހޫމުގެ ދިވެހި ތަރުޖަމާގެ ގޮތުން ބޭނުންކުރެވިފައިވާ ދެ ލަފުޒާމެދުގައެވެ. 'ތީސްޓު'، 'ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާ މީހާ'، މި ލަފްޒުގެ އަސްލަކީ ގުރީކުގެ 'ތިއޯސް' މިއެވެ. މާނައަކީ 'އިލާހު' އެވެ. ދެން 'އިސްޓު' އިތުރު ކުރެވިފައިވަނީ އެކަން ގަބޫލުކުރުމަށް ނިސްބަތްކޮށެވެ. އެހެންވެ، އެ ލަފްޒުގެ މާނައަކީ 'ކަލަކު ވޮޑިގެންވާކަން ގަބޫލު ކުރާ މީހާ'އެވެ. ތީސްޓުގެ ދިވެހި ތަރުޖަމާއަކަށް އަޅުގަނޑު އިޚްތިޔާރުކުރީ 'އިލާހީއެއް' މި ލަފުޒެވެ. އާދެ، އިލާހަކު ވޮޑިގެންވާކަން ގަބޫލު ކުރާމީހާއެވެ. އެހެންވެ، 'ތީއިސްމް'ގެ ދިވެހި ތަރުޖަމާއަކަށް އިޚުތިޔާރުކުރީ 'އިލާހިއްޔަތު' މި ލަފުޒެވެ. މި މަފްހޫމުގެ އިދިކޮޅު 'އެތީސްޓު' އުފެދިފައިވަނީ ތީސްޓު، މި ލަފުޒުގެ ކުރިއަށް 'އެ' އިތުރުކުރެވިގެންނެވެ. 'އެ'ގެ މާނައަކީ 'ނުލައި' މިއެވެ. އެހެންވީމާ އެތީސްޓަކީ ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރާ މީހާއެވެ. މި ލަފުޒުގެ ދިވެހި ލަފްޒަކަށް އަޅުގަނޑު އިޚުތިޔާރުކުރީ 'ލާއިލާހީއެއް' މި ލަފުޒެވެ. 'އެތީއިސިމް'ގެ ދިވެހި ލަފުޒަކަށް އަޅުގަނޑު އިޚުތިޔާރުކުރީ 'ލާއިލާހިއްޔަތު' މި ލަފުޒެވެ.

ދެން އޮތް ލަފުޒަކީ 'ވާރލްޑްވިއު' މި ލަފުޒެވެ. މި ލަފުޒުގެ ދިވެހި ތަރުޖަމާއަކަށް އަޅުގަޑު އިޚުތިޔާރުކުރީ 'ދުނިޔަވީނަޒަރު' މިއެވެ. މީގެ މާނައަކީ ދުނިޔެއާ ދޭތެރޭ ޖުމްލަގޮތެއްގައި މީހަކު ދެކޭ ގޮތެވެ. ބައެއް މީހުން ދެކޭ ގޮތުގައި ހަމައެކަނި ހަގީގަތަކީ ކައުނާއި ކައުނުގައިވާ އެއްޗެކެވެ. އިންސާނާ ދިރިއުޅެން އޮތް ހަމައެކަނި ހަޔާތަކީ ދުނިޔަވީ ހަޔާތްކަމެވެ. މިއީ އެމީހުންގެ 'ޥާރލްޑްވިޔު'އެވެ. އެމީހުންގެ ދުނިޔަވީނަޒަރެވެ. އަނެއްބަޔަކު ދެކެނީ ހަގީގަތަކީ ހަމައެކަނި ކައުނާއި ކައުނުގައިވާ އެއްޗެއް ނޫންކަމެވެ. މީގެ އިތުރުން މިއެއްޗެހި އުފެއްދެވި ފަރާތެއް ވެސް ވާކަމީ އެމީހުން ދެކޭ ގޮތުގައި ހަގީގަތެކެވެ. އަދި ދުނިޔަވީ ހަޔާތަށް ފަހު އެހެން ހަޔާތެއް، އާދެ، އުޚުރަވީ ހަޔާތެއް، އޮތްކަމީ ވެސް އެމީހުން ދެކޭ ގޮތުގައި ހަގީގަތެކެވެ. މިއީ މިފަދަ މީހުންގެ 'ވާރލްޑްވިޔު'އެވެ. އެމީހުންގެ ދުނިޔަވީނަޒަރެވެ. ކޮންމެ ބައެއްގެ ވެސް ބަހާއި އަމަލުތައް ގުޅެނީ އެބަޔެއްގެ ދުނިޔަވީނަޒަރާއެވެ. ދުނިޔެއާ ދޭތެރޭ އެބަޔަކު ދެކޭ ގޮތާއެވެ.

ދެން އޮތީ ކަންކަން އޮޅުންފިލުވައިދިނުމުގައި ބޭނުންކުރެވޭ ދެގޮތެއްގެ ވާހަކައެވެ. އެއްގޮތަކީ 'ބޮޓަމް އަޕް އެކްސްޕްލެނޭޝަން' – ތިރިން މައްޗަށް އޮޅުންފިލުވައިދޭ ދިނުމެވެ. ހުރިހާ އެއްޗިއްސަށާއި ކަންކަމަށް ވަކިވަކިން ބަލައި އެއެއްޗެހީގެ ހަގީގަތާއި އެކަންކަން ހިނގާގޮތް އޮޅުންފިލުވައިދިނުމެވެ. ދެން އޮތީ 'ޓޮޕް ޑައުން އެކްސްޕްލެނޭޝަންއެވެ. ވަކިވަކިން އެއްޗިއްސަށާއި ކަންކަމަށް ބަލައި އޮޅުންފިލުވައިދިނުމުން އިސްތިންބާތުކުރެވޭ (އިންފަރ ކުރެވޭ) ކުރުމަކީ ކޮބައިތޯ ބަލައި މިކަމުގެ އަލީގައި ޖުމްލަގޮތެއްގައި ހުރިހާ އެއްޗަކަށް ބަލާލައި އޮޅުންފިލުވައިދޭ ދިނުމެވެ. ތަގުރީރުގެ ޚުލާސާ ގެނެވޭއިރު، މި އޮޅުންފިލުވައިދިނުމުގެ ވާހަކައިގެ ސިޔާގުގެ ތެރޭގައި މިދެ ބާވަތުގެ އޮޅުންފިލުވައި ދިނުން އިތުރަށް ސާފުކޮށްދިނުމުގެ ފުރުސަތުލިބޭނެއެވެ. އެހެންވެ، އެތަނުގައި މިކަމާ ބެހޭ އިތުރު ވާހަކަކޮޅެއް ގެނެވޭނެއެވެ.

މުގައްރިރުގެ ތައާރުފެއް: ދެން އަޅުގަނޑު ހުށަހަޅާލަން ގަސްދުކުރާ ތަގުރީރުގެ މުސައްނިފު ޕރ. ޖޯން ލެނޮކްސްގެ ކުރު ތައާރުފެއް ލިޔެލާނަމެވެ.

ޕރ. ލެނޮކްސް އަކީ ކެމްބުރިޖު ޔުނިވަސިޓީގެ ހިސާބު އިލްމުގެ ޕުރޮފެސަރެކެވެ. އަދި ސައިންސާއި ދީނުގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާ މަސީހީ ދީނުގެ އިލާހީއެކެވެ.
ޕ. ލެނޮކްސް އުފަންވެވަޑައިގަތީ 1947ވަނަ އަހަރު އަޔަރލަންޑުގައެވެ. އަދި އަޔަރލަންޑުގައި މަދްރަސީ ތައުލީމީ ހަޔާތް ނިންމެވުމަށްފަހު، ޖާމިއީ ތައުލީމުގެ މަރުހަލާތައް ފުރިހަމަ ކުރެއްވީ އިނގިރޭސިވިލާތުގެ އެކިއެކި ޔުނިވަރސިޓީތަކުގައެވެ. ކެމްބުރިޖު ޔުނިވަރސިޓީއާއި ކާރޑިފް ޔުނިވަރސިޓީއާއި އޮކްސްފޯރޑް ޔުނިވަރސިޓީ އާއި ސަރޭ ޔުނިވަރސިޓީގައެވެ. ތައުލީމީ މި މުއައްސަސާތަކުން އިލްމީ ފާސްތައް ހާސިލުކުރެއްވިއެވެ. މާސްޓާރސްގެ ދެ ޑިގުރީއަކާއި ޕީ.އެޗް.ޑީގެ ތިން ޑިގުރީއެކެވެ. ހިސާބު އިލްމުގެ ރޮނގުންނާއި ސައިންސުގެ ރޮނގުންނާއި އަދި އަޚުލާގިއްޔާތުގެ (އެތިކްސްގެ) ރޮނގުންނެވެ.

އޭނާއަކީ ގިނަ ފޮތްތަކާއި އިލްމީ މަގާލާތުތަކުގެ (އާރޓިކަލްތަކުގެ) މުސައްނިފެކެވެ. އޭނާގެ ފޮތްތަކުގެ ތެރޭގައި 'ގޯޑްސް އަންޑަރޓޭކަރ: ހޫ ހޭސް ބެރީޑް ގޯޑް؟ (2009)؛ ގޯޑް އެންޑް ސްޓީވަން ހޯކިން: ހޫސް ޑިސައިން އިޒް އިޓް އެނީވޭ؟ (2011)؛ ގަނިން ފޯ ގޯޑް: އަ ކްރީޓީކް އޮފް ނިއު އެތީޒަމް (2011)؛ ޑިޓާރމިންޑް ޓު ބިލީވް: ދަ ސޮވެރިނިޓީ އޮފް ގޯޑް، ފެއިތު، ފުރީޑަމް އެންޑް ހިޔުމަން ރެސްޕޮންސިބިލިޓީ (2018)؛ ފައިންޑިން އަލްޓިމޭޓް ރިއަލިޓީ: އިން ސާރޗް އޮފް ދަ ބެސްޓް އާންސްވާރސް ޓު ދަ ބިގަސްޓް ކުއެސްޗަންސް (2018)، މިފޮތް ފޮތް ހިމެނެއެވެ.

ކިޔަވައިދެއްވުމާއި ފޮތް ލިޔުއްވުމުގެ އިތުރުން، ޕރ. ލެނޮކްސް ވަނީ މުނާޒިރެއްގެ (ޑިބޭޓަރެއްގެ) ގޮތުންވެސް ފާހަގަކުރެވި މަޝްހޫރުވެފައެވެ. ޚާއްސަ ގޮތެއްގައި ޕރ. ރިޗާރޑް ޑޯކިންސް އާއި މރ. ކްރިސްޓޮފަރ ހިޗިންސް އާއި ޑރ. މައިކަލް ޝާރމަރ ފަދަ ދީނާއި އިދިކޮޅު ލާއިލާހިއްޔަތުގެ އިލްމުވެރިންނާއި ދީނާއި މެދު ޝައްކުކުރާ އިލްމުވެރިންނާއި މުނާޒަރާކުރައްވާ އިލްމުވެރިޔެއްގެ ގޮތުގައެވެ. (މި މުނާޒަރާތައް ޔޫޓިޔުބުން ބަލާލެވޭނެއެވެ.)

ތަގުރީރުގެ ޖުމްލަ މާނައިގެ މައްޗަށް ބަލައިލުން: މި ތަގުރީރުގައި ބަލާލެވެނީ ސައިންސާއި ދީނާއި ދެމެދުގެ ގުޅުމުގެ މައްޗަށެވެ. ތަގުރީރުގައި ސާބިތުކޮށްދޭން މަސައްކަތްކުރެވެނީ ސައިންސާއި ދީން ފުށުނާރާކަމެވެ. އަދި ސައިންސުގެ ހޯދުންތައް ކަލަކު ވޮޑިގެންވާކަމަކީ ބާތިލު ކަމެއްކަން ސާބިތު ނުކޮށްދޭކަމެވެ. އަދި ކުރިން ބުނިފަދައިން، ސައިންސުގެ ހޯދުންތަކަށް އެކަން އެ ގޮތަށް ސާބިތު ނުކޮށްދެވޭނޭ ކަންވެސް ޕރ. ލެނޮކްސް ބަޔާންކޮށްދެއްވައެވެ. މިކަމުގެ ތަފްސީލު ތަގުރީރުންނާއި އަދި ތަގުރީރުގެ ޚުލާސާއިން ވެސް އެނގިގެންދާނެއެވެ.

މިބައި ނިންމާލުމުގެ ގޮތުން ބޭނުންވަނީ ލާއިލާހިއްޔަތުގެ، ދީނާ އިދިކޮޅު ވާހަކަތައް، މައިގަނޑުގޮތެއްގައި އަމާޒުވަނީ ކޮންކޮން ކަންތަކަކަށްތޯ ފާހަގަކޮށްލުމެވެ. ކަލަކު ވޮޑިގެންވުމުގެ މައިގަނޑު އެއް ހެކި ގުޅެނީ ކައުނާއި (ޔުނިވާރސާއި) ކާއިނާތުގެ އުފެއްދެވުމުގެ މައްޗަށެވެ. ކީރިތި ގުރުއާނުގައި ވެސް، ކައުނާއި ކާއިނާތުގެ އުފެއްދެވުމުގެ މައްޗަށް ވިސްނުމުގެ ނަޒަރު ހިންގުމަށް ބާރުއެޅިފައިވެއެވެ. ކަލަކު ވޮޑިގެންވާކަން ދެނެގަތުމަށްޓަކައެވެ. މިސާލަކަށް ޒުމަރު ސޫރަތުގެ 38ވަނަ އާޔަތުގައި އައިސްފައިވެއެވެ. ولئن سألتهم من خلق السماوات والأرض ليقولن الله (އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ އެމީހުން ކުރެން އަހައިފި ނަމަ "އެއެއްޗެހި އުފެއްދެވީ" މާތްﷲއޭ ހަމަކަށަވަރުންވެސް އެމީހުން ބުނާނެއެވެ.) އަދި ޠާރިޤު ސޫރަތުގެ ފަސްވަނަ އާޔަތުގައި އައިސްފައިވެއެވެ. فلينظر الإنسان مم خلق (އިންސާނާ ނަޒަރުހިންގައި ބަލާހުށިކަމެވެ. އޭނާ އުފެދިފައިވަނީ ކޮންއެއްޗަކުން ކަމާ މެދުގައެވެ.) މިއާޔަތްތަކުގައްޔާއި، އަދި މިފަދަ މާނަ އެކުލެވޭ އެހެން އާޔަތްތަކުގައި ވެސް، ކައުނާއި ކާއިނާތުތަކާ މެދު ވިސްނާ ފިކުރުކުރުމުގެ ނަޒަރު ހިންގާލުމަށް ގޮވާލެވިފައިވެއެވެ. އެއެއްޗެހި އުފެއްދެވި ފަރާތެއް އޮތްކަމާ ހަމައަށް ބުއްދީގެ އަލީގައި ވާސިލުވެ ދިޔުމަށްޓަކައެވެ. މީގެ އިތުރުން، ކައުނުގައްޔާއި އަދި ކާއިނާތުތުތަކުގައި ލެއްވިފައިވާ ހަމަތަކާއި ގާނޫތަކުގެ މައްޗަށްވެސް ވިސްނުމުގެ ނަޒަރު ހިންގުމަށް އިޝާރަތްކުރެވިފައިވެއެވެ. މިކަންކަމީ ހަމަ ހުރެފައި އަމިއްލައަށް ނުވާނޭކަމެއްކަމާއި މިކަންކަން ވުޖޫދަށް ގެނައި ފަރާތެއް ވެސް އޮންނަން ޖެހޭނޭކަން ދެނެގަތުމަށްޓަކައެވެ. މިސާލަކަށް މުލްކު ސޫރަތުގެ ތިންވަނަ އާޔަތުގައި އައިސްފައިވެއެވެ. ... ما ترى في خلق الرحمن من تفاوت ... (ރަހުމާނުވަންތަކަލާނގެ އުފެއްދެވި އުފެއްދެވުމެއްގައި އެއްވެސް އުނިކަމެއް ފެންނާކަށް ނޯންނާނެއެވެ.) މި ފުރިހަމަކަން އަންނަނީ ކަނޑައެޅިފައިވާ ވަކި ހަކަތަކަކާއި ގާނޫނުތަކެއްގެ ދަށުން ތަބީއީ ކަންކަން ހިނގާތީއެވެ. ކައުނުގައި އިރާއި ދުނިޔެއާއި އެހެނިހެން ކައުކަބުތަކުގެ ދުރު ކައިރި މިނުގެ މައްޗަށް ނަޒަރު ހިންގަވާލައްވާށެވެ. މިއާޔަތުގައި އިޝާރަތްކުރާ ހަގީގަތް ފެނިގެންދާނެއެވެ. މިސާލަކަށް ދުނިޔެއާއި އިރާ ދެމެދު އޮތް ދުރުމިނަށް ބަދަލެއް އައިސް، އެ ދުރުމިން ކައިރިވިނަމަ ނުވަތަ ދުރުވިނަމަ ދުނިޔޭގައި އެއްވެސް ކާއިނަކަށް ދިރިއެއް ނުހުރެވުނީހެވެ. މިކަމުގެ ތަފްސީލު އޭ. މޮރިސަންގެ 'މޭން ޑަސް ނޮޓް ސްޓޭންޑް އެލޯން' މިފޮތުން ލިބޭނެއެވެ. މީގެ އިތުރުން އަޚުލާގީ ގޮތުން ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި މާނަވީގޮތެއްގައި ކަނޑައަޅާލުން ވެސް އިލާހަކު ވޮޑިގެންވުން ލާޒިމުކުރެއެވެ. އެހެންނޫނީ މިކަމަކީ ހާލަތު ނިޔާކުރާ ގޮތުން، އަބަދުމެ، ބަދަލުވެ ބަދަލުވެ އޮންނަ ކަމަކަށް ވެދާނެއެވެ. އަދި އާޚިރުގައި އިންސާނާ އޭނާގެ އަމަލުތަކަށް މަސްއޫލުވާކަށް ވެސް ނުޖެހޭނެއެވެ. އެހެން ކަމަށްވާ ނަމަ މީހުން މެރުމާއި ނުމެރުން، ވައްކަން ކުރުމާއި ނުކުރުން، ތެދުބުނުމާއި ދޮގުހެދުން މިކަންކަމުގައި އެއްވެސް ތަފާތެއް ނެތެވެ. އަދި ތިމާގެ ނުވަތަ ތިމާގެ ޖަމާއަތުގެ މަސްލަހަތު ނިޔާކުރާކަމަށް ވަންޏާ، ރަނގަޅު ނުރަނގަޅަށް، ހެވާއި ނުބަޔަށް، ބެލުމެއްނެތި، މީހުން މެރުމާއި ވައްކަންކުރުމާއި ދޮގުހެދުން ފަދަ ނުބައި ކަންކަން ވެސް ކުރަންވީއެވެ. އެފަދަ ކަންކަން ކުރުމަށް ހުރަސްއަޅާނޭ، މަސްލަހަތު ނިޔާކުރާގޮތުން، ބަދަލުނުވެ އޮންނާނެ، ހަރުދަނާ އަޚުލާގީ މިންގަޑެއް ކަނޑައަޅާނުލެވޭނެތީއެވެ. ކީރިތި ގުރުއާނުގައި މިކަމަށް ވެސް އިޝާރަތްކުރެވިފައިވެއެވެ. ޣާފިރު ސޫރަތުގެ 58ވަނަ އާޔަތުގައެވެ. وما يستوي الأعمى والبصير والذين آمنوا وعملوا الصالحات ولا المسيئ قليلا ما تذكرون (ލޯ ކަނުމީހަކާއި ލޮލަށް ފެންނަމީހަކާއި ހަމަހަމަވެގެންނުވެއެވެ. ހަމައެހެންމެ އީމާންވެ، ހެޔޮ އަމަލުތައް ކުރުންމަތީ ދެމިތިބޭ މީހުންނާ ނުބައިކަންތައް ކޮށްއުޅޭ މީހަކާ ވެސް ހަމަހަމަ ވެގެން ނުވެއެވެ. ކަލޭމެން މިކަން ހަނދާންކޮށް "މިކަމާ މެދު ފިކުރުކޮށްލަނީ" ހާދަހާ ވެސް މަދުންނެވެ.) އަދި މީގެ އިތުރުން، ހަޔާތުގެ މަގުސަދެއް ބޭނުމެއް އޮތްކަމަށް ބެލެވެނީވެސް ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލުކުރެވިގެންނެވެ. އެހެން ނޫންނަމަ، އުފަންވުމާއި، ދިރި ހުރުމާއި، މަރުވެ ދިޔުމުގެ ވެސް ބޭނުމެއް މާނައެއް އޮތްކަމަކަށް ނުފެނެއެވެ. މިކަމަށްވެސް އިޝާރަތްކޮށް ކީރިތި ގުރުއާނުގައި އާޔަތްތައް ބާވާލެއްވިފައިވެއެވެ. މިސާލެއްގެ ގޮތުން މުއުމިނޫން ސޫރަތުގެ 115ވަނަ އާޔަތް ފުދެއެވެ. أفحسبتم أنما خلقناكم عبثا وأنكم إلينا لا ترجعون (ތިމަން ރަސްކަލާނގެ ކަލޭމެން ހެއްދެވީ ހަމަ ކުޅިވަރަކަށްކަމަށާއި އަދި ތިއަބައިމީހުން ތިމަން ރަސްކަލާނގެ ހަޟްރަތަށް އަލުން އަނބުރާ ނުގެންދެވޭނެކަމަށް ތިއަބައިމީހުން ހީކުރަނީ ހެއްޔެވެ؟)

ދީނަކީ ބާތިލު އެއްޗެއްކަމާއި އިލާހަކު ވޮޑިގެންވުމަކީ ހަގީގަތެއް ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން ލާއިލާހިއްޔަތުގެ ވާހަކަތައް މައިގަނޑުގޮތެއްގައި އަމާޒުކުރެވެނީ މިބަޔާންކުރި ކަންކަމާއިއެވެ. ކައުނާއި ކާއިނާތު އުފެދުނީ ކިހެނެއްކަން ސައިންސުގެ ހޯދުންތަކުގެ އަލީގައި މިކަންކަން އޮޅުންފިލުވާދިނުމާއި އަދި ހަމަ އެހެންމެ، ސައިންސުގެ އަލީގައި އަޚުލާގީ މިންގަނޑުތަކެއް ކަނޑައަޅާލައި ހަޔާތުގެ މަގުސަދުވެސް ބަޔާންކޮށްދިނުމާއެވެ. މިގޮތުން ކާއިނާތުތައް އުފެދުނީ ކިހިނެއްކަން އޮޅުންފިލުވައި ދިނުމުގެ ގޮތުން ޗާރލްސް ޑާރވިންގެ ތަތައްވުރުގެ ނުވަތަ އެވޮލޫޝަންގެ ނަޒަރިއްޔާ ބޭނުންކުރެވެއެވެ. އެ ނަޒަރިއްޔާ ދައްކުވައިދޭން މަސައްކަތްކުރަނީ ކާއިނާތުތައް އުފެދުމަށް އިލާހީ ބާރެއް ބޭނުންނުވާކަމެވެ. އެންމެ ސެލްއެއްގެ މައްޗަށް އެކުލެވޭ ސާދާ ކާއިނެއްގެ ސެލް، އެތައް އެތައް މިލިޔަން އަހަރުތަކަކަށް ފަހު، ގިނަގުނަވެ، މުއައްގަދު (ކޮމްޕްލެކްސް) އެހެން ކާއިނާތުތަކަށް ބަދަލުވެ، ތަފާތު ކާއިނާތުތައް އުފެދިދަނީ ކަމަށް ބުނެ، ކާއިނާތުތަކުގެ އުފެދުން އޮޅުންފިލުވައިދީގެންނެވެ. މީގެ އިތުރުން، އިލާހަކު ނުލައި، ކައުނު އުފެދިފައިވަނީ ކިހިނެއްކަން ވެސް އޮޅުންފިލުވައިދެވޭތޯ ލާއިލާހިއްޔަތުގެ ފޮތްތައް މަސައްކަތްކުރެއެވެ. މިގޮތުން މިހާތަނަށް އެންމެ ވަރުގަދަ އިލްމީ ނަޒަރިއްޔާއެއް ހުށަހަޅާލެއްވީ ޕރ. ސްޓީވަން ހޯކިންއާއި ޕރ. ލިއޯނާރޑް މްލޯޑިނޯވްއެވެ. ކުވަންޓަމް ފިޒިކްސްގެ އަލީގައި މި ދެ އިލްމުވެރިން ލިއުއްވި 'ދަ ގްރޭންޑް ޑިސައިން' މި ފޮތުގައެވެ. އަދި މީގެ އިތުރުން، އަޚުލާގިއްޔާތުގެ މައްސަލައާއި އަދި ހަޔާތުގެ މަގުސަދުވެސް ސައިންސުގެ އަލީގައި ކަނޑައެޅިދާނޭކަމުގެ މައްޗަށްވެސް ލާއިލާހިއްޔަތުގެ ވާހަކަތައް އަމާޒުކުރެވެއެވެ. މަތީގައި ބަޔާންކުރެވުނު ފަދައިން މިހުރިހާ އޮޅުންފިލުވައިދިނުމެއް ވެސް ސާފުކޮށްދެނީ ކަންކަން ވާ ގޮތެވެ. އެކަން އެހެންވާން ދިމާވި އެންމެ ފުރަތަމަ ސަބަބު އިލްމީ ތަޖުރިބާގެ އަލީގައި ބަޔާންކޮށެއް ނުދެވެއެވެ. އެ ފުރަތަމަ ސަބަބަކީ މާތްﷲއެވެ. އެހެންވެ، ކުރިންވެސް ބުނެވިދިޔަ ފަދައިން، ސައިންސު ގޮވާލަނީ ކަލަކު ވޮޑިގެންވާ ކަން ގަބޫލުކުރުމަށެވެ.

ޕރ. ލެނޮކްސްގެ ތަގުރީރުގައި ލާއިލާހިއްޔަތުގެ މައިގަނޑު ވާހަކަތަކުގެ މައްޗަށް ބައްލަވާލައްވައި އެކަމަށް ރައްދުދެއްވާފައިވެއެވެ. މިރައްދުގެ ވާހަކަތައް، ސާފުކޮށްދިނުމުގެ ގޮތުން އިތުރުކޮށްލެވޭ ބައެއް އިތުރުކޮށްލުންތަކާއިއެކު، ތަގުރީރުގެ ޚުލާސާގައި އިރާދަކުރެއްވިއްޔާ ހުށަހަޅާލެވޭނެއެވެ.

(ނުނިމޭ)

ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މަވްޟޫޢުތަކަށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުގެ ދަރިކަލެކެވެ. މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު އޭނާ ފުރަތަމަ ޑިގްރީ ނެންގެވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލު ކުރެއްވުމަށް ފަހު ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ ދިރި އުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.