
ގްރޭޓަރ މާލެ ކަނެކްޓިވިޓީ-މާލެ ތިލަފުށި ލިންކް މަޝްރޫއުގެ ޖިއޯޓެކްނިކަލް ދިރާސާ މަސައްކަތްތަކަށް ބޯހޯލް ތުރުފަން މިއަދު ފަށައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ވިދާޅުވެފައިވަނީ އެމަސައްކަތް ކުރިއަށްދާނީ މާލެއާއި ވިލިގިލި ދެމެދުގެ ކަނޑުގެ ސަރަހައްދުގައާއި ވިލިގިލީ ދެކުނު ފަރުމަތީގައި ކަމަށެވެ. އެ ސަރަހައްދުގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޚާއްސަ ޕްލެޓްފޯމްތަކެއް ބަހައްޓައިގެން ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިމަސައްކަތް ކުރިއަށް ގެންދާއިރު ޕްލެޓްފޯމް ފަށައިގެން 100 މީޓަރު ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުރައްކާތެރި ސަރަހައްދެއް ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެސަރަހައްދުން ދަތުރު ކުރާމީހުން، އެ މަސައްކަތް ނިމެންދެން ޚާއްސަ ސަމާލުކަމެއް ދީގެން ދަތުރު ކުރުމަށް މިނިސްޓްރީން ވަނީ އަންގަވައިފައެވެ.
އޭގެ އިތުރުން އެސަރަހައްދަށް މޫދަށް އެރި އުޅުމާއި ޑައިވް ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ މިއަދުން ފެށިގެން އެ މަސައްކަތް ނިމެންދެން އެސަރަހައްދަށް މޫދަށް އެރުމާއި ޑައިވްކުރުމަކީ މަނާކަމެއް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މަޝްރޫޢުއަކީ އިންޑިއާގެ އެހީގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.